ދައުލަތުގެ މުވައްޒަފަކަށް ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.

އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ނުހައްގު މުއްސަނދިކަށް ކުށަކަށް ހެދުމަށް މޫސާ ސިރާޖު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު، ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުމާއި، އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެއް ކަމަށެވެ.

އެފަދަ މީހެއްގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

އެ އިސްލާހުގައިވާގޮތުން، ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.

އެހެން ކަމުން އެފަދަ ކުށެއްގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ.

އެކުށް ކުރީ ދައުލަތުގެ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު އެހެން މީހެއް ކަމަށް ވާނަމަ އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ހިމަނަން ހުށަހަޅާފައިވާއިރު، އެ ދަރަޖައިން އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އިސްލާހުގައި ވެއެވެ.

އެ އިސްލާހުގައި ބުނާގޮތުން، ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުމަކީވެސް ކުށެކެވެ.

އެގޮތުން ދައުލަތުގެ މުވައްޒަފަކަށް ހުރެ، އެނގިހުރެ އޭނާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ހޯދުމަށް އެދުމާއި ގަބޫލުކުރުމަށް އެއްބަސްވުމާއި ގަބޫލު ކުރުމަކީވެސް ކުށެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ދިނުމަށް ވައުދުވުމާއި އެފަދަ މަންފާއެއް ހޯދައިދިނުމަށް ހުށަހެޅުމަކީވެސް އޭގައި ބުނާގޮތުން ކުށެވެ.

މީގެ އިތުރުން ބޭރު ދައުލަތެއްގެ ނުވަތަ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމަކީވެސް ކުށެކެވެ. އެގޮތުން އެފަދަ ގޮތަކަށް، މަންފާއެއް ހޯދުމަށް އެއްޗެއް ދީފައިވާނަމަ އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅައި އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ޖަލު ހުކުމެއް ކަމަށްވެސް ވަނީ ހިމަނައިފައެވެ.