އޮޑި އޮޔާދާން ދޫކޮށްލާފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ ހަމައެކަނި ބަދަލުހިފުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މިހާރު ފެނިގެން ދަނީ ރައްޔިތުންނަށް ހިދުމަތް ނުދެވޭތަނުގައި ރައްޔިތުންގެ ޖީބުން ވައްކަން ކުރާތަން ކަމުގައި ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި ކޮންމެ މީހަކުވެސް އަމިއްލައަށް ގޮތް ނިންމަނީ ލީޑަރެއް ނެތް ކަމަށްގަބޫލުކޮށްގެން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ހަޒާނާ ލޫޓުވާލި މީހުން ކޮބައިތޯ އާއި އެމީހުންވެސް ގޮތް ނިންމީ އަމިއްލައަށްތޯ ޑރ. ޖަމީލު ސުވާލު ކުރައްވާފައި ވެއެވެ. ޑރ. ޖަމީލު މިފަދައިން ސުވާލު ކުރައްވާފައި ވާއިރު ވެންޓިލޭޓަރުތަކުގެ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނުކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ޑރ. ޖަމީލު ވަނީ ސަރުކާރުން ކެނޑި ސަޅިބައިސާއިން ހާސިލުވީ ކޮންކަމެއްތޯވެސް ސުވާލު އުފައްދަވައިފައެވެ. އަދި މިހާރު ތަފާތު ކުރުން މޮޅު ކަމަކަށް ވެއްޖެ ކަމަށާއި ބަލިވާ އާންމު މީހާއަށް ހިދުމަތް ނުލިބޭއިރު ބޮނދުންނަށް ވަކި ގޮތެއް ހަދަން ފޮތުގައި އޮންނަ ކަމަށް ވެފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ރައީސއް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ސަބްރާ ނޫރުއްދީންގެ ކާފައަށް ދަރުމަވަންތަ ހޮސްޕިޓަލުގައި، އުސޫލުތަކާއި ހިލާފަށް ފަރުވާދެމުން އަންނަކަމަށް ބުނެ ނޫހަކުން ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އެ އާޓިކަލް ޝެއާ ކުރައްވަމުންނެވެ.