މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފަށައި، މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޖޭއޭ އިން މިރޭ ނެރުނު އިިއުލާނެއްގައި ބުނީ، ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓްރީގެ އިރުޝާދާއެކު އަލުން އެ ޖަމިއްޔާގެ މަސައްކަތްތައް ފެށުމަށް، އެ ޖަމިއްޔާގެ މަސްއޫލިވެރިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޖަމިއްޔަަގެ ހިންގާ ކޮމިޓީ އިންތިހާބު އަންނަ މަހު 13 ގެ ކުރިން ބޭއްވުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން އަންގާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނީ، ޖަމިއްޔާގެ ހަރަކާތްތައް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތުމުގެ ސަަބަބުން ޖަމިއްޔާގެ މެންބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް އަލުން ހުޅުވާލާ ކަމަށެވެ. އެގޮތުން ދިވެހި ހުރިހާ ނޫސްވެރިން، ފްރީލާންސާސް، ކޮންޓްރިބިއުޓާސް، ފޮޓޯގްރާފާސް، ކާޓޫނިސްޓުން، އާޓީސްޓުން އަދި އެޑިޓަރުންނަށް ޖަމިއްޔާގެ މެންބަރަކަށްވުމަށް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ހުޅުވާލެވެއިފައިިވަނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

ޖަމިއްޔާގެ ހިންގާ ގަވައިދުގެ ދަށުން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު މެންދުރުފަހު 2:00 ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާނުގައިވެއެވެ.

މީގެ އިތުރުން އިއުލާނުގައި ބުނީ، މެމްބަޝިޕްގެ އާ ދަފްތަރު އަންނަ މަހު އެއްވަނަ ދުވަހު އާއްމުކޮށް އިއުލާން ކުރެވޭނެ ކަމަަށާއި އެ ދަފްތަރަށް ޝަކުވާ ހުށަހެޅުން އަންނަ މަހު ތިނެއްގެ މެންދުރުފަހު 2:00އަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ފައިނަލް ދަފްތަރު އާއްމު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށް އެމްޖޭއޭ އިން ބުނެއެވެ.

  • މެންބާޝިޕް ފޯމް އީމެއިލް ކުރުން މައުލޫމާތު ހޯދުން: [email protected]
  • މެމްބާޝިޕް ފޯމް ހަވާލު ކުރުމާއި މައުލޫމާތު ދިނުން: މުހައްމަދު މުޒައްޔިން ނާޒިމް 7800753
  • މުއައްސިސުންގެ ފަރާތުން މައުލޫމާތު ހޯދުމަށް: އަލީ ޝަމްއާން، ފައުންޑަރު 7785669
  • މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް ޑައުންލޯޑް ކުރުމަށް: https://we.tl/t-7btNRgvp8g

އެމްޖޭއޭއަކީ 2009 ވަނަ އަހަރު އުފަންވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ދިވެހި ނޫސްވެރިކަމަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން ނޫސްވެރިން ތަމްރީންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.