ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މައުސޫމް، ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކުރުމުންނެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައިފައެވެ.

އެ ނިންމުމާ މެދު ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މައުސޫމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައެވެ.