ރާއްޖޭގައި އޮޕަރޭޓް ބޭންކުތަކުން މިއަހަރު ހިއްސާދާރުންނަށް ފައިދާ، (ޑިވިޑެންޑް) ބަހާއިރު މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުއްދަ ހޯދުމަށް ބޭންކުތަކަށް އަންގައިފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެމްއެމްއޭގެ އޮފިސަލަކު ވިދާޅުވީ، ބޭންކުތަކުން މިއަހަރުގެ ފައިދާ ހިއްސާދާރުންނަށް ބަހާއިރު، އެމްއެމްއޭއިން ހުއްދަ ނަގަން ޖެހޭނެ ކަމަށް ބޭންކުތަކަށް އަންގާފައިވާނެ ކަމަށެވެ
"މި ނިންމުމަކީ، ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް،" އޮފިޝަލް ވިދާޅުވިއެވެ.
އެމްއެމްއޭއިން ވަނީ ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް ބޭންކަކުން މިއަހަރު ހިއްސާދާރުންނަށް އެއްވެސް ފައިދާ، (ޑިވިޑެންޑް)އެއް ނުބެހުމަށްް މީގެ ކުރިން ބޭންކުތަކަށް އަންގައިފައެވެ. އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި މިދިޔަ މަހުގެ ކުރީކޮޅު ބޭންކުތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދަށް އަންނާނެ ލޮޅުންތައް ލަފާކުރަން އުނދަގޫވެފައިވާ މި ދަނޑިވަޅުގައި ބޭންކުތަކުން ހިއްސާދާރުންނަށް ފައިދާ ބަހައިފި ނަމަ، ބޭންކުތަކުގެ ރައުސްމާލަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ބޭންކުތަކުގެ މާލީ ހާލަތު ރަނގަޅުކޮށް ލުއިދިނުމުގެ ގޮތުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް ވެސް ދަށްކޮށް ދީފައިވާ އިރު، ޑިވިޑެންޑް ބަހާ ނަމަ، އެއީ ބޭންކުތަކުގެ މާލީ ހާލަތު ނުވަތަ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަމަކަށް ވާނެ ކަމަށެވެ.
އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ، ކުރިން އެ ނިންމުން އެމްއެމްއޭއިން ނިންމީ ކޮވިޑްގެ އޭރުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވަމުންދާތީ، އެ ނިންމުން ބަދަލުކޮށް، ބޭންކުތަކުން މިއަހަރު ހިއްސާދާރުންނަށް ފައިދާ، (ޑިވިޑެންޑް) ބަހާއިރު މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުއްދަ ހޯދުމަށް ބޭންކުތަކަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.