މިހާރު ސަރުކާރަށް ދިމާވަމުން މިއަންނަ މައްސަލަތަކަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްކޮށްލުމަށް އެމްޑީޕީން އެ ޕާޓީގެ ބަޔަކު އެތެރޭގައި ތިބެގެން ކުރަމުންދާ މަސައްކަތްތަކެއްގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަކޮށްފައިވާ ކޮރަޕްޝަނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ނަޝީދު ވިދާޅުވީ، މިއީ ރައީސުލް ޖުމްހޫރިއްޔާގެ ނަން ހުތުރުކޮށް، މި ސަރުކާރު ފެއިލް ކޮށްލަންވެގެން އެމްޑީޕީ އެތެރެއިންނާއި ބޭރުން ރާވައިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށެވެ.

"ރައީސަށް ހުތުރު ނަން ގެންނަންވެގެން އަޑީގައި ބަޔަކު ތިބެގެން މިކަން ވިޔަ ނުދޭންވެގެން ބަޔަކު ރާވައިގެން ކުރާ ކަންތައްތަކެއްމީ،" ނަޝީދު ވިދާޅުވިއެވެ.

އިކޮނޮމިނިސްޓަރު ފައްޔާޒް އިސްމާއީލުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރަށް އެންމެ އިހުލާސްތެރި އެމްޑީޕީއަށް އެންމެބޮޑަށް ގުރުބާންވާ މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައި ވަކިކުރަން ކުރާ މަސައްކަތަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކުރާ ކަމެއް ކަމަށެވެ.

މެންބަރު ނަޝީދު އިތުރަށް ވިދާޅުވީ އެ މަސައްކަތަކީ ސަރުކާރަށް ގެއްލުންދީ ބަލިކަށި ކޮށްލައި މިހާލުގައި އިގްތިސާދީ އަނދަވަޅުން ސަރުކާރު އަރައިގަތަ ނުދިނުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރައްވާ ކަންތައް ކަމަށެވެ.

ބޭނުމަކީ ތިމާއަށް ނުކުރެވުނު ވެރިކަމެއް ބެސްޑް ފްރެންޑް ކުރިއަ ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.