އިންޑިއާގެ ޕަވާ ޕްލާންޓެއްގައި އަލިފާން ރޯވެ ނުވަ މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ތެލަންގަނާ ސްޓޭޓްގެ ހައިޑްރޯ އިލެކްޓްރިކް ޕަވާ ޕްލާންޓްގައި އަލިފާން ރޯވިއިރު އެއިމާރާތުގައި 17 މީހުން ތިބިކަމަށް ތެލަންގަނާ ސްޓޭޓްގެ ޕަވާ ޖެނަރޭޝަން ކޯޕަރޭޝަން އިން ބުނެއެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ އަލިފާން ރޯވުމާއެކު އަށް މީހުން އިމާރާތުން ނިކުމެފައިވާކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

ބަޔާނުގައި ވާގޮތުން އެތެރޭގައި ތާށިވި ނުވަ މީހުން މަސައްކަތް ކުރީ އަލިފާންގަނޑު ނިއްވާލުމަށެވެ. ނަމަވެސް އިމާރާތުން ނިކުންނަން މަސައްކަތް ކުރަނިކޮށް ދުމުގެ އަސަރުކޮށް ޕްލާންޓުގެ ތެރޭގައި ތާށިވެ މަރުވީއެވެ.

އަލިފާންގަނޑު ނިއްވާލާފައިވާއިރު މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގުވަނީ ފަށައިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިހާދިސާގައި މަރުވެދިޔަ މީހުންނަށް ތައުޒިޔާ ފޮނުއްވައި ޓުވީޓް ކުރައްވައިފައެވެ.