(13 އޯގަސްޓްގެ އަދަދާ ގުޅޭ)
"މުސްލިމުންނޭވެ! ތިޔަބައިމީހުން އަޅުވެތިކުރަން ޚިޔާލުކުރަން އަހަންނަކީ ރަސްކަލެއް ނޫނީމެވެ. އަހަންނަށް ތިޔަބައިމީހުންގެ މަސައްކަތްތައް ރަނގަޅަށް ކޮށްދެވި ތިޔަބައިމީހުންނަށް އަރާމުގައި ނިދައިލެވޭނަމަ އެއީ އަހަރެންގެ ހެޔޮ ނަސީބެވެ. އަހަރެންގެ ގާތަށް (ކަންކަމު ކިޔަން) ތިޔަބައިމީހުން ހާޒިރުކުރުވަން އަހަރެން އެދޭނަމަ އެއީ އަހަރެންގެ ބަދުނަސީބެވެ. އަހަރެން ތިޔަބައިމީހުން ތަރުބިޔަތުކުރަން ބޭނުންވަނީ ބަހަކުން ނޫނެވެ. ޢަމަލުންނެވެ."
ޤާދިސިއްޔާގެ ހަނގުރާމަޔަށްފަހު ހަފުތާއެއްހައި ދުވަސްވީއިރު حسّان ގެ ޒަޚަމު މުޅީން ފަސޭހަފުޅު ވެއްޖެއެވެ. މުސްލިމުން ފިނިމޫސުމުގެ ދެމަސްދުވަސް ހޭދަކުރީ ޤާދިސިއްޔާގައެވެ. سعـد بـن أبى وقّـاص رضى اللّـه عنــه ގެ އާލާސްކަންފުޅުވެސްވަނީ މުޅީން ރަނގަޅުފުޅުވެފައެވެ. އެހެންކަމުން سعـد ގެފާނު ކިލްދިއްޔާއާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ. ދަތުރުކުރެއްވި މަގުމަތީގައިހުރި މުހިންމު ރަށްތައް ފަތަޙަކުރެއްވުމަށްފަހު ވަޑައިގެން މުޢަސްކަރު ހެއްދެވީ ޙީރަތުގައެވެ. އޭރު ޤާދިސިއްޔާއިން ފިލައިގެންދިޔަ އީރާނީ ސިފައިން ދިޔައީ ބާބިލަށް ޖަމާވަމުންނެވެ. އެހެންކަމުން سعـد بـن أبى وقّـاص رضى اللّـه عنــه ޙީރަތުން ފުރައިވަޑައިގެންފިއެވެ. އީރާނުގެ ސިފައިންގެ ލަޝްކަރުތައް ވިއްސިވިހާލިކުރައްވައި ބަލިކުރައްވަމުން ވަޑައިގެންނެވީ ކުރިއަށެވެ. އީރާނީ ސިފައިން ދެން ފައިތިލަ ސާބިތުކުރެވޭތޯ މަސައްކަތްކުރީ ކޫޘާގައެވެ. އެކަމަކު زهــرة بـن حيــوة ގެ ވެރިކަމުގައި މުސްލިމުން ފާރިސީ ލަޝްކަރު ބަލިކޮށްފައި ކޫޘާ ހިފައިފިއެވެ. ނަތީޖާއެއްގެގޮތުން ޙީރަތާއި ބާބިލާ ދެމެދުގެ ވަރަށްބޮޑު ސަރަޙައްދެއްވަނީ މުސްލިމުންގެ ބާރުގެދަށަށް އައިސްފައެވެ. ޢަރަބި ޤަބީލާތަކުގެ ހިތްތަކުންވަނީ ކިސްރާދެކެ ގަންނަބިރު ފިލައިފައެވެ. އެމީހުންވަނީ އިސްލާމްދީނުގެ ޙިމާޔަތަށް ވަންނާން ފަށައިފައެވެ. އެތަކެއްސައްތަ އަހަރެއްވަންދެން މަޖޫސިއްޔަތުގެ އުޑީގައި ފިސްވުމަށްފަހު އެބައިމީހުންގެ ހިތްތައް އިސްލާމްދީނާ ދިމާޔަށް ލެނބުމަކީ ޠަބީޢީކަމެކެވެ. އެހެނީ އިސްލާމްދީނަކީ ހަނގުރާމައިން ބަލިވެފައިވާ ޤައުމުގެ މައްމީހަކަށްވެސް ފަތަޙަހޯދި ލަޝްކަރުގެ އެންމެ އިސް ޖަނަރަލުންނާ އެއްސަފެއްގައި ހުއްޓިތިބުމުގެ ޙައްޤު ލިބިދޭ ދީނެކެވެ. އެހެންކަމުން މުސްލިމުން ފަތަޙަކޮށްފައިވާ ސަރަޙައްދުގެ އެތައްހާސް ބަޔަކު ދިޔައީ سعـد بـن أبى وقّـاص رضى اللّـه عنــه ގެ ލަޝްކަރުގައި ހިތުން ރުހުމުން ބައިވެރިވަމުންނެވެ. މުސްލިމުން ފަތަޙަކޮށްފައިވާ ތަންތާނގައި މުސްލިމުން ޢަމަލީގޮތުން ޤާއިމުކޮށްފައިވާ ޢަދުލުވެރިކަމާއި އިންސާފުވެރިކަން ލޮލުންދެކެ އަތުން ހިފުމަށްފަހުގައެވެ.
ޤާދިސިއްޔާގެ ހަނގުރާމައިގެ ކުރީން އީރާނުގެ ރައީސުންނާއި މުރުޒުބާނުން އިސްލާމީ ލަޝްކަރު އެސަރަޙައްދެއްގައި ކުރިއަރަމުން ދިޔަކަމުގައިވިޔަސް އަދި ފަތަޙައެއް ހޯދިކަމުގައިވިޔަސް އެއީ އެއްވެސްވަރެއްގެ ނުރައްކަލެއް ކަމަކަށެއް ނުދެކެއެވެ. އެފަދަ ވަގުތުތަކުގައި އެމީހުން މަދާއިނަށް ނުވަތަ އީރާނުގެ އުތުރުގެ ކޮންމެވެސް ރަށަކަށް ފިލައިގެންދަނީއެވެ. އީރާނުގެ ޖަވާބީ ޙަމަލައިގެ ސަބަބުން މުސްލިމުންނަށް ފަހަތަށްޖެހޭން ނުވަތަ ފަތަޙަކޮށްފައިވާ ސަރަޙައްދުގައި ފެތުރިލަންޖެހޭއިރަށް އެނބުރި އަންނަނީއެވެ. ހަފްތާތަކަކަށް ނުވަތަ މައްސަރުތަކަކަށް އެބައިމީހުންގެ އަނިޔާއިން ސަލާމަތްވާ ދަނޑުވެރީންނަށް ދެގުނަ އަނިޔާކޮށް އެމީހުންގެ ފޭރުން އިތުރުކޮށް "އަހަރު ވަރުވާ މަހުން އަތުލަނީ" އެވެ. އެހެންކަމުން އެހިސާބުގަނޑުގެ ދަނޑުވެރީން ތިބެނީ އީރާނީ ސާހިބުން ފިލައިގެންދިޔުމުން އުފާކުރާވަރަށްވުރެ މާބޮޑަށް އެމީހުން އެނބުރި އަތުވެދާނެތީ ބިރުންނެވެ. ނަމަވެސް ޤާދިސިއްޔާގައި އީރާނީ ލަޝްކަރު ޢިބްރަތްތެރި ގޮތަކަށް ބަލިވުމާއި، ޙީރަތާއި ބާބިލާ ދެމެދު މުސްލިމުން އަލަށް މިހޯދި ފަތަޙައިގެ ސަބަބުން ދަނޑުވެރީން ތިބީ ވަރަށްބޮޑަށް ބިރު ފިލައިފައެވެ.
މުސްލިމުން ޢިރާޤުގައި ކުރިޔަށްދާން ފެށުމުން ކިސްރާގެ ލަޝްކަރުގެ ޖަވާބީ ޙަމަލައާއެކު އެނބުރި އައުމުގެ މަގު ސާފުވެދާނެކަމުގައި ދެކެމުންއައި ބިންވެރީންނާއި މުރުޒުބާނުންގެ ވިސްނުންވެސް ވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. މުސްލިމުންނަށް ޖިޒީ ދީގެން ޒިންމީގެ ހައިސިއްޔަތު ޚިޔާރުކުރަން ހިތުގެ އަޑީން ގަބޫލު މީހުންވަނީ ވަރަށް ގިނަވެފައެވެ. ތިމާމެންގެ ކާބަފައިންގެ މަޖޫސިއްޔަތަށްވުރެ އިސްލާމްދީން މާމަތިވެރިކަން ތެދުހިތުން ގަބޫލުކޮށް ޝަހެންޝާހިއްޔަތުގެ ކިއްލާތައް ޙިމާޔަތްކުރުމަށްވުރެ އިންސާނިއްޔަތަށް ލާބައާއި މަންފާހުރީ މާތް اللّـه ގެ ދީނުގެ ދިދަ އުފުލުންކަން ހެޔޮހިތުން ގަބޫލުކުރާ އީރާނީންވެސް އެހައިމެ ގިނައެވެ. އެހެންކަމުން އެފަދަ މީހުންވަނީ އިސްލާމްދީނަށް ގޮވައިލައްވާ ބޭކަލުންނަށް އެބައިމީހުންގެ އަވަށްއަވަށާއި ގެދޮރުގެ ދޮރުތައް ހުޅުވައިދީފައެވެ.
މުސްލިމުންގެ ލަޝްކަރު އިރާގުގެ އެކިއެކި އަވަށްތަކާއި ރަށްތަކުގައި މިހާރު ކުރިޔަށްދަނީ އީރާނީން ދެން އެނބުރި ނާންނާނެކަމުގެ ޔަގީންކަން އެތަންތާނގެ ވަޒަންވެރީންގެ ހިތްތަކަށް ދޫކުރަމުންނެވެ. އެހެންކަމުން سعـد بـن أبى وقّـاص رضى اللّـه عنــه ކޫޘާގައި ދުވަސްކޮޅަކު މަޑުކުރެއްވުމަށްފަހު މަދާއިނާ ދިމާޔަށް ދަތުރު ފެއްޓެވިއިރު މުސްލިމުންނަށްވަނީ ތިމައުރެންގެ ބުރަކަށި ޙިމާޔަތްވެފައިވާކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައެވެ.
+ + + + +
ޔަޒުދުގިރުދު އޭނާގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅެއްގައި އިންނެވިއެވެ. ސިފައިންގެ އިސްއޮފިސަރުންތަކެއް އޭނާގެ ރަންކުލައިގެ މަސަންދުގެ ކުރިމަތީގައި ކޮޅަށް ތިއްބެވެ. ދަގަނޑު ދަހަނާގައިހުރި ސިފައިންގެ އޮފިސަރެއް އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާ ފަރުޝީ ކުރުނީސް ކުރުމަށްފަހު ކުރިފުޅުމަތީގައި އަދަބުވެރިކަމާއެކު ހުއްޓިއްޖެއެވެ.
ޔަޒުދުގިރުދު ކަންބޮޑުވެވަޑައިގެންނެވުމާއެކު ސުވާލުކުރެއްވިއެވެ. "ސާބާޠު ހަނގުރާމައިގައި ކަލޭ ބައިވެރިވީމުހެއްޔެވެ!"
"އާދެ! މަސާހިބު!"
"ކޮން ލަޝްކަރަކާ އެކުގައިހެއްޔެވެ؟"
"ދަރަޖަމަތިވެރި ސާހިބާއެވެ! އަޅުގަނޑަކީ ޝެހެޒާދީ ޕޫރާންގެ އިސްލަޝްކަރުގެ ކޮމާންޑަރެވެ."
"ޝެހެޒާދީ ޕޫރާން ދަޢުވާކުރައްވާ ގޮތުގައި ބެހެރާޝޭރުގެ ޝާހީ ލަޝްކަރު އެފާޖަކާ އެކުގައިތިބި ފާޖެއް ބައްޔެއް ނުކުރެވޭނެއެވެ. އެކަމަނާ ވިދާޅުވާގޮތުގައި ޝާހީ ރިސާލާގެ ސިފައިން ދިރިތިބިހައިހިނދަކު މައިދާނުން ފަހަތަކަށް ނުޖެހޭނެއެވެ."
ދަގަނޑު ދަހަނާގައިހުރި އޮފިސަރު ޖަވާބު ދިނެވެ. "ޢާލަމްތަކުގެ ސާހިބާއެވެ. ކޮމާންޑަރ އިން ޗީފް އަޅުގަނޑުމެންނަށް އަމުރުކުރެއްވީ އަޅުގަނޑުމެންގެ ލަޝްކަރުގެ ދެފަރާތުގެ ދެއަރިމަތި ދިފާޢު ކުރާށެވެ. ދުޝްމިނުންގެ އެންމެފުރަތަމަ ޙަމަލައިގައި އަޅުގަނޑުމެންގެ ކޮމާންޑަރު ޤަތުލުވެއްޖެއެވެ. މާގިނައިރެއްނުވެ ކޮމާންޑަރ އިން ޗީފުވެސް ޤަތުލުވެއްޖެއެވެ. އެއާ ގުޅިގެން ލަޝްކަރުގެ މެދުތެރެ ހާވިޔާވެއްޖެއެވެ."
"އަހަރެމެންގެ ސާޅީސްހާސް ސިފައިން ފިލައިގެންއައީ ފަސްހާސް މީހުން މައިދާނަށް ދޫކޮށްފައި ކަމުގައި ދެކެވޭ ވާހަކަޔަކީ ތެދެއްހެއްޔެވެ؟"
"މާތް ސާހިބާއެވެ! އަޅުގަނޑުމެންނަށް އަމުރު އައީ ކޯރު ހުރަސްކޮށް ފަހަތަށްޖެހި ދުޝްމިނުންގެ ލަޝްކަރު ހުއްޓުވަން މަސައްކަތް ކުރާށެވެ. ސާބާޠުގެ މައިދާނުގައި އަޅުގަނޑުމެންގެ ގެއްލުން ފަސްހާހަށްވުރެ ބޮޑެއް ނޫނެވެ. ދުޝްމިނުންވަނީ އޭގެތެރެއިން އެންމެ މަދުވެގެންވެސް ދެހާހެއްގައި މީހުން ހައްޔަރުކޮށްފައެވެ."
"އަހަރެމެންގެ ލަޝްކަރުގެ ބާކީތިބި މީހުންނަށް ދުޝްމިނުން ކޯރު ހުރަސްކުރިޔަނުދީ ކިހައިދުވަހަކު ހިފެހެއްޓޭނެހެއްޔެވެ؟
"ދަރަޖަމަތިވެރި ސާހިބާއެވެ! އަޅުގަނޑުމެން ހުރިހައި ފާލަންތަކެއް ހަލާކުކޮށްލައިފީމުއެވެ. ލަޝްކަރުގެ އޮފިސަރުން އަޅުގަނޑު ފޮނުވީ އައު ކޮމާންޑަރ އިން ޗީފުގެ އަމުރުފުޅު އޮތްގޮތެއް އޮޅުންފިލުވުމަށެވެ. އަޅުގަނޑަށް ޔަގީނެވެ." ދުޝްމިނުން ކޯރުގެ އެފަރާތުގައި ހުއްޓުވަން އޭނާ އަމުރުކުރައްވައިފިނަމަ އަޅުގަނޑުމެންގެ ނާރުތަކުގައި ލޭހިނގާހައި ހިނދަކު އަޅުގަނޑުމެން ދުޝްމިނުންނަކަށް ކޯރު ހުރަސްކުރުމުގެ ފުރުސަތެއް ނުދޭނޫއެވެ."
ޔަޒުދުގިރުދު އަދިވެސް ކޮންމެވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުވިއެވެ. ނަމަވެސް ހަމައެވަގުތު ޕޫރާންދުޚުތު އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ޔަޒުދުގިރުދު ކޯފާގެ ލޯފުޅަކުން އެކަމަނާއާ ދިމާޔަށް ބައްލަވައިލެއްވިއެވެ.
ޕޫރާންދުޚުތު ވަޑައިގެން ޝަހެންޝާހުގެ މަސަންދުގެ ތިރީގައި ކަނާތްޕުޅު ފަރާތުގައިހުރި ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އެކަމަނާ އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. "ޢާލަމްތަކުގެ ސަލާމަތެއް ކަމުގައިވާ ސާހިބާއެވެ! އަޅުގަނޑުމެން ބަލިވެއްޖެކަން އަދިވެސް އަޅުގަނޑަކަށެއް ޔަގީނެއް ނުވެއެވެ."
ޔަޒުދުގިރުދު ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެންގެ އަންނަނިވި ނަސްލުތަކަށްވެސް މި ނާކާމިޔާބުގެ ވާހަކަ އަޑުއިވޭހިނދު ގަބޫލުކުރާން ދަތިވާނެއެވެ."
"މާތް ސާހިބާއެވެ! އަޅުގަނޑުމެންގެ ކޮމާންޑަރ އިން ޗީފާއި ޝާހީ ރިސާލުގެ އިސްކޮމާންޑަރު ޤަތުލުވުމަކީ ވަރަށްބޮޑު ޙާދިޘާއެކެވެ. އެބޭފުޅުންގެ މަގާމު ފުރާނެ ބަޔަކު ލަޝްކަރުގައި ތިބިނަމަ ސާބާޠު ހަނގުރާމައިގެ ނަތީޖާ ތަފާތުވީހެވެ."
"ޔަޒުދުގިރުދު ކުޑަކޮށް ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "ކަމަނާ މިތަނަށް ވަޑައިގެންނެވުމުގެ އުނދަގޫފުޅު ތިޔަ އުފުއްލެވީ އެއްވެސްކަމަކާ ނުލައެވެ. އަޅުގަނޑު ހަނގުރާމައިގެ ހުރިހައި ޚަބަރުތަކެއް އަޑުއަހައިފީމެވެ."
ޕޫރާންދުޚުތު ވިދާޅުވިއެވެ. "ޢިއްޒަތްތެރި ސާހިބާއެވެ! ޝާހީ ރިސާލާގެ އެންމެ އިސް ވިހި އޮފިސަރުންގެ ފަރާތުން އަޅުގަނޑަށްވަނީ އިލްތިމާސެއް ލިބިފައެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ އެހެންވެގެންނެވެ."
"އެބައިމީހުން ހުށަހަޅައިފައިވަނީ ބެހެރާޝޭރުގެ ފާރުތެރޭގައި ރައްކާތެރިވެތިބެ މާރަނގަޅަށް ދުޝްމިނުން ހުއްޓުވިދާނެކަމުގައި ދޮގެއްތޯއެވެ؟"
"ތިޔަގޮތަކަށެއް ނޫނެވެ. އެމީހުން ހުށަހަޅައިފައިވަނީ ޝާހީ ފާރަވެރީންގެ ލަޝްކަރުގެ އިސްކޮމާންޑަރަކަށް ކޮންމެވެސް ގާބިލު ބޭފުޅަކު ފޮނުވައިދިނުމަށެވެ."
"ކަމަނާ ތިޔަ މައްސަލައިގައި އަޅުގަނޑާ މަޝްވަރާ ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުވަނީ ޝާހީ ފާރަވެރީންގެ ލަޝްކަރާ ބެހޭގޮތުން ކަމަނާއަށް ފުރިހަމަ އިޚްތިޔާރު އަރުވައިފައެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ޝާހީ ރިސާލާގެ އިސް ކޮމާންޑަރުގެ ނާއިބު ދިރިހުންނެވުމާއެކު އޭނާ ވާނީ ލަޝްކަރުގެ ކޮމާންޑަރުކަމާ ހަވާލުވެވަޑައިގެންފައެވެ."
"ސާހިބާއެވެ! އަޅުގަނޑުގެ ގާތަށް އައި އިލްތިމާސުގައި އެންމެ ކުރީގައި އޮތީ ކޮމާންޑަރުގެ ނާއިބުގެ ސޮޔެވެ. އަޅުގަނޑު މިއައީ އެހެންމީހަކު ލެއްވުމަށްޓަކައި މަނިކުފާނުގެ އަމުރުފުޅު ބޭނުންވާނެތީއެވެ."
"އެއީ ކާކުތޯއެވެ؟"
ޕޫރާންދުޚުތު ފަސްޖެހިވަޑައިގެން އިންނަވައި ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު އޭނާގެ ވާހަކަ މީގެކުރީންވެސް ދެންނެވީމެވެ. އޭނާވީ ޖަލުގައެވެ. މަނިކުފާނުގެ ވިދާޅުބަސްފުޅަކާ ނުލައެއް އޭނާ ދުލެއް ނުކުރެވޭނެއެވެ. އޭނާގެ ނަމަކީ ޒަރުބަޚުތެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރުގައި ތިބި އޮފިސަރުންގެ ތެރެއިން އޭނާގެ ޖައުހަރު އެނގިވަޑައިގަންނަވާ ހުރިހައި އޮފިސަރުންގެ އެދިވަޑައިގެންނެވުމަކީ އޭނާއާ ކޮމާންޑަރުކަން ހަވާލު ކުރެވުމެވެ."
"އަޅުގަނޑު ހަނދާން އެބަހުއްޓެވެ. ކަމަނާ އޭނާއާމެދު ސަކާކުރެއްވުމުން އަޅުގަނޑު ރުސްތުމާ މަޝްވަރާ ކުރީމެވެ. އޭނާ އަޅުގަނޑަށް ހުރިހައި ވާހަކަތަކެއް ވިދާޅުވެދެއްވިއެވެ. އަޅުގަނޑަށް ހީވާގޮތުގައި ދައުލަތުގެ މުޖުރިމުން ޖަލުން ނެރެފައި ލަޝްކަރުތަކުގެ ކޮމާންޑަރުކަން ހަވާލުކުރާ ދަރަޖަޔަކަށް އީރާނުގެ ބަދުނަސީބުގެ ދައުރު އަދިޔެއް ނުދެއެވެ."
ޕޫރާންދުޚުތު ވިދާޅުވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު މަނިކުފާނަށް އަނެއްކާވެސް ޔަގީންފުޅުކޮށް އަރުވަމެވެ. ފަރަޚުޒާދު ޤަތުލުކުރުމުގެ ރޭވުމުގައި ޒަރުބަޚުތު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ރުސްތުމަށްވެސް އެކަން އެނގިވަޑައިގަންނަވައެވެ. އެކަމަކުވެސް ރުސްތުމު ޒަރުބަޚުތަށް އަދަބުދެއްވަން ބާރުއެޅުއްވީއެވެ."
"އޭނާޔަށް އަދަބު ދިނުމުގެ ޙުކުމުގައި ކަމަނާ ބައިވެރިވެވަޑައެއް ނުގަންނަވަމުތޯއެވެ؟"
"ސާހިބާއެވެ! އޭރު އީރާނުގެ ޙާލަތު އޮތީ ރުސްތުމުގެ ރުހިވަޑައިނުގެންނެވުމުގެ ނުރައްކަލާ ކުރިމަތިލެވޭފަދަ ގޮތަކަށެއް ނޫނެވެ. އަޅުގަނޑު މަނިކުފާނުގެ ލަފާފުޅަކަށް އެދި އެންމެފުރަތަމަ ހުށަހެޅިފަހަރު މަނިކުފާނުވެސް ވިދާޅުވީ އެމައްސަލައިގައި އެންމެ ރަނގަޅު ޚިޔާލެއް ދެއްވޭނީ ރުސްތުމަށް ކަމުގައެވެ. ޤާދިސިއްޔާގެ ހަނގުރާމަޔަށްފަހު އަނެއްކައިވެސް އަޅުގަނޑު އޭނާ ދޫކޮށްލުމުގެ މައްސަލަ ހުށަހެޅީމެވެ. މަނިކުފާނު އެފަހަރު ވިދާޅުވީ ރުސްތުމު ޤަތުލުވުމުގެ ޒަޚަމު ޚުރާސާނީ ސިފައިންގެ ހިތްތަކުގައި ތާޒާކޮށް ހުއްޓައި އޭނާގެ ބައްޕާފުޅުގެ ޤަތުލާ ގުޅިފައިވާ މީހަކު އެހައި އަވަހަށް ދޫކޮށްލުމަކީ މަޞްލަޙަތު ރަނގަޅުވާނެކަމެއް ނޫންކަމުގައެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު