ލަންކާގެ މައި އެއާޕޯޓު އަންނަ މަހު ހުޅުވަން ނިންމައިފިއެވެ.

ލަންކާގެ މައި އެއާޕޯޓު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު އަންނަމަހު ހުޅުވާއިރު އެތެރެވުމަށް ހުއްދަދޭނެ ގައުމުތައް އަދި ކަނޑައަޅައިފައެއް ނުވެއެވެ.

ލަންކާގެ ސަރުކާރުން ވަނީ މައި އެއާޕޯޓު ހުޅުވާއިރު ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެމުންދާ ގައުމުތައް ހުއްދަދޭ ލިސްޓުގައި ނުހިމެނޭނެ ކަމަށް ބުނެފައެވެ.

ލަންކާގެ ސަރުކާރުން މި ހަފުތާގައި ކަމާބެހޭ ފަރާތްތަކުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ބައްދަލުވުމުގައި ލަންކާއަށް އެތެރެވުމަށް ވިސާ ދޫކުރުމަށް ހުއްދަ ދޭނެ ގައުމުތައް ކަނޑައަޅާނެއެވެެ.

ލަންކާގެ ސަރުކާރުން އަންނަނީ އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ފަތުރުވެރިންނަށް ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ލިބެންދެން މަޑުކުރަން ހާއްސަ ސަރަހައްދެއް ހެދުމާ މެދުވެސް މަޝްވަރާކުރަމުންނެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލަންކާއަށް ބޭރު މީހުން އެތެރެވުން ހުއްޓުވުމަށް ފަހު އަލުން ހުޅުވުމަށް ތައްޔާރުވާ އިރު، އެގައުމުން ވަނީ ފަތުރުވެރިންނަށް ގައިޑްލައިންތަކެއް އެކުލަވާލައި އާންމު ވެސް ކޮށްފައެވެ.