(22 އޯގަސްޓުގެ އަދަދާ ގުޅޭ)
ކާއޫސު ބުންޏެވެ. "ދަރިފުޅު އިސްލާމްވެވަޑައިގެންފިނަމަ ދަރިފުޅާއި ޒަރުބަޚުތު ދިރިއުޅުއްވުން އެކައްޗަކަށް ވާނެކަމުގައެއް އަޅުގަނޑަކަށް ވަޢުދެއް ނުވެވޭނެއެވެ. އެކަމަކު ދަރިފުޅު އިސްލާމްވެވަޑައިގެންފިނަމަ ދަރިފުޅަކީ ގިނިކަންޏާ ހުންނެވި އެހީތެރިޔަކު ނެތް ބޭފުޅެއް ކަމަކަށެއް އިޙުސާސެއް ނުކުރެއްވޭނެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ އިލާހަށް ބޯލަނބައި ކިޔަމަންވެވިދާނެއެވެ. އެކަލާނގެ ޙަޟުރަތުން މަދަދު އެދެވިދާނެއެވެ. އެކަލާނގެ ޙަޟުރަތަކަށް ޝަރުޠުތަކެއް ހުށައެއް ނޭޅޭނެއެވެ. ދަރިފުޅު އެކަލާނގެ ޙަޟުރަތުން އެހީތެރިވަންތަކަމާއި ވާގި ލިބިވަޑައިގަތުން ބޭނުންފުޅު ކަމުގައިވާނަމަ ދުނިޔޭގެ މުސީބަތްތަކުން ރައްކާތެރިކޮށްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާނެގޮތް ماه بانو ދަރިފުޅަށް ދަސްކޮށްދެއްވާނެއެވެ. މުސީބާތްތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ އެންމެބޮޑު ވާގިވެރިޔަކީ އަދި މަދަދުގާރަކީ އެކަލާނގެއެވެ. ދަރިފުޅު އިށީނދެވަޑައިގަންނަވާށެވެ. އަޅުގަނޑު ހަމަޖެހިލައިގެން ދަރިފުޅާ ވާހަކަ ދައްކައިލަން ބޭނުމެވެ."
ކާއޫސު އިށީނދެއްޖެއެވެ. يـاسمـين ވެސް ކާއޫސުގެ ކުރިމަތީގައި އިށީނދެވަޑައިގެންފިއެވެ. ކާއޫސު އިސްލާމްދީނުގެ މާތްކަމާއި ޙަޤީޤަތާ އެއްގޮތްކަމާއި ފުރިހަމަކަމާ ބެހޭގޮތުން ވާހަކަ ދައްކާން ފަށައިފިއެވެ.
ماه بانو ގަޑިޔެއްހައިއިރު ފަހުން އޭނާގެ ކޮޓަރީން ނުކުމެވަޑައިގެންނެވުމުން يـاسمـين އޭނާއަށް ވިދާޅުވިއެވެ. "ماه بانو އެވެ! ماه بانو އެވެ! މިކޮޅަށް ވަޑައިގެން ބައްލަވާށެވެ. ބޮޑުބޭބެ ކާއޫސު ކަލާއަށް އުފާވެރި ޚަބަރެއް ދެއްވާން ބޭނުންވެލައްވައެވެ."
ماه بانو ވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. ޖަވާބު އެދިވަޑައިގަންނަވާ ނަޒަރަކުން ކާއޫސާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. އޭނާ އިރުކޮޅަކުން ވިދާޅުވިއެވެ. "ބޮޑުބޭބެއެވެ! ކީއްވީހެއްޔެވެ؟"
ކާއޫސު ހީނލިއެވެ. "ދަރިފުޅާއެވެ. އަޅުގަނޑު ދަރިފުޅަށް އުފާވެރި ޚަބަރެއް ދަންނަވަން ބޭނުމެވެ. މީގެފަހުން ދަރިފުޅަށް މިގޭގައި ކޮޓަރި ބަންދު ކުރައްވައިގެން ހުންނަވައި ނަމާދު ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. يـاسمـين މާތް اللّـه ގެ ދީން ގަބޫލު ކުރައްވައިފިއެވެ."
ماه بانو يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. يـاسمـين ތެދުވެވަޑައިގެން ماه بانو އާ އޮޅުލައިވަޑައިގެންފިއެވެ.
+ + + + +
ވިދިގެންއައި ދުވަހުގެ ހަވީރު ޒަރުބަޚުތު ގެޔަށް ވަޑައިގެންނެވިއިރު ހުންނެވީ ޢަސްކަރީ ހެދުންކޮޅުގައެވެ. އޭނާ މެދުގޯތި ތެރޭގައި ماه بانو އާއި يـاسمـين ގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އިރުކޮޅެއްވަންދެން ހަނުހިމޭންކަމާއެކު އެބޭފުޅުންނާ ދިމާޔަށް ބައްލަވަން އިންނެވިއެވެ. އެންމެފަހުން ماه بانو ވިދާޅުވިއެވެ. "ބޭބޭފުޅާއެވެ! ހެދުންކޮޅު ބަދަލެއް ނުކުރައްވާނުތޯއެވެ؟"
"އާދޭހެވެ." އޭނާ ޖަވާބު ދެއްވިއެވެ. އަޅުގަނޑު ހަމަމިހާރު މިއުޅެނީ ދާންވެގެންނެވެ. މިއައީ ތިޔަބޭފުޅުންނަށް ތަސައްލީ ދޭންވެގެންނެވެ."
"ފަރީއްކުޅުއްވާނު ދޮގެއްތޯއެވެ."
"ނޫނެކެވެ. އަޅުގަނޑު ދަޢުވަތަކަށް ދާންވެފައި އެބައޮތެވެ. އެތަނުން ނިމިގެންދާނީ ކިއްލާއަށެވެ. މިރޭ ހުންނާނީ ކިއްލާގައެވެ. މިދުވަސްވަރު އަޅުގަނޑު އުޅޭނީ ވަރަށް އަވަދިނެތިއެވެ."
يـاسمـين ވިދާޅުވިއެވެ. "އާދުމާނު ވިދާޅުވާގޮތުގައި ކަލާއާ ކޮންމެވެސް މުހިންމު ޒިންމާއެއް އެބަ ހަވާލުކުރެވެއެވެ."
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ޝަހެންޝާހު އަޅުގަނޑާ ވަނީ ބެހެރާޝޭރު ޙިމާޔަތްކުރުމަށްޓަކައި އައު ލަޝްކަރެއް އުފެއްދުމުގެ މަސައްކަތް ހަވާލުކުރައްވައިފައެވެ. އީރާނުގެ ހުރިހާ ފާޖުތަކެއްގައިތިބި އެންމެ ރަނގަޅު ސިފައިންނާއި އޮފިސަރުން އެ ލަޝްކަރަށް ނެގުމުގެ އިޚުތިޔާރު ވަނީ ދެއްވައިފައެވެ."
ماه بانو މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "ތިޔަ ވިދާޅުވާ ލަޝްކަރު ތައްޔާރުވުމުން ލަޝްކަރުގެ ކޮމާންޑަރުކަން އޮންނާނީ ބޭބޭފުޅުގެ އަތްޕުޅުގައެވެ. ބޭބެއާ ހަވާލުކުރެވޭނީ އެހެން އެއްވެސް ޖަނަރަލަކު ހަވާލުވެވަޑައިގަންނަވަން އެއްބަސްވެވަޑައިނުގެންނެވި މުހިންމަތެކެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ماه بانو އެވެ! ތިޔަ ހިތްހަމަނުޖެހޭ ބަހުސު ދެވަނަފަހަރަށް ހުޅުއްވުމުގެ ބޭނުމެއް ނެތެވެ. ޝަހެންޝާހާއި ސިފައިންގެ އިސްކޮށް ތިއްބެވި ކޮމާންޑަރުން ބޭބެއަކީ ޒިންމާއަކާ ހަވާލުކުރަން އެކަށީގެންވާ މީހަކު ކަމުގައި ދެކެވަޑައިގަންނަވާނަމަ ބޭބެ އެބޭފުޅުން މާޔޫސެއް ނުކުރާނަމެވެ. ބޭބެއަކީ ރުސްތުމު ފަދައިން ފާލުބަލާ މީހެއް ނޫނީމެވެ. އެކަމަކު ބޭބެގެ ކޮއްކޮ ބޭބެއަކީ ހިތްވަރުގަދަ މީހެއްގެ ގޮތުގައި މަރުވުމުގެ ބަދަލުގައި ފިނޑިއެއްގެ ގޮތުގައި ދިރިހުރުމުގެ ފިލާވަޅު ދެއްވުމަކީ ބޭބެ ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ބަލިވެދާނެތީ ކޮއްކޮ ބިރުފުޅުގެން ވަޑައިގަންނަވާނަމަ ބޭބެ މިއަދުވެސް ކޮއްކޮ އަސްފަހާނަށް ފޮނުވައިދީފާނަމެވެ."
ماه بانو އިތުރަށް ވާހަކަފުޅު ދައްކަވާން ބޭނުންފުޅުވިއެވެ. ނަމަވެސް ޒަރުބަޚުތު ތެދުވެވަޑައިގެންފިއެވެ.
"ކަލާ ވަޑައިގަންނަވަނީތޯއެވެ؟" يـاسمـين ކީރިތިކުރެއްވޭ އަޑުފުޅަކުން ވިދާޅުވިއެވެ.
"އާދޭހެވެ. އަޅުގަނޑު ކުރާންވެފައިހުރި ވަރަށްގިނަ މަސައްކަތް އެބަހުއްޓެވެ."
"ކަލާ ماه بانو ދެކެ ކޯފާވީތޯއެވެ؟"
ޒަރުބަޚުތު ماه بانو ގެ އަރިހަށް ވަޑައިގެން އޭނާގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުންމަވަމުން ވިދާޅުވިއެވެ. "ماه بانو އަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަކަށެއް އޭނާދެކެ ރުޅިޔެއް ނާދެވޭނެއެވެ. ماه بانو އެވެ! މިއީ ރަނގަޅު ވާހަކައެއް ނޫންތޯއެވެ."
ماه بانو އިސްއުފުލައިލައްވައި މޮޅިވެރި ހިނިތުންވެވަޑައިގެންނެވުމަކާއެކު އޭނާގެ ބޭބެއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއާއެކު އޭނާގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ."
ޒަރުބަޚުތުގެ ހިތްޕުޅަށް އަސަރުކޮށްގެން ވިދާޅުވިއެވެ. "يـاسمـين އެވެ. އަޅުގަނޑުގެ ކޮއްކޯފުޅުގެ ހިތްޕުޅުވަނީ ވޭތުވެދިޔަ ހާދިސާތަކުގެ ސަބަބުން ވަރަށް ބަލިކަށިވެފައެވެ. އޭނާޔަށް ހިތްވަރު ދެއްވާށެވެ." ސިކުންތުކޮޅެއްހައިއިރު މަޑުކޮށްލެއްވުމަށްފަހު ޒަރުބަޚުތު ވަރަށް ބާރަށް ހިންގަވައިފައި ބާރަށް ވަޑައިގެންފިއެވެ.
ޒަރުބަޚުތުގެ މަސްއޫލިއްޔަތު އެއްދުވަހަށްފަހު އަނެއްދުވަހަކަށް ހައްތާވެސް އައީ އިތުރުވަމުންނެވެ. ބުރަވަމުން ގިނަވަމުންނެވެ. ބައެއް ދުވަސްދުވަހު އޭނާ ހަވީރު ގެއަށް ވަޑައިގަންނަވައެވެ. އޭނާ އާއްމުގޮތެއްގައި ރޭގަނޑުވެސް އުޅުއްވަނީ ގެއިން ބޭރުގައެވެ.
އެއްރެޔަކު އިރާކޮޅު އޭނާ ގެޔަށް ވަޑައިގެންފިއެވެ. ފަރީއްކުޅުއްވައި ނިމިވަޑައިގެންނެވުމާއެކު އަވަހާރަލައްޕަވަން އޮށޯވެވަޑައިގެންފިއެވެ.
ماه بانو އޭނާގެ އަރިހަށް ވަޑައިގެން ފަސްޖެހިވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "ބޭބޭފުޅު މިރޭ އާލާސްކަންފުޅާތޯއެވެ؟"
"ނޫނެކެވެ." އޭނާ ފުރޮޅިވަޑައިގަންނަވަމުން ޖަވާބު ދެއްވިއެވެ. "ތަންކޮޅެއް ބޮޑަށް ވަރުބަލިވީއެވެ." އިރުކޮޅެއްގެފަހުން އޭނާ އޮންނެވީ ގަދަޔަށް އަވަހާރަފުޅު ލައްޕަވައިފައެވެ.
+ + + + +
ރޭގަނޑު ކުޑަމެންދަމު يـاسمـين އަށް ހޭފުޅުލެއްވިއްޖެއެވެ. އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭހެން ހީފުޅުވެގެންނެވެ. އޭނާ އިރުކޮޅެއްވަންދެން ހިމޭނުން އޮންނެވިއެވެ. އިރުކޮޅަކުން ތެދުވެވަޑައިގެން ދޮރުކައިރިޔަށް ވަޑައިގެންފިއެވެ.
"يـاسمـين! يـاسمـين!" އޭނާ ދެނެވަޑައިގަންނަވާ އަޑުފުޅެއް އިވިވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ބާރަށް ތެޅޭންފަށައިފިއެވެ. އޭނާ ދޮރު ހުޅުއްވަން ބޭނުންފުޅުވިއެވެ. ނަމަވެސް ދޮރުފަތުގެ ޗޭނާ ހަމަޔަށް އަތްޕުޅު ގެންދެވުމަށްފަހު އަތްޕުޅަށް ހުއްޓުން އަރައިފިއެވެ. ޒަރުބަޚުތު ޖަލުން ސަލާމަތްވެވަޑައިގެންނެވިފަހުންވެސް އޭނާއާ އެކަހެރީން ވާހަކަފުޅު ދައްކަވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އެހެންކަމުން ރޭގަނޑުގެ އެވަގުތު އޭނާ يـاسمـين ގެ ކޮޓަރީގައި ޓަކިދެއްވުމަކީ އާދަޔާ ޚިލާފު ކަމެކެވެ. އިރުކޮޅެއްވީއިރުވެސް يـاسمـين އަށް ހައްދަވާނެގޮތެއް ނުނިންމެވުނެވެ. يـاسمـين އަށް ދެން ހީފުޅުވީ ޒަރުބަޚުތު އެނބުރި ވަޑައިގަންނަވަނީހެންނެވެ.
يـاسمـين ޖެހިލުންވެވަޑައިގެން ހުންނަވައި ދޮރު ހުޅުއްވައިލައްވައިފިއެވެ. ބޭރުގައި މީހަކު ނެތެވެ. ފެންޑާގެ ކަނުގައި ހުންނަ ޒަރުބަޚުތުގެ ކޮޓަރީން އަލި ފެނެއެވެ. އޭނާ މަޑުމަޑުން ކުރިޔަށް ވަޑައިގެންނެވިއެވެ. އަލި ފާއްދާ ދޮރުގެ ކައިރިޔަށް ވަޑައިގެން މަޑުކޮށްލެއްވިއެވެ. އޭނާގެ ހިތްޕުޅުގެ ވިންދު އަވަސްވެއްޖެއެވެ. ޒަރުބަޚުތު ހުންނެވީ ދަގަނޑު ދަހަނާގައެވެ. އޭނާގެ ޖެހިލުންވެވަޑައިގެންނެވުމުގެ މައްޗަށް ކަންބޮޑުވެވަޑައިގެންނެވުމާއި ބިރުފުޅު ވެރިވެގެންފިއެވެ. އޭނާ ކުރިޔަށް ވަޑައިގެން ކޮޓަރިތެރެ ބައްލަވާން ފައްޓަވައިފިއެވެ. ޒަރުބަޚުތު އޭނާ ކަނޑިކޮޅުގެ ތަސްމާ ހަރުކުރައްވަނީއެވެ. يـاسمـين ގެ ހިތްޕުޅު ހުއްޓުނުކަހަލައެވެ. "ކަލާ އަޅުގަނޑަށް ވިދާޅުވީމުތޯއެވެ؟" يـاسمـين ކޮޓަރިތެރޭގައި އެއްފިޔަވަޅު އަޅުއްވައިފައި ވިދާޅުވިއެވެ.
ޒަރުބަޚުތު އެނބުރިވަޑައިގެން يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ މޮޅިވެރި ރާގެއްގައި ވިދާޅުވިއެވެ. "يـاسمـين އެވެ! އަޅުގަނޑު ދަނީއެވެ. އަޅުގަނޑު ހުރީ ކަލާއަށް ދަންނަވާނުލައި ނުކުމެގެން ދާންކަމަށެވެ. އެކަމަކު އަޅުގަނޑަކަށް އެހެންނެއް ނެހެދުނެވެ. ކަލާގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރު ޓަކިޖަހައިލުމުން އަޅުގަނޑަށް ހީވީ ކަލާ އޮންނެވީ ގަދަ އަވަހާރަފުޅުގައި ކަމަށެވެ. ماه بانو ހޭފުޅުލެއްވިޔަނުދީ ކަލާއަށް އަލްވަދާޢު ނުދެންނެވޭނެ ކަމުގައެވެ. އަޅުގަނޑަށް އޭނާއާ ކުރިމަތިލާކަށެއް ނުކެރޭނެއެވެ."
"ކަލާ ތިޔަ ވަޑައިގަންނަވަނީ މިއަދު މުސްލިމުންނާ ޙަމަލަ ދެއްވަންތޯއެވެ؟"
"އާދޭހެވެ. އަޅުގަނޑާ ހަވާލުކޮށްފައިވާ މުހިންމަކީ މުހިންމުކަމާ އެއްވަރަށް ނުރައްކާތެރިވެސް މުހިންމެކެވެ. މިއަދު އަޅުގަނޑު ބާރަހާސް ފަހުލަވާނުން ގޮވައިގެން ރަށްބޭރަށް ނުކުމެ ދުޝްމިނުންނާ ޙަމަލަދޭނަމެވެ. އެސިފައިންނަކީ އީރާނުގެ ހުރިހައި ސިފައިންގެ ތެރެއިން ހޮވައިލައިގެން ނެގި ބާރަހާސް މީހުންނެވެ. އޭގެތެރެއިން ގިނަމީހުންނަކީ މުސްލިމުންނާ އެތައްފަހަރަކު ހަނގުރާމަ ކޮށްފައިވާ ތަޖުރިބާކާރު ހެވީންނެވެ. އޭގެތެރެއިން އެތައްސަތޭކަ ބަޔަކުވަނީ ރޫމީންނާވެސް ހަނގުރާމަ ކޮށްފައެވެ."
"ރުސްތުމުގެ ހައިބަބޮޑު ލަޝްކަރު ބަލިކޮށް ގިއްގަޅުވައިލި ލަޝްކަރަކާ ކުރިމަތިލާން ތިޔަ ވިދާޅުވި ބާރަހާސް މީހުން ފުދޭނެކަމުގައި ކަލާ ދެކެވަޑައިގަންނަވަމުތޯއެވެ؟"
ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "މި ޙަމަލައިގެ މަޤުޞަދަކީ ހިސާރު ދޫކޮށްލަން ނުވަތަ ޚަންދަޤު ފަހަތުގައިހުރި އެބައިމީހުންގެ މަރުކަޒުތަކުން ބޭރަށްނުކުމެ ޙަމަލަދޭން ދުޝްމިނުންނަށް މަޖުބޫރުވާފަދަ ޙާލަތެއް ކުރިމަތިކުރުމެވެ. އަޅުގަނޑުމެން ހިސާރުވުމަށްފަހަކު އަޅުގަނޑުމެންނަކަށް ބެހެރާޝޭރުގެ ވަރުގަދަ ބޭރުފާރުގެ އެއްވެސް ފައިދާއެއް ނުހޯދެއެވެ. އޭގެ އެއްސަބަބަކީ މުސްލިމުން މިހައިތަނަށް ބޭރުފާރަށް ވަރުގަދަ ޙަމަލައެއް ދީފައިނުވުމެވެ. އެބައިމީހުންވަނީ އެބައިމީހުންގެ މުޢަސްކަރުގެ ކުރިމަތީގައި ޚަންދަޤު ކޮނެފައެވެ. ޚަންދަޤުގެ ބިއްދޮށުގައިހުރި އެބައިމީހުންގެ މަރުކަޒުތައް ހުރީ އަޅުގަނޑުމެންގެ ދުނިފަށަށްވުރެ ދުރުގައެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ޚަންދަޤުގައި ރަށުގެ ބޭރުފާރާ ހަމަޔަށް އާދެވޭގޮތަށް އޮތީ ވަރަށްހަނި ތިން މަގެވެ. އަޅުގަނޑުމެންނަށް ކުޑައިރުކޮޅަކަށް ނަމަވެސް އެމަގުތަކަށް ވެރިވެވިއްޖެނަމަ މަދާއިނުގެ ލަޝްކަރު އަޅުގަނޑުމެންގެ ފަހަތުގައި ޖައްސައިލައިފައި އޮންނާނެއެވެ. އޭރުން އަޅުގަނޑުމެންނަށް އެއްގަޑިއިރުގެ ތެރޭގައި އެ ޚަންދަޤު އެތައްތަނަކުން ބަރައިލެވިދާނެއެވެ. މިކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދިއްޖެނަމަ އަޅުގަނޑުމެންނަށް ދުޝްމިނުންގެ ލަޝްކަރުގެ ފަހަތަށްދާން އަޅުގަނޑުމެންގެ ލަޝްކަރަށް މަގު ހުޅުވައިދެވިދާނެއެވެ. ދުޝްމިނުންގެ ޖަވާބީ ޙަމަލަ މާވަރުގަދަކަމަށް ފެނިއްޖެނަމަ ފަހަތަށް އެނބުރި އައުމުގައި އަޅުގަނޑުމެންނަށް ކުޑަވެސް ނުރައްކަލެއް ނޯންނާނެއެވެ. މި ޙަމަލައިގައި އަޅުގނޑުމެންނަށް ދުޝްމިނުންގެ ދެހާހެއްހައި ސިފައިން މަރައިލެވިއްޖެކަމުގައިވާނަމަ އެބައިމީހުންގެ ލަޝްކަރުގެ ހިތްވަރު އެލުނަ ނުދިނުމަށްޓަކައި އެބައިމީހުންނަށް ވަރުގަދަ ރައްދު ޙަމަލައެއްދޭން މަޖުބޫރުވާނެއެވެ. އެއީ އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ ގޮތެވެ. އަޅުގަނޑުމެން އެބައިމީހުން ހިމޭނުން ތިއްބަދީފިނަމަ ހިސާރުގެ މުއްދަތު ދިގުވުމަކީ އެބައިމީހުންނަށް މައްސަލައެއް ނޫނެވެ. އެބައިމީހުން އެތިބީ ޢިރާޤުގެ ވިޔަން ބިންތަކަށް ވެރިވެގެންނެވެ. ދަނޑުވެރީންނާއި ބިންވެރީންގެ އެއްބާރުލުމާއެކު ޢަސްކަރީ ފޯރުމާލަކީ މިހާރު އެބައިމީހުންނަކަށް މައްސަލައެއް ނޫނެވެ. ދުޝްމިނުންގެ ހިތްވަރު އާވެފައިވަނީ މާޒީގައި ތަކުރާރުކޮށް އެބައިމީހުންނަށް ލިބިފައިވާ ފުތޫހާތުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ދެރަވެފައިވާނީ ހުއްޓުމެއްނެތި ލިބެމުންދާ ނާކާމިޔާބީތަކުގެ ސަބަބުންނެވެ. އަޅުގަނޑުމެންނަށް އެންމެ ރަނގަޅުގޮތަކީ ދެފަރާތުގެ ދެމެދުގައި ގަދަވުމާއި ބަލިވުމުގެ ނިޔާކަނޑައެޅޭ ހަނގުރާމައެއް ވީހައިވެސް އަވަހަކަށް ހިނގުމެވެ. އެހެންކަމުން ދުޝްމިނުން އެބައިމީހުންގެ ޚަންދަޤު ހުރަސްކޮށް ބެހެރާޝޭރުގެ މައިފާރަށް ޙަމަލަދޭން މަޖުބޫރު ވަންދެން އަޅުގަނޑުމެންގެ ޙަމަލަ ދަމަހައްޓާނޫއެވެ. އޭރުން ނާކާމިޔާބު ޙަމަލަތަކަކަށްފަހު ބަހެރާޝޭރުގެ މައިފާރަކީ ގިރާނުކުރެވޭނެ ފާރެއްކަން އެނގުމުން ހިސާރު ދޫކޮށްލުންނޫން އެހެންގޮތެއް ދުޝްމިނުންނަކަށެއް ނޯންނާނެއެވެ. يـاسمـين އެވެ. އަޅުގަނޑު މިހައި ތަފްސީލުކޮށް މިވާހަކަތައް މިދެންނެވީ އަޅުގަނޑުގެ ކޮއްކޮއެކޭ އެއްގޮތަށް ކަލާވެސް އަޅުގަނޑަކީ މޮޔައެކޭ ހީފުޅުކުރައްވައިފާނެތީއެވެ. އަޅުގަނޑު ގަބޫލުކުރަމެވެ. މިއީ ވަރަށް ނުރައްކާތެރި ޙަމަލައެކެވެ. އަޅުގަނޑުމެން ޚަންދަޤާ ކައިރިވާއިރަށް ދުޝްމިނުންގެ ދުނިތަކުގެ ވާރެޔާ ކުރިމަތިލާން ޖެހޭނެއެވެ. އެކަމަކު ދުޝްމިނުންގެ ހިތްވަރު އެލުވައިލައި އެބައިމީހުންނަށް މުހާސިރާ ދޫކޮށްލަން މަޖުބޫރު ކުރުވޭނެ އެހެންގޮތެއް ނެތެވެ. ފަތަޙައަކީ ޤުރުބާނީތަކަކާ ނުލައި ލިބޭނެ އެއްޗެއް ނޫނެވެ. މިރޭގެ ފަޖުރުލުމާއެކު ބެހެރާޝޭރުގެ މައިފާރުން ބޭރަށް ނުކުންނަ މީހުންގެ ތެރެއިން އެތައްސަކޭތަ ބަޔަކީ އެނބުރި އާދެވޭނެ މީހުންނެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ އެންމެފަހުގެ ބައްދަލުވުންކަމުގައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު އަޅުގަނޑަށް އެނބުރި އާދެވި ބެހެރާޝޭރާއި މަދާއިން ދިފާޢުކުރެވިއްޖެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެންނެވިއްޖެނަމަ އަޅުގަނޑަށް ޔަގީނެވެ. އަޅުގަނޑުގެ އަތުގައި ކަނޑިޔެއް އޮއްވައި ފެނިވަޑައިގަންނަވާ ކޮންމެފަހަރަކު އަޅުގަނޑުގެ ކޮއްކޮ ކަރުނަ އަޅުއްވަން ބޭނުންފުޅު ކަމަކަށް ދެކެވަޑައެއް ނުގަންނަވާނެއެވެ."
يـاسمـين އޭނާގެ ކަރުނަފޮދު އޮބަހައްޓަވަމުން ގެންދެވީ ވަރަށް އުނދަގުލުންނެވެ. އޭނާ ވިދާޅުވިއެވެ. "ކަލާގެ އުންމީދުތައް ހާސިލު ކުރެއްވޭނީ ކިހައިވަރަކަށްކަމެއް އަޅުގަނޑަކަށެއް ނޭނގެއެވެ. އަޅުގަނޑަށް އެނގޭކަމަކީ އަޅުގަނޑުގެ މުލައްދަނޑީގައި އެހައި ބާރުހުރިނަމަ އަޅުގަނޑު ކަލާ ހުއްޓުވާނެކަމެވެ. އަޅުގަނޑުގެ ވާހަކައިން ކަލާއަށް އަސަރެއް ފޯރާނެކަމުގެ އުންމީދެއް އޮތްނަމަ އަޅުގަނޑު ބާރަށް ހަޅޭއްލެވީމުހެވެ. ކަލާއަށް އިރުގެ އަލިކަން ދެކެވަޑައިނުގަންނަވާންވެގެން ލޯފުޅު މަރުއްވައެއް ނުލެއްވޭނެއެވެ. ހެނދުނުގެ އިރު އޭގެ ފާންކަމާއެކު އުދަވުމެއް ކަލާއަކަށް ނުހުއްޓުވޭނެއެވެ."
ޒަރުބަޚުތުގެ މުޅި ހަށިކޮޅު އިރުކޮޅެއްވަންދެން ތުރުތުރު އެޅިއެވެ. އޭނާ ވިދާޅުވިއެވެ. "يـاسمـين އެވެ. ތިޔައީ ކަލާގެ އަމިއްލަފުޅު ޢިބާރަތަކަށް ނުވާނެއެވެ."
يـاسمـين ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް މިޔަށްވުރެ ގިނަ ވާހަކަވެސް ދެއްކިދާނެއެވެ. އެކަމަކު ކަލާއަށް އަޑެއް ނުއެއްސެވޭނެއެވެ."
ބޭރުން ޚާދިމަކު ގޮވައިލިއެވެ. "ސާހިބާއެވެ. ސިފައިންގެ ދެމީހުން އެބަ ދަންނަވައެވެ. އެމީހުން މަނިކުފާނުގެ އަސްކޮޅުވެސް ގެނެސްފިއެވެ."
"އެމީހުންގެ ގާތުގައި އަހަރެން އެބައާދެޔޭ ބުނާށެވެ." ޚާދިމު އެނބުރި ހިނގައްޖެއެވެ. ޒަރުބަޚުތު يـاسمـين އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިހާރަކު އެއްވެސް ބަހުސަކަށް ވަގުތެއް ނެތެވެ. އަޅުގަނޑު ދަނީއެވެ. އަޅުގަނޑު މިދަނީ މިއީ އަޅުގަނޑުމެންގެ އެންމެފަހު ބައްދަލުވުންކަމުގައި ނުވާނެކަމުގެ އުންމީދާ އެކުގައެވެ. އަޅުގަނޑު އެނބުރިއައިސް އެއްވެސް ޖެހިލުންވުމެއް ބިރުވެތިކަމެއް ހިތާމައެއްނެތި ކަލާގެ އަރިހުގައި ދަންނަވާނީ މިހާރު އަޅުގަނޑުގެ ދުލަށް ނުގެނެވޭނެ ވާހަކަތަކެކެވެ. يـاسمـين އެވެ. ފުރާތުކޯރުގެ އެފަރާތުގެ އައްސޭރީގައި އަވަށެއް އޮންނާނެއެވެ. އެއަވަށުގައި މުސްކުޅި ގެއެއް ހުންނާނެއެވެ. އެގެ ކަލާގެ މިގެހައި ރީއްޗެއް ނޫނެވެ. އެކަމަކު އެގޭގެ ޗާޓު އަބަދުވެސް އަޅުގަނޑުގެ ހިތުގައި ނުފިލައި ހުރެއެވެ. އަޅުގަނޑު ޖަލުގައި ހުރިއިރު އަބަދުވެސް އަޅުގަނޑު ވިސްނަމެވެ. އެވީރާނާވެފައިވާ ގެ އަލުން އާބާދުވާނެއެވެ. އަޅުގަނޑު އެގެއަށްދާއިރު އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު އާދޭތޯ މަގު ބައްލަވަބައްލަވައި ހުންނަވާނެއެވެ. އޭނާއާއެކު އަޅުގަނޑުގެ ހުވަފެންތަކުގެ ރާނީވެސް ހުންނަވާނެއެވެ. އޭރަކުން އަޅުގަނޑަށް އެބާ ގެ ފެންނާނީ ކިސްރާގެ ގަނޑުވަރަށްވުރެވެސް އަލިވެ އުޖާލާވެފައި ވަނިކޮށެވެ. يـاسمـين އެވެ. އެ ޝެހެޒާދީއަކީ ކާކުކަން ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ؟"
يـاسمـين ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާގެ ލޯފުޅުގެ ނަޒަރު ތަޅުންގަނޑުގައި ހަރުކޮށްލެއްވިއެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. "يـاسمـين އެވެ. އެ އުންމީދަކީ އަޅުގަނޑުގެ ޙަޔާތުގެ ހުރިހައިވެސް ބާރެވެ. އެންމެފަހުގެ އެހީތެރިކަމެވެ. އަޅުގަނޑު ކޮންމެވެސް ދުވަހަކުން އެވީރާނާވެފައިވާ ގެ އާބާދުކުރާން ކަލާއަށް ދަޢުވަތު އަރުވާނަމެވެ. އަޅުގަނޑު ދިޔުމުގެކުރީން އެދެނީ ކަލާ އަޅުގަނޑުގެ ދަޢުވަތު ރައްދުނުކުރައްވާނެ ކަމުގައި ވަޢުދުވެވަޑައިގެންނެވުމެވެ. އަޅުގަނޑަށް އެނބުރި ނާދެވިއްޖެނަމަ އަޅުގަނޑުގެ ކޮއްކޮޔަށް އޭނާ ހުންނެވީ މިދުނިޔޭގައި އެކަނިވެރިވެފައިކަން އިޙުސާސްވެވަޑައިގެންނެވިޔަ ނުދެއްވުމެވެ."
يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަގީނެވެ. މިއީ އަޅުގަނޑުމެންގެ އެންމެފަހު ބައްދަލުވުންކަމުގައެއް ނުވާނެއެވެ. ކަލާގެ ސަލާމަތަށް އެދިވަޑައިގެން ماه بانو ކުރައްވާ ދުޢާފުޅުތައް ބޭކާރުވެގެންނެއް ނުދާނެއެވެ. ކަލާ ވަޑައިގަންނަވާނީ އޭނާއާ ބައްދަލުވެވަޑައިނުގެންތޯއެވެ؟"
"އާދޭހެވެ. އޭނާގެ އަރިހުގައި ވިދާޅުވާށެވެ. އަޅުގަނޑު އޭނާއާ ރުޅިޔެއް ނޫނެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު