ލ. މާބައިދޫ އާ ނެރު ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަން ހަވާލުކުރި އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މާބައިދޫގައި ކުރިން ކަނޑާފައި އިން ނެރު ބަންދުކޮށް، އާ ނެރެއް ވަނީ ކަނޑައަޅައިފަ އެވެ.

އެ މަޝްރޫގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި 83 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ޕްލޭނިންގް މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ 22.4 މިލިއަން ރުފިޔާ އަށެވެ.