އައިޖީއެމްއެޗްގައި ސްޓްރޯކް ސެންޓަރެއް އިފްތިތާހުކޮށް ހިދުމަތްދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ސްޓްރޯކް ސެންޓަރު އިފްތިތާހުކޮށް އެތަނުން ހިދުމަތްދޭން ފަށާފައިވަނީ އިއްޔެ ކަމަށެވެ.

އެގޮތުން މި ސްޓްރޯކް ސެންޓަރުގައި ހަ އެނދު ގާއިމު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހޭ ބަލި މީހުންނަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ދެ އެނދުކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ސެންޓަރަކީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ސެންޓަރެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މި ސެންޓަރު ގާއިމު ކޮށްފައިވަނީ ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗަށް ގެންދާ ބަލިމީހުންނަށް ލިބިދޭން ޖެހޭ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށް ދިނުމަށް ހާއްސަކޮށްގެން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ވަނީ ސްޓްރޯކް ޖެހިގެން ގެންނަ މީހުންނަށް އަވަސް ފަރުވާ ދެވުމަކީ ސްޓްރޯކްގެ ސަބަބުން ފުރާނައަށް ގެންލުންވާ މިންވަރު ކުޑަވެ، ސްޓްރޯކަކަށްފަހު ނުކުޅެދުންތެރިކަމެއް އުފެދުމުގެ ފުރުސަތު ނިސްބަތުން ދަށްވާ ކަމެއް ކަމަށް ފާހަގަ ކޮށްފައެވެ. އެ ހޮސްޕިޓަލުގައި ގާއިމު ކުރި މި ސްޓްރޯކް ސެންޓަރަށް ފަހު މި ފަދަ ބަލި މީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން ބެލުމުގެ މަގުފަހި ވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ސްޓްރޯކަކަށްފަހު ބަލިމީހާ އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަ ވުމަށް ބޭނުންވާ ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ހިދުމަތްތައްވެސް އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.