ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ ރިޕޯޓެއް ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފި އެވެ.

މިއީ ފިނޭންސް މިނިސްޓްރީން ބީލަންތަކުގެ މައުލޫމާތު މިގޮތަށް އާންމު ކުރާ ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިއީ އެ މިނިސްޓްރީން ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު މުހިއްމު ހަރުފަތެއް ކަމަށެވެ.

އެގޮތުން ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ އެ މިނިސްޓްރީގެ ވެބްސައިޓުގައި މިދިޔަ ހަފްތާގެ ތެރޭގައި ޝާއިއު ކުރަން ފެށުމުން ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން ވެސް އެނގެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ބީލަން ކާމިޔާބު ނުވާ ފަރާތްތަކަށް އެ ފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ އާއި މަސައްކަތް އެވޯޑުކޮށްފައިވާ އަގާއި މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާ ހުއްދަދިން ފަރާތުގެ މައުލޫމާތު ވެސް ހުލާސާ ރިޕޯޓުން އެނގޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މިވަގުތު ވެބްސައިޓުގައި ޝާއިއު ކޮށްފައި ވަނީ ހަމަ އެކަނި މި އަހަރު ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ކަމުގައިވި ނަމަވެސް، މި މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވެސް ޝާއިއު ކުރާނެ ކަމަށެވެ.