ސައުދީގެ ކުންފުންޏެއްގައި މަސައްކަތްކުރާ ލަންކާ މީހަކު ބަލިވުމުން ހާއްސަ ޖެޓެއްގައި ގައުމަށް ފޮނުވައިފިއެވެ.

ސައުދީގެ ގަލްފް ވެސްޓް ކުންފުނީގައި މަސައްކަތް ކުރަމުންދަނިކޮށް ސްރީލަންކާގެ އެންޑްރިއު ރޯހަންގެ ސިކުނޑިއަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ސައުދީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ދެމަސް ވަންދެން ފަރުވާ ދީފައި ވެއެވެ.

ރޯހަންގެ އާއިލާގެ އެދުމުގެ މަތިން އެކުންފުނިން ވަނީ ރޯހަން ލަންކާއަށް ފޮނުވުމަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިފައެވެ. ގަލްފް ވެސްޓުން ވަނީ ރޯހަން ލަންކާއަށް ފޮނުވުމަށް ޕްރައިވެޓް ޖެޓެއްގައި ޑޮކްޓަރުންނާއި ނަރުހުންގެ ހާއްސަ ޓީމެއްގެ ބެލުމުގެ ދަށުން ފޮނުވައިފައެވެ. އެކުންފުނިން ވަނީ މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދިން ކަމެއް ކަމުގައި ބުނެފައެވެ.

ރޯހަން މިހާރުވަނީ ލަންކާގައި އަމަލު ކުރަމުން އަންނަ ކަރަންޓީނު ގަވާއިދުގައިވާ ގޮތުގެމަތިން ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަރަންޓީނު ވެފައެވެ.

ގަލްފް ވެސްޓް އިން ވަނީ ރޯހަން ލަންކާއަށް ފޮނުވުމަށް 15 މިލިއަން ރުޕީސް ހަރަދު ކޮށްފައެވެ.

ލަންކާގެ ނޫސްތަކާ ހަވާލާދީ އާއިލާއިން ވަނީ ރޯހަން އަށް ފަރުވާދިނުމަށް ލަންކާގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ތައްޔާރަށް ތިބިކަމަށް ބުނެފައެެވެ. އަދި ޑޮކްޓަރުން ވަނީ ރޯހަން އަށް އަލުން ވާހަކަ ދެކެވި ހިނގައިބިނގާ ވެ އުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ.

އާއިލާގެ ފަރާތުން ވަނީ ގަލްފް ވެސްޓް ކުންފުންޏާއި އެކުންފުނީގެ ވެރިޔާ ކޮށްދިން ހެޔޮކަމަށް ޝުކުރު އަދާކޮށްފައެވެ.