ބަގާވާތް ނިމުމާއެކު އިންތިހާބު ބާއްވާނެކަމަށް މާލީގެ ސިފައިން އިއުލާންކޮށްފިއެވެ.

މާލީގައި ހަމަނުޖެހުން ބޮޑުވެ އެގައުމުގެ ސިފައިންގެ އަތްދަށަށް ގައުމު ގެންގޮސްފައިވާއިރު އެގައުމުގެ ރައީސް އިބްރާހިމް ބުއޯކްމަކަރު ކެއިތާ އާއި އެގައުމުގެ ބޮޑުވަޒީރު ބޯއުބޯއު ކައިސޭ ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.

ރައީސް އިބްރާހިމް ބުއޯކްމަކަރު ކެއިތާ ވަނީ ފަހުން އިސްތިއުފާ ދެއްވައިފައެވެ. ރައީސް އިސްތިއުފާ ދެއްވާފައިވަނީ ހައްޔަރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މާލީގައި ސިފައިން ކުރަމުން އަންނަ ބަގާވާތުގެ ތަރުޖަމާނު ކާނަލް މޭޖާ އިސްމާއިލް އޭގް ވަނީ މާލީ އިތުރު ވެއްޓުމަކަށް ދިއުމަށް ޖާގަ ނުދޭނެކަމަށް ބުނެފައެވެ. އޭނާ ބުނީ ގައުމުގެ އާންމު އަދި ސިޔާސީ ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ގައުމު ހަމަނުޖެހި ހިނގާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.

މާލީގެ ސިފައިން ހިންގަމުންގެންދާ ބަގާވާތުގައި މިހާތަނަށް މީހަކަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.

މާލީގައި މިހާރުވަނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 5 ޖެހުމާ ދެމެދު ކާފިއުވެސް އިއުލާންކޮށްފައެވެ.