ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިޔަން ރުފިޔާ ދަމައި ގަންނަން ދުވަހަކުވެސް ނޫޅުއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

އަލީ އާޒިމް މިފަދަ ގޮތަކަށް އިބްރާއަށް ރައްދު ދެއްވީ، އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެޕާޓީ ތެރޭގައި ޑީއާރުޕީ ހިންގަން ނޫޅުމަށް އިންޒާރު ދެއްވައި އަލީ އާޒިމަށް ޓެގް ކުރައްވައި އިބުރާ ކުރެއްވި ޓުވީޓަަކަށް ޖަވާބު ދެއްވަމުންނެވެ.

އިބުރާއަށް ރައްދު ދެއްވައި އަލީ އާޒިމް ވިދާޅުވެފައިވަނީ "އަޅުގަނޑަށް އަބަދުވެސް ޓީމަށް ކުޅެން އެނގޭ، ކުލަބު ހިންގަންވެސް އެނގޭ، ކުޅެން ގެންގުޅޭ ބޯޅަޔާ ވިކެޓްބައި ހިފައިގެން ގެއަކަށް ނުދާނަން. އަދި ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން 200 މިލިޔަން ދަމައި ގަންނާކަށް ދުވަހަކުވެސް ނޫޅޭނަން،" ކަމަށެވެ.

ބެލެވޭ ގޮތުގައި، ޓީމް ހިންގަން އެނގޭ ކަމަށާއި، ޓީމަށް ކުޅެން އެނގޭ ކަމަށާއި، ވިކެޓް ހިފަިއގެން ގެއަށް ނުދާނެކަމަށް ވިދާޅުވެ، އަލީ އާޒިމްގެ ރައްދުގައި ދައްކަވައިފައިވާ ވާހަކައަކީ، އެމްޑީޕީ ތެރެއިން އިބްރާއަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާ ގުޅިގެން، މީގެ އެތައް އަހަރެއް ކުރިން ފެށިގެން ޕާޓީއާ ދުރަށް ޖެހިވަޑައިގެން އިބުރާ ހުންނެވި ހުންނެވުމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކައެކެވެ.

އަލީ އާޒިމްގެ ރައްދުގައި ވިދާޅުވެފައިވާ ޓެކްސް ފައިސާއިން 200 މިލިޔަން ދަމައިގަންނަން ނުޅޭކަމަށް ވިދާޅުވެ ދެއްވާފައިވާ ރައްދަކީ އިބްރާގެ މަންދު ކޮލެޖު މާލެ އިންގްލިޝް ސްކޫލުގެ އިމާރާތުން ބޭރުކުރި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިޔަން ރުފިޔާ ހޯދަން ދައުވާ ކުރަން ނިންމަވައިފައިވާ ނިންމެވުމަށް ދެއްވި ރައްދެކެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުން ބޮޑުވެފައި މިވަނީ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކާ ގުޅިގެންނެވެ.

އެމައްސަލައިގައި އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެބައި ވެފައެވެ.

މިނިސްޓަރު ފައްޔާޒަކީ، އިބްރާގެ ކޮއްކޮއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މިހާރުވެސް ވަނީ 21 މެންބަރުން ސޮއިކުރައްވައިފައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ވައްދާނެ ދުވަހެއް އަދި އެންގިފައެއް ނުވެއެވެ.