ޓެކްނޮލޮޖީ

އެޕް ސްޓޯރުން ފޯޓްނައިޓް ނަގައިފި

މުހައްމަދު އައުޒަމް

އެޕް ސްޓޯރުން ފޯޓްނައިޓް ނަގައިފިއެވެ.

އެޕަލްގެ އެޕްސްޓޯރުން އެޕިކް ގޭމްސްގެ ފޯޓްނައިޓް ނަގައިފައިވަނީ އެކުންފުނިން އެޕް ސްޓޯރުގެ ގަވައިދުތަކާ ހިލާފުވެގެންނެވެ.

އެޕިކް ގޭމްސް އިން ވަނީ ފޯޓްނައިޓް އެޕް ބޭނުންކޮށްގެން ޕޭމަންޓު ހެދޭނެ ގޮތަށް ފޯޓްނައިޓްގެ އެޕް އަޕްގްރޭޑް ކޮށްފައެވެ.

އެޕަލް އިން ވަނީ އެޕްސްޓޯރުގައި ހިމަނާ އެޕްތައް ޑިވެލޮޕް ކުރާ ފަރާތްތަކަށް ހާއްސަ ގަވައިދެއް ހަދައިފައެވެ. މި ގަވާއިދާ ހިލާފު ވާނަމަ އެ އެޕެއް އެޕް ސްޓޯރުން ނެގުމުގެ އިހުތިޔާރު އެޕަލް އަށް ލިބިގެން ވެއެވެ.

ފޯޓްނައިޓްގެ ޑިވެލޮޕާ އެޕިކް އިން ވަނީ އެޕަލް އިން އެޅި މި ފިޔަވަޅުގެ ސަބަބުން ލިބުނު ގެއްލުން ހިސާބު ކުރަމުން އަންނަ ކަމަށާއި ބާރުތައް ނަގައިގެން ކުރާ މަސައްކަތާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ބުނެފައެވެ. އެޕިކް އިން ވަނީ ޔޫޓިއުބް އަދި ފޯޓްނައިޓް މެދުވެރިކޮށް އެޕަލްގެ މިއަމަލާ ދެކޮޅަށް މުޒާހަރާ ކުރާ ވީޑިއޯއެއް ދައްކައިފައެވެ.

އެޕަލްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ އެޕިކްގެ މި އަމަލާ މެދު މަޝްވަރާ ކުރަން ނިންމައިފައިވާ ކަމަށެވެ.

މީގެ ކުރިން ގޫގުލްގެ ޕްލޭސްޓޯ އިންވެސް ވަނީ ފޯޓްނައިޓް ނަގައިފައެވެ. އެޕިކް އިން އަމިއްލަ ޕޭމަންޓް ސިސްޓަމެއް ހެދުމާއެކު އެންޑްރޮއިޑްގެ ޕްލޭސްޓޯރުން ފޯޓްނައިޓް ނަގައިފައިވީ ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އެޕިކް އިން ވަނީ ބުނެފައެވެ.