(17 އޯގަސްޓުގެ އަދަދާ ގުޅޭ)
ޒަރުބަޚުތު ވިދާޅުވިއެވެ. "ކާއޫސެވެ! ޝަހެންޝާހު ވަނީ ޝާހީ ބޭސްވެރިޔާއަށް އަހަންނަށް ފަރުވާކުރާން އަމުރުކުރައްވައިފައެވެ. އޭނާ ކޮންމެ ދުވަހަކު ހެނދުނު ދުރުވާނެއެވެ. ނޯކަރުން އެހެން ބޭސްވެރިޔަކު ގެނެސްފައި ހުރިކަމުގައިވާނަމަ އަނބުރައި ފޮނުވައިލާށެވެ."
ޒަރުބަޚުތުގެ ޞިއްޙަތު ދުވަހެއް ދުވަހަކަށް އައީ ރަނގަޅުވަމުންނެވެ. ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި އޭނާއަށް ހިންގަވައި އުޅުއްވޭވަރު ވެއްޖެއެވެ. އެހެންނަމަވެސް ޝާހީ ބޭސްވެރިޔާ އިރުޝާދު ދެއްވާގޮތުން އޭނާއަށް އަދިވެސް ވަރަށްގިނަދުވަހު އަރާމުކުރައްވަން ޖެހިވަޑައިގަންނަވައެވެ. ފާރިސީ ލަޝްކަރުގައިވަނީ އޭނާ ދޫކޮށްލެވުނު ޚަބަރު މަޝްހޫރުވެފައެވެ. އޭނާގެ ކުރީގެ ރަޙުމަތްތެރީން ހެނދުނާއި ހަވީރު އޭނާއަށް ޒިޔާރަތްކުރައްވައެވެ. އޭނާ މިނިވަންވެވަޑައިގެންނެވިތާ ކުރީކޮޅުގައި އޭނާ ގެންދެވީ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދެއްކެވުމާ ދުރުހެލިވެވަޑައިގަންނަވަމުންނެވެ. ނަމަވެސް އޭނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުން އައިއައިހެން ބެހެރާޝޭރާއި އިރުމަތީ މަދާއިނުގެ އަދާހަމަ ޚަބަރުތަކާމެދު އޭނާގެ ޝައުޤުވެރިކަން އައީ އިތުރުވަމުންނެވެ. އާދުމާނަކީ އޭނާ ދެކެ ނިހާޔަތުގެ ދަރަޖަޔަށް ލޯބިފުޅުވާ ޒުވާން އޮފިސަރުންކުރެ އެއްބޭފުޅެކެވެ. ޒަރުބަޚުތު ޖަލުން ސަލާމަތްވެވަޑައިގެންނެވުމުގައި ސަބަބަކަށް މެދުވެރިވީވެސް އޭނާ ހުއްޓައިނުލައްވައި ކުރެއްވި އިޚުލާޞްތެރި ހިމޭން މަސައްކަތްޕުޅެވެ. އޭނާ ކޮންމެދުވަހަކުވެސް ޒަރުބަޚުތުގެ ހާލުކޮޅު ބައްލަވާން ވަޑައިގަންނަވައެވެ. ބެހެރާޝޭރުގެ މުހާސިރާއާ ބެހޭ ތަފުސީލުތަކުން ޒަރުބަޚުތު ކަންބޮޑުވެވަޑައިގަންނަވާކަން އޭނާ ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އޭނާ އެވާހަކަ ދެއްކެވުމާ ދުރުހެލިވެ ވަޑައިގަންނަވައެވެ. އެހެން އޮފިސަރަކު އެވާހަކަ ފެއްޓެވިކަމުގައިވިޔަސް އޭނާ އެވާހަކައެއް ހުއްޓުވައެވެ. ޒަރުބަޚުތުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވާން މަސައްކަތްޕުޅު ކުރައްވައެވެ.
ބެހެރާޝޭރުގެ މުހާސިރާ ދިގުވަމުންދާތީ ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން އެއްދުވަހަކު އަމިއްލަފުޅަށް އެވާހަކަފުޅު ފެއްޓެވިއެވެ. އާދުމާން ވިދާޅުވިއެވެ. "އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑު ވިސްނަމުންއައީ އަޅުގަނޑުމެންނާއި ޢަރަބީންނާ ދެމެދު ނިޔާކަނޑައެޅޭ ހަނގުރާމަ ހިނގާނީ ދިޖުލާ ކޯރުގެ އައްސޭރީގައި ކަމުގައެވެ. މަދާއިނުގެ ރައީސުން ރުސްތުމުގެ ހުށަހެޅުއްވުން ގަބޫލު ކުރެއްވިނަމަ ޤާދިސިއްޔާގައި އަޅުގަނޑުމެންނަށް އެ ހަލާކާ ކުރިމަތިލާކަށެއް ނުޖެހުނީހެވެ. މިހާރު ދުވަހުން ދުވަހަށް އަޅުގަނޑުމެންގެ ލަޝްކަރުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މުސްލިމުން ބެހެރާޝޭރަށް ޙަމަލަދީފިނަމަ އަޅުގަނޑުމެން ރަށުގެ ފާރުދޮށަށް އެމީހުންގެ ހަށިތައް ފުނިޖަހައިލާނޫއެވެ. އެބައިމީހުން މުހާސިރާ ދިގުކުރާން މަސައްކަތްކޮށްފިނަމަ ދުވަސްކޮޅަކުން އެބައިމީހުންނަށް ފެންނާނީ އީރާނުގެ ޒުވާނުންކުރެ ކަނޑި އުފުލައިލެވޭ އެންމެން ބެހެރާޝޭރަށާއި އިރުމަތީ މަދާއިނަށް އެއްވެފައި ތިއްބައެވެ."
ޒަރުބަޚުތު ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "އާދުމާނެވެ! ހާމަ މައިދާނުގައި ދުޝްމިނުންނާ ކުރިމަތިލާން ބިރުގަންނަ ލަޝްކަރަކަށް އެކަތައިގެ ކިއްލާއަކުންވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ."
"އަޅުގަނޑުމެންނަށް ވަނީ ހާމަ މައިދާންތަކުން ލައްކަ ފިލާވަޅު ލިބިފައެވެ."
"ކަލާގެ ވާހަކަފުޅުގެ މާނައަކީ އަޅުގަނޑުމެންގެ ޝަހެންޝާހު ދުޝްމިނުންނަށް ކިއްލާތަކުގެ ފާރު ހަލާކު ކުރުމުގެ ތަމްރީނު ދެއްވަން ނިންމެވީތޯއެވެ؟ ކަލާއަށް އެނގިވަޑައިގަންނަވާތޯއެވެ. ދުޝްމިނުން ބެހެރާޝޭރު ފަތަޙަކޮށްފިނަމަ ދެންޖެހޭނީ އިރުމަތީ މަދާއިނާއެވެ. މަދާއިނަށްފަހު އީރާނުގެ އެއްވެސް ރަށެއްގެ މައިފާރަކަށް މުސްލިމުންގެ ކުރިއެރުމެއް ނުހުއްޓުވޭނެއެވެ. އަޅުގަނޑުމެންގެ އަމީރުންކުރެ ބައެއް ބޭފުޅުންނާއި ލަޝްކަރުގެ އިސްއޮފިސަރުންކުރެ ބައެއް ބޭފުޅުން އެބޭފުޅުންގެ އާއިލާ ބެހެރާޝޭރުން އިރުމަތީ މަދާއިނަށް ބަދަލުކުރައްވާ ވާހަކަ އަޅުގަނޑު ވަނީ އަޑުއަހައިފައެވެ. އެއީ ތެދު ޚަބަރެއްތޯއެވެ؟"
އާދުމާން ވިދާޅުވިއެވެ. "އަޅުގަނޑު ކަލާޔަށް ދަންނަވައިފީމެވެ. މުސްލިމުން ވަނީ ބެހެރާޝޭރުގެ ފާރުން ބޭރުގައި ބޮޑެތި ސާޅަނގަތައް ދުއްދައިފައެވެ. އެހެންކަމުން ފާރުކައިރީގައި ދުޝްމިނުން އުކާ ހިލަ ފޯރާހިސާބުގައިހުރި ގޭގެ މިހާރުދަނީ ހުސްކުރެވެމުންނެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަގޮތުގައި ހަނގުރާމައެއްގައި ނިޔާކަނޑައަޅާނީ އެކަކު އަނެކަކާ ހަމަދޭވިގެންތިބެ ކަނޑިޔާއި ކަނޑިއަޅާ ސިފައިންނެވެ. އަޅުގަނޑުމެންނަށް ފާރުންބޭރަށް ނުކުމެ މުސްލިމުންނަށް ވިއްސިވިހާލިވާން މަޖުބޫރު ނުކުރެވިއްޖެނަމަ އެބައިމީހުން ފާރުން އެތެރެޔަށްވަދެ އަޅުގަނޑުމެންނަށް ފިލައިގެންދާން މަޖުބޫރު ކުރުވުމަކީ ދުރުކަމެއް ނޫނެވެ."
"ބެހެރާޝޭރާއި އިރުމަތީ މަދާއިނުން ފަހަތަށް ޖެހުމަކީ އަޅުގަނޑުގެ ޚިޔާލަށްވެސް ގެނެވޭކަމެއް ނޫނެވެ."
"އަޅުގަނޑުމެންގެ ހިޔަނި ފެނުމުންވެސް ބިރުން ފިލަންދުވާ ޢަރަބީން ޤާދިސިއްޔާގެ މައިދާނުގައި އަޅުގަނޑުމެންގެ ބިޔަ ލަޝްކަރު ފުނޑައިލުމަށްފަހު ބެހެރާޝޭރާ ހަމަޔަށް އަތުވެދާނެކަމަކަށްވެސް އަޅުގަނޑުމެން މީގެ އަހަރުތަކެއްގެ ކުރިޔަކު ހީއެއް ނުކުރަމުއެވެ. އާދުމާނެވެ! އަޅުގަނޑު ޖަލުން ނުކުތްއިރު އަޅުގަނޑުގެ ހިތުގައި ހަނގުރާމަޔާމެދަކު އެއްވެސް ޝައުޤުވެރިކަމެއްނެތެވެ. އަޅުގަނޑު ބޭނުންވީ ހަމައެކަނި ހާމަ ވައިގެ ތެރެޔަށް ނޭވާލުމަށްޓަކައި ދިރިހުރުމެވެ. އެކަމަކު މިހާރު އަޅުގަނޑު ބިރުގަންނަނީ ބެހެރާޝޭރު ނުވަތަ މަދާއިނަށްވުރެ އަޅުގަނޑުމެންނަށް ރައްކާތެރީ މިވެނި ރަށެކޭ ކިސްރާ ވިދާޅުވެދާނެތީއެވެ. އަޅުގަނޑުމެންނަށް ފިލައިގެންދާނެ ފުރުޞަތެއްވެސް ނުލިބިދާނެތީއެވެ. އަޅުގަނޑު އަޅުގަނޑުގެ ކޮއްކޮގެ އަރިހުގައި ދަންނަވައިފީމެވެ. يـاسمـين ގެ އަރިހުގައި އަސްފަހާނަށް ވަޑައިގަންނަވާށެވެ. ނަމަވެސް އޭނާ އަޅުގަނޑު ދޫކޮށްލައްވައިފައި ވަޑައިގަންނަވާކަށެއް ގަބޫލުފުޅެއް ނޫނެވެ."
"މިފަދަ ޙާލަތެއްގައި މިތަން ދޫކޮށްލައްވައިފައި ވަޑައިގަންނަވަން ކަލާ ރުހިވަޑައިގެންފާނެކަމަށް އަޅުގަނޑަކަށް ވިސްނައެއްވެސް ނުލެވޭނެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އީރާނަށްޓަކައި ކިސްރާ ފިޔަވައި އެހެން އެއްވެސް މީހެއްގެ ރުހުމާއި ނުރުހުމަކީ ކުޑަވެސް މާނައެއް ހުރިކަމެއް ނޫނެވެ. އަޅުގަނޑުމެން ހަނގުރާމަކުރަނީ އެންމެ ފަރުދަކަށްޓަކައެވެ. ޝަހެންޝާހު ކޮންމެފަދަ ވަގުތެއްގައިވެސް ކިތަންމެ ރަނގަޅު ނިންމެވުމެއްވެސް ކިތަންމެ ތަނަކުންތަނަކު ނުޖެހޭ ނިންމެވުމެއްވެސް ނިންމަވައިފާނެއެވެ. އަޅުގަނޑުމެންނަށް އެރަސްގެފާނުގެ އިޝާރަތަކަށް ފުރާނަ ދެވިދާނެއެވެ. އެކަމަކު ރަސްގެފާނުގެ ނިންމެވުން ބަދަލެއް ނުކުރެވޭނެއެވެ."
އާދުމާން ފިކުރުފުޅު ބޮޑުވުމާއެކު ވިދާޅުވިއެވެ. "ކަލާ ޔަޒުދުގިރުދާމެދު މާޔޫސްވެ ވަޑައިނުގަންނަވާށެވެ. ޝަހެންޝާހުގެ އަމިއްލަފުޅު ޚިޔާލުފުޅަކީވެސް ރަށުންބޭރަށް ނުކުމެ ދުޝްމިނުންނާ ހަނގުރާމަ ކުރުމެވެ. ނަމަވެސް ސިފައިންގެ ސަރުދާރުންކުރެ ނުފޫޒުހުރި ބޭފުޅުންތަކެއް އެގޮތަކާ ގަބޫލުފުޅެއް ނޫނެވެ. އެބޭފުޅުންގެ މައްޗަށް އެހެންގޮތަކަށް ބާރުއަޅުއްވާކަށެއް ޝަހެންޝާހު ބޭނުންފުޅެއް ނޫނެވެ. އަޅުގަނޑަށް ޔަގީނެވެ. ފާޖުގެ އިސްއޮފިސަރުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ކަލާއަށް ލިބިވަޑައިގެންނެވުމުން ކަލާގެ ޚިޔާލުފުޅަށް ވަރަށްބޮޑު އަހަންމިއްޔަތެއް ލިބިވަޑައިގަންނަވާނެއެވެ."
"އަޅުގަނޑަކީ އެންމެބޮޑު ކުށުން ކުށްވެރިވެގެން އަދަބު ލިބިފައިހުރި މީހެއްކަން ހަނދުމަފުޅު ނައްތައިލައްވަން އެބޭފުޅުން ތިއްބެވީ ތައްޔާރަށްތޯއެވެ؟"
އާދުމާން ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސިފައިންގެ ހުރިހައި އޮފިސަރުންވެސް ތިއްބެވީ ކަލާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވެ ކޮންމެވެސް މުހިންމު ޒިންމާއަކާ ހަވާލުވެވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޕޫރާންދުޚުތު އިއްޔެވެސް އަޅުގަނޑުގެ ހާޒިރުގައި ޝާހީ ބޭސްވެރިޔާއަށް އެންގެވިއެވެ. ޒަރުބަޚުތު ލަޝްކަރުގައި ހިމެނިވަޑައިގެންނެވުމުގެ ބޭނުންތެރިކަން ޝަހެންޝާހު ވަރަށްބޮޑަށް އިޙުސާސް ކުރައްވައެވެ. އެހެންކަމުން އޭނާއަށް ފަރުވާކުރުމުގައި ފަރުވާތެރިވެލައްވާށެވެ. އަޅުގަނޑަށް ޔަގީނެވެ. ހަނގުރާމަޔާ ބެހޭގޮތުން ކަލާ ހުށަހަޅުއްވާ ކޮންމެ ހުށަހެޅުއްވުމަކީ ޕޫރާންދުޚުތުގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ހުށަހެޅުއްވުމެކެވެ. އީރާނުގެ ލަޝްކަރު ރަށްބޭރަށް ނުކުމެ ދުޝްމިނުންނާ ޙަމަލަދޭނަމަ ލަޝްކަރުގެ ކޮމާންޑަރުކަން އޮންނާނީ ކަލާގެ އަތްޕުޅުގައެވެ."
ޒަރުބަޚުތަށް ކުއްލިޔަކަށް އިޙުސާސްވެވަޑައިގެންނެވީ އޭނާގެ ހިތްޕުޅުގެ ވިންދު އަވަސްވަމުންދާކަމެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން އެހައިތަނަށް ތިއްބެވީ އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ. އާދުމާނާއި ޒަރުބަޚުތުގެ ވާހަކަފުޅު އަޑުއައްސަވާށެވެ. އެ ދެބޭފުޅުން ކަންބޮޑުވެވަޑައިގެންނެވުމާއެކު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ފައްޓަވައިފިއެވެ. ماه بانو އާދުމާނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "އާދުމާނެވެ! ބޭބޭފުޅު އަދި އަރާމުކުރައްވާން ބޭނުމެވެ. ބޭބޭފުޅު ހަނގުރާމަޔާ ބެހޭގޮތުން ވިސްނައިވަޑައިގަންނަވާކަށެއް އަދި ވަގުތެއް ނާދެއެވެ."
އާދުމާން ތެދުވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "މަޢާފުކުރައްވާށެވެ! ސަބަބަކާނުލައި އޭނާ ފިކުރުފުޅު ބޮޑުކުރެވެނީއެކޭ އަޅުގަނޑުގެ ހިތަކަށް ނާރައެވެ."
އާދުމާން އެނބުރިވަޑައިގެންނެވުމުން ޒަރުބަޚުތު ކޮންމެވެސްވަރަކަށް ރުހިވަޑައިނުގެން ވިދާޅުވިއެވެ. "ماه بانو އެވެ! އާދުމާނަކީ އަޅުގަނޑުގެ ރަޙުމަތްތެރިޔެކެވެ. އޭނާގެ މަޤުޞަދަކީ އަޅުގަނޑަށް ހެޔޮއެދިވަޑައިގެންނެވުން ފިޔަވައި އެހެންކަމެއް ނޫނެވެ."
"ލޯބިވާ ބޭބެއެވެ!" ماه بانو ފަސްޖެހިވަޑައިގެން އިންނަވައި ވިދާޅުވިއެވެ. "އޭނާއަކީ ބޭބެގެ ރަޙުމަތްތެރިޔެއްކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުގެ މަޤުޞަދަކީ އޭނާގެ ހިތްޕުޅުގައި ޖެއްސުމެއް ނޫނެވެ. އެކަމަކު އަޅުގަނޑަކީ ބޭބެގެ ކޮއްކޮއެވެ. އަޅުގަނޑުގެ އާދޭހާއި އަޅުގަނޑުގެ ކަރުނައަކީ ބޭބޭފުޅުގެ އަރިހުގައި މާނައެއްހުރި އެއްޗެއްކަމުގައިވާނަމަ ބޭބޭފުޅު ދެނެއް ހަނގުރާމަޔަކު ބައިވެރިވެވަޑައެއް ނުގަންނަވާނޫއެވެ. ބޭބެއަށް ދަތުރުކުރެއްވޭވަރުވުމުން އެންމެ ހިނދުކޮޅަކުވެސް މިރަށުގައި ހުންނަވާކަށެއް އަޅުގަނޑު މަޝްވަރާއެއް ނާރުވާނަމެވެ."
"މުސްލިމުން ބެހެރާޝޭރު ހިފައިފާނެކަމަށް ކޮއްކޮޔަށް ހީފުޅުވާނަމަ ބޭބެގެ ވާހަކައިން ތިޔަ ނެންގެވުނީ ރަނގަޅުނޫން މާނައެކެވެ. ކޮއްކޮ އަސްފަހާނަށް ވަޑައިގަންނަވާން އަޅުގަނޑު ދެންނެވީ ދުޝްމިނުންދެކެ ބިރަކުން ނޫނެވެ. ބޭބެގެ ބޭނުމަކީ ބޭބެ އަލުން ފާޖުގައި ބައިވެރިވާއިރު ކޮއްކޮގެ ސަލާމަތާމެދު ފުރިހަމަ ޔަގީންކަން ލިބިފައި އޮތުމެވެ. ކޮންމެވެސް ދުވަހަކުން ބޭބެ ދުޝްމިނުންނާ ހަނގުރާމަޔަށް ދިޔުމާއި އެނބުރި ނާދެވުމުގެ އެކަށޭނަކަން އޮތްކަމީ ހަނދާންނައްތައިލެވޭނެ ކަމެއް ނޫނެވެ. އެފަދަ ޙާލަތެއްގައި ބެހެރާޝޭރުގައި ނުވަތަ އިރުމަތީ މަދާއިނުގައި އިންނެވުމަށްވުރެ ކޮއްކޮޔަށް ރައްކާތެރިވާނީ އަސްފަހާނުގައި އިންނެވުމެވެ. އެންމެ ކުޑަމިނުންވެސް ދުޝްމިނުންނާއި އަޅުގަނޑުމެންނާ ދެމެދު ހިނގަމުންމިދާ ހަނގުރާމައިގައި ވަކިގޮތަކަށް ނިޔާކަނޑައެޅެންދެން އެކަން ބޭނުމެވެ."
ماه بانو ވިދާޅުވިއެވެ. "ލޯބިވާ ބޭބެއެވެ! ކޯފާ އިސްނުކުރައްވާށެވެ. މުސްލިމުން ބެހެރާޝޭރު ހިފާނެކަމަށް އަޅުގަނޑަށް ހީވަނީކީ ނޫނެވެ. އަޅުގަނޑަށް އެކަން ޔަގީނެވެ. އެއާ ޚިލާފަށް އީރާނަށް ފަތަޙަ ލިބޭނެކަން އަޅުގަނޑަށް ކަށަވަރުވިކަމުގައިވިޔަސް ބޭބެ ހުއްޓުވޭތޯ އަޅުގަނޑަށް ކުރެވުނު ހުރިހައި މަސައްކަތެއް ކުރީމުހެވެ."
ޒަރުބަޚުތު ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވިދާޅުވިއެވެ. "ކޮއްކޮ ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟"
"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު ދުނިޔޭގައި އިންދައި އަޅުގަނޑުގެ ބޭބެ ހަލާކުގެ މަގު އަލުން ޚިޔާރު ނުކުރައްވާނެ ކަމުގައެވެ."
"ކޮއްކޮގެ ނަޒަރުގައި އަޅުގަނޑުގެ ސަލާމަތުގެ މަގަކީ ކޮބައިތޯއެވެ؟"
ماه بانو ކަރުނަފޮދު އޮއްސަވަމުން ވިދާޅުވިއެވެ. "ބޭބެއަކަށް މިހާރަކު ވިސްނިވަޑައެއް ނުގަންނަވާނެއެވެ. ވަގުތު އައުމުން އަޅުގަނޑު ދަންނަވާނަމެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު