''ޖާދިންއަށް އަޑުއިވުނީތަ؟...'' ނުތަނަވަސްކަން ވެރިވެފައި އޮތް ހިތަކާއެކު ބަސްމާއަށް ކުރިއަށް ޖެހިލެވުނެވެ. ހާސްކަމާއެކު ޖާދިން ދިޔަ ދިމާއަށް ބަލަން ބަސްމާއަށް ހުރެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ފަހުން އާރަބްއަށް ވެސް އޭނަ ބަލައިލިއެވެ.
''އާރަބް، ދެން ކިހިނެއްތަ ހަދާނީ؟...'' ބަސްމާއަށް ސުވާލުކުރެވުނެވެ. އޭނަގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިފައި ވިއެވެ. ޖާދިންއަށް އަޑުއިވުނީ ކިހާ މިންވަރެއްކަން ވެސް އެނގެނީކީ ނޫނެވެ. އެޚިޔާލާއެކު މީހާއަށް އިތުރު ހާސްކަމެއް ލިބުނެވެ. ހިންދިރުވާލުން ވެސް ދަތިކަމަކަށް ވެއްޖެއެވެ. އެކަމާ ކުރިމަތިލާނެ ގޮތެއް ބަސްމާގެ ވިސްނުމަކަށް ނައެވެ. ބިރުގަންނަ ގޮތްވީ އެހެންވެއެވެ. ތައްޔާރު ނުވެވެނީސް ބޮޑު ތޫފާނެއް ކުރިމަތިވި ފަދައެވެ. ސަލާމަތުގެ އައްސޭރިއެއް ނުވާ ކަހަލައެވެ. މުޅި ވުޖޫދަށް ބިރުވެރިކަމާއި ސިހުން ވެރިވެފައިވިއެވެ. ހިތުގައި އުފަންވެގެން އައި އުދާސްކަމާއެކު ލޮލުން ކަރުނަ ވެސް ހިލުނެވެ.
''އިތުރަށް ސިއްރުކުރުމެއްނެތި ހަޤީޤަތް ހާމަކުރަންވީ، ޖާދިންއަށް އަހަރުމެންގެ ވާހަކަ އަޑުއިވިގެން އެދިޔައީ، މިހާރު އެހިތުގައި ވަރަށް ގިނަ ސުވާލުތަކެއް ވާނެ...'' ޖާދިންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އާރަބް ބުނެލިއެވެ.
ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އާރަބްގެ ފަހަތުން ބަސްމާ ދިޔައެވެ.
*****
ސިކުނޑިއަށް ބުރަވެފައިވުމުން ޖާދިންއަށް އޭނަގެ ބޮލުގައި ހިފަހައްޓައިލެވުނެވެ. ދެންވެސް ބޮލުގެ ރިހުމަށް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ. ނޭވާލާން ވެސް އުނދަގޫވާހެން ހީވިއެވެ. އަވަސްއަވަހަށް ގަމީހުގެ ގޮށްތައް ނައްޓަމުން ހަށިގަނޑާއި ގަމީސް ވަކިކޮށްލެވުނެވެ. އެހިނދު ކޮޓަރިއަށް ވެރިވެފައި އޮތް އޭސީގެ ފިނިކަން އައިސް ހާމަވެގެން ދިޔަ ހަށިގަނޑުގައި ބީހިލިއެވެ. އެކަމުން ވެސް ހަށިގަނޑަށް ލުޔެއް ލިބޭ ގޮތެއް ނުވެއެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ބައްޕަ ދެއްކި ވާހަކަތަކެވެ. އެވާހަކަތަކުގެ މާނަ ނަގަންވީ ގޮތެއް ނޭތި ހިތް ތެޅިފޮޅެނީއެވެ. ސިކުނޑިއަށް ބާރު ބޮޑުވެގެން ދިއުމުން އޭނަ މިސްރާބު ޖެހީ ފާޚަނާއާ ދިމާއަށެވެ. ފެންވަރާލައިގެން ވިޔަސް ސިކުނޑީގެ ނާރުތަކަށް ލުޔެއް ހޯދަދޭން ބޭނުން ވިއެވެ.
*****
''ޖާދިން!...'' ޖާދިންގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން އާރަބް ބުނެލިއެވެ. ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެ ދިޔުމުން ތަޅުގައި ވެސް ހިފާލެވުނެވެ. ތަޅުލާފައި ހުރުމުން އަނެއްކާ ވެސް ޖާދިންއަށް އާރަބް ގޮވާލިއެވެ. އޭރު އާރަބްގެ ފަހަތުގައި ބަސްމާ ހުއްޓެވެ. ކަންބޮޑުވުން ނޫން އިތުރު އިހުސާސެއް އެމޫނުމަތިން ނުފެނެއެވެ.
''ދަރިފުޅާ!... ދޮރު ހުޅުވަބަލަ، ބައްޕަ ބޭނުން ވާހަކަދައްކަން...'' އާރަބް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ޖަވާބެއް ނުލިބުމުން އޭނައަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.
''ވާހަކަދައްކަން ބޭނުން ނުވަނީ ކަންނޭނގެ، ޖާދިން ހަމައަކަށް އެޅުމުން އަހަރުމެންގެ ގާތަށް އެހިތުގައިވި ސުވާލުތަކުގެ ޖަވާބު ހޯދަން އަންނާނެ، އައީމަ ހުރިހާ ވާހަކައެއް ކިޔައިދޭނީ...'' ބަސްމާއާ ކުރިމަތިލަމުން އާރަބް ބުންޏެވެ. ފިރިހެން ދަރިފުޅާ މެދު ހިތުގައި އުފެދިފައި އޮތް ހާސްކަން މޫނުމަތިން ފޮރުވާލީ އިތުރަށް މަސްލަހަތު ގޯސްވެދާނެތީއެވެ. މިހާރު ވެސް ބަސްމާ އެހެރީ ބިރުން ގޮސް ހަލާކުވާން ކައިރިވެފައެވެ.
''އެކަމަކު...'' ބަސްމާ ބުނަން އުޅުނެވެ. ވާހަކަ މެދުކެނޑުނީ އޭނަގެ އަތުގައި އާރަބް ހިފައިލުމުންނެވެ. ރުޅިވެރިކަމެއް އާރަބްގެ ފަރާތުން ނުފެނެއެވެ. ފެންނަނީ މަޑުމައިތިރިކަމެވެ.
''ދެން އިތުރަށް ހަޤީޤަތް ފޮރުވުމެއް ނެތި ހާމަކުރަންވީ... ހަޤީޤަތް އެނގުމަށް ފަހު ޖާދިން ނިންމާ ގޮތާ އަހަރުމެން ރުހެން ޖެހޭނެ، އެދަރިފުޅަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޮޅުވާލެވިއްޖެ، ދޮގު ހެދިއްޖެ، ދެން އިތުރު ދޮގެއް ހަދާކަށް ބޭނުމެއް ނޫން!...'' ބަސްމާއަށް ވިސްނައިދޭން އާރަބް ބުންޏެވެ.
އާރަބްއަށް ބަލަން ހުރި ބަސްމާގެ ކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމެން ފެށިއެވެ.
''އަހަރުމެން ދޫކޮށް ޝަބާނާގެ ގާތަށް ޖާދިން ގޮސްފިއްޔާ ހަދާނީ ކިހިނެއްތަ؟...'' ރޮވިފައިވާ އަޑަކުން ބަސްމާ އެހިއެވެ. އެހިތުގައި އޮތް ބިރުވެރިކަމަކީ އެއީއެވެ. އޭނަ ދޫކޮށް ޝަބާނާގެ ގާތަށް ޖާދިން ގޮސްފާނެތީއެވެ. މަންމައެއްގެ ގޮތުގައި ޝަބާނާ ޚިޔާރުކޮށްފާނެތީއެވެ. އޭނަ ދެކެ ނަފުރަތުކޮށްފާނެތީއެވެ. ޖާދިން ދެކެ އިންތިހާއަށް އޭނަ ލޯބިވެއެވެ. އަމިއްލަ ދަރިޔެއްފަދައިން ދެކެވެއެވެ. އެދަރިފުޅު ބީވެގެން ދާން އެހިތަކަށް ކެތެއް ނުވާނެއެވެ.
''މިހެން ބުނާއިރުގައި ވެސް ބަސްމާގެ ހިތަށް އަސަރުކުރާނެކަން އެނގޭ... އެކަމަކު މިނޫން ގޮތެއް ވެސް ނެތް، ޖާދިންގެ ނިންމުމާ އަހަރުމެން ޖެހޭނެ ޤަބޫލުވާން...'' ބަސްމާ ގެނެސް މޭގައި ޖައްސާލަމުން އާރަބް ބުނެލިއެވެ. ހިތާމަޔާއި އުދާސްކަން އެމޫނުމަތިން ފެނެއެވެ. ހިތަށް އަސަރުކޮށްފައިވާކަން ވެސް ހާމަވެއެވެ.
''އަހަރުމެންގެ އަމިއްލަ އެދުމުގެ ސަޒާ ކަންނޭނގެ މިލިބެނީ، އަހަރެންގެ ސަބަބުން ޝަބާނާއަށް ލިބުނީ ކޮންފަދަ ބޮޑު ހިތާމައެއް، އޭރު އެކަމާ ވިސްނަން އަހަރެން ބޭނުމެއް ނުވި، އެކަމަކުގެ ހިތިކަން މިއަދު ތަޖުރިބާ މިކުރެވެނީ!...'' ރޮމުން ގިސްލަމުން ބަސްމާ ބުނެލިއެވެ. މާޒީގެ ހިތިކަން އޭނަގެ ކަރު ބުޑަށް ފޭދި ނިމިއްޖެއެވެ. ވަގުތީ އުފަލެއް ނޫނީ އޭނައަކަށް ނުލިބުނެވެ. މިހުރިހާ ދުވަހު ހަޤީޤަތަށް ފިލަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. ފަސްއަޅައި ފޮރުވަން މަސައްކަތްކުރި މާޒީގެ ސަފުހާތަށް އެދަނީ ނިއުޅެމުންނެވެ. އޭނަގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލަމުންނެވެ. ޝަބާނާގެ އުފާވެރިކަމާއި ހަޔާތް ފޭރިގަތުމަށްފަހު އޭނައަށް ވެސް ހިތްހަމަޖެހުމެއް ނުލިބޭނެކަން މިއަދު ތަސައްވަރު ކުރެވިއްޖެއެވެ.
''މިރޭ ވަރަށް ބޮޑަށް ލަސްވެއްޖެ، މާދަން ދެން ޝަބާނާއާ ބައްދަލުކުރަން ދާނީ، އަހަންނާއެކު ބަސްމާ ވެސް ދާން ވާނެ، ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް...'' އާރަބް ބުނެލިއެވެ. އަނބިމީހާގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭން އޭނަ ބޭނުން ވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް އޭނަ ބަސްމާ ދެކެ ނުހަނު ލޯބިވެއެވެ. އެއީ އޭނަގެ އަނބިމީހާ ވެސް މެއެވެ. އޭނަގެ ކޮންމެ ނިންމުމަކުން ބަސްމާއަށް ވެސް އަސަރުކުރާނެތީ ބަސްމާގެ އެއްބާރުލުމަށް ވެސް އެދެވުނެވެ.
*****
ފެންމާގަނޑުން އޮހޮރެމުން ދިޔަ ފެންތަކުން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ފެނުގެ އަސަރުން، މާކިންއާ ދެމެދު ހިނގި ހަމަނުޖެހުމުން ލިބިފައިވި ޒަހަމްތަކުން ދިލަ ނަގަން ފެށިޔަސް އެކަމަށް ސަމާލުކަމެއް ނުދެވުނެވެ. ހަކަރާތެއްކޮށްލުމެއް ވެސް ނެތި ފެންމާގަނޑު ދަށުގައި ޖާދިން ހުއްޓެވެ.
''ބައްޕަ އެދެއްކީ ކޮން ވާހަކައެއްތަ؟...'' ޖާދިންއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. ''މަންމަގެ ހަޤީޤަތް އޮޅުވާލީޔޭ ބުނީ ކީއްވެތަ؟... އޭގެ މާނައަކީ މަންމަ އަހަންނާއި ބައްޕަ ދޫކޮށްލާފައި ނުދަނީޔޭތަ؟، އެކަމުގައި ފޮރުވިފައިވަނީ ކޮންކަމެއްތަ؟...''
''މާކިންގެ ވާހަކަ ދެކެވުނީ ކީއްވެތަ؟...'' ތެމިފައިވި އިސްތަށިގަނޑުގެ ތެރޭގައި ޖާދިންއަށް އަތްތިލަ ހިންގާލެވުނެވެ. ''މާކިން ކިޔާ އެތައް މީހުނެއް އުޅޭނެ، އޭނައަށް ނުވެ ވެސް ހިނގައިދާނެ، އެކަމަކު ކީއްވެތަ އޭނައާ މެދު ވިސްނެނީ، ދެބެއިންނަށް ވެދާނެޔޭ ބުނީ ކީއްވެތަ؟... އޢގެ މާނައަކީ އަހަރެންގެ ކޮއްކޮއެއް ހުންނަނީއޭތަ؟...''
ސިކުނޑީގައި ބާރު ދުވެލީގައި ބުރުޖަހަން ފެށި ސުވާލުތަކުން އަނެއްކާ ވެސް ބޮލުގައި ރިހެން ފެށިއެވެ. ޖަވާބު ހޯދަން އޭނަގެ ނަފުސު ތެޅި ފޮޅެން ފެށިއެވެ.
*****
މެންދަމުންއަލިވެ ތިނެއް ޖަހައި ބޮޑުވެއްޖެއެވެ. މާލޭގެ މަގުތައް ހަމަހިމޭންވެފައި ވިއެވެ. ރޭގަނޑުގެ ދާނުގައި ގިނަ މީހުން ނިދީގެ ލައްޒަތު ލިބިގަންނަމުން ދިޔައެވެ. އައު ދުވަހަކަށް އުއްމީދުކުރަމުންނެވެ.
ވަރުބަލިކަން ހަށިގަނޑަށް އިހުސާސް ކުރެވުނަސް އާރަބްއަށް ނިދޭ ގޮތެއް ނުވިއެވެ. ނިތް މަތީގައި އަތް ބާއްވާލައިގެން އޮތް އިރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ސީލިންގް އަށެވެ. ނިދީގެ އެއްވެސް އަސަރެއް އޭނަގެ ދެލޮލުގައި ނުވެއެވެ. ވަރުބަލިކަމެއް ނެތި އޭނަގެ ސިކުނޑި މަސައްކަތްކުރަމުން ދިޔައެވެ. އެހެން އޮވެފައި ހިތުގެ އަޑިން ޝަބާނާގެ ނަން ކިޔާލެވުނެވެ. ދުރުދުރުން ހަނދާންވާން ފެށީ މާޒީގެ ދުވަސްތަކެވެ. އެހަނދާންތައް އާލާވާން ފެށުމުން ނަފުސު މާޒީގެ ތެރެއަށް ދޫކޮށްލެވުނެވެ.
*****
އާރަބްއާއި ޝަބާނާ ފުރަތަމަ ދިމާވީ ރަށުގެ ސިއްހީމަރުކަޒުންނެވެ. އާރަބްގެ މަންމައަށް ސްޓްރޯކެއް ޖެހި މަރުގެ ތަންމަތީގައި އޮތް ދުވަސްވަރު، ނަރުހެއްގެ ހައިސިއްޔަތުން އާރަބްއަށް ޝަބާނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. މަންމަގެ ކަންތަކަށް ޝަބާނާ ބަހައްޓާ ސަމާލުކަމާއި ފަރުވާތެރިކަމުން އޭނަގެ ނަޒަރު ޝަބާނާއަށް ހުއްޓެން ފެށިއެވެ. އަބަދުވެސް އެތުންފަތުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރު ހުންނަކަން ފާހަގަކުރެވުނެވެ. މޫނުމަތިން ހިތްހެޔޮކަމާއި އޯގާތެރިކަން ފެނެއެވެ. އެދެލޮލުގައިވާ މައުސޫމްކަމަށް ވެސް ސަމާލުކުރެވުނެވެ. ހޭދަކުރެވެމުން ދިޔަ ހިތްދަތި ދުވަސްތަކުގެ ތެރޭން ޝަބާނާ ފެނި އެދިލަ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ޝަބާނާގެ ހިތްވަރުދިނުމުގެ ބަސްތަކުން ހިތަށް ފިނިކަމެއް ވެސް ލިބުނެވެ.
އުމުރުން އެންމެ ނުވަ އަހަރުގައި ބައްޕަ މަރުވީއްސުރެން ފެށިގެން އާރަބްގެ ހުރިހާ މީހަކީ ވެސް އޭނަގެ މަންމައެވެ. އެމަންމަގެ އޭނަ ފިޔަވާ އިތުރު ދަރިއަކު ވެސް ނެތެވެ. ބައްޕަގެ މަރަށް ފަހު، ދޮންބައްޕައަކު ހޯދައިދޭން ބޭނުން ނުވާތީ އިތުރު ކައިވެންޏެއް ވެސް މަންމަ ނުކުރެއެވެ. ބުރަ މަސައްކަތުން އޭނަ ބަލައި ބޮޑު ކުރުމުން އެކަމުގެ އަގު އަދާކޮށްދޭނެ ގޮތެއް ވެސް އާރަބްއަކަށް ނޭނގުނެވެ. ދުނިއުމުރު ދުވަސް ހޭދަވިޔަސް މަންމަގެ ޤުރުބާނީތަކުގެ އަގު އޭނައަށް އަދައެއް ނުކުރެވޭނެއެވެ. މަންމައަށްޓަކައި އެހިތުގައި ދެވިފައިވަނީ މަތިވެރި ޤަދަރެކެވެ. ލޯތްބެކެވެ.
މަންމަ ބަލި ތަންމަތީގައި އޮތް މަންޒަރު ދެކެން އާރަބްއަށް ކެތްކުރުން ވީ ނުހަނު ދަތިކަމަށެވެ. ވޭނާއި ކެކުޅުމުގެ މަރުހަލާތަކަށްފަހު މަންމަ މިފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައީ ވެސް އޭނަގެ ލޯކުރިމަތިންނެވެ. އެހިނދު ހިތްދަތިކަމާއި ގިލަންވެރިކަމުގެ ކަނޑެއްގެ ތެރޭގައި ނަފުސު އަރަގު ވެގެން ދިޔަ ކަހަލައެވެ. އެފަދަ ވޭނީ ކެކުޅުމެއްގެ ތެރޭގައި ވަނިކޮށް އޯގާތެރިކަމެއް ލިބުނީ ހަމައެކަނި ޝަބާނާގެ ފަރާތުންނެވެ. އެހިތް އެލޯތްބާއި އޯގާތެރިކަމަށް ދީލައިލީ އެހިސާބުންނެވެ.
ދުވަސްތައް ފާއިތުވެ ދިޔަ ވަރަކަށް ޝަބާނާއާއި އާރަބްގެ ދެމެދުގައި އޮތް ގުޅުން ފޯދެމުން ދިޔައެވެ. ލޯބީގެ ވިންދު ޖަހަން ފެށިއެވެ. ފުރަތަމަ ލޯބި ހުށަހެޅީ ވެސް އާރަބްއެވެ. ވަގުތުން ޝަބާނާ ޤަބޫލުވިއެވެ. އާރަބް ވެގެން ދިޔައީ ޝަބާނާއަށް ވަރަށް ކަމުދިޔަ ޒުވާނެކެވެ. އޭރު ޝަބާނާގެ ވެސް އެއްބަނޑުއެއްބަފާ ދައްތަ ސަކީނާ ފިޔަވާ އިތުރު މީހަކު ނެތެވެ. ދައްތަ ކައިވެނި ކުރިފަހުން ގޮސް އުޅެނީ ފިރިމީހާގެ ރަށުގައެވެ. އެއީ ރާއްޖޭގެ އުތުރު ރަށެކެވެ. ނަމަވެސް ޝަބާނާއާއި އާރަބްގެ ކައިވެންޏަށް ސަކީނާ އައެވެ. ސަކީނާއަށް ވެސް އާރަބް ނުހަނު ކަމު ދިޔައެވެ.
ކައިވެންޏަށް ފަހު އާރަބް އޭނަގެ ދިރިއުޅުން ބަދަލުކުރީ ޝަބާނާގެ ގެއަށެވެ. އާރަބް އޭރު އުޅެމުން ދިޔައީ މަންމަ ފަރާތު އޭނަގެ ބޮޑުދައިތައެއްގެ ގޭގައެވެ. ބޮޑުދައިތައާ އެހާ ރަނގަޅު ގުޅުމެއް ނޯންނާތީ، އާއިލީ ހަމަނުޖެހުމުގެ ތެރެއަށް ޝަބާނާ ގެންދަން އޭނަ ބޭނުމެއް ނުވިއެވެ.
ކައިވެނީގެ ފުރަތަމަ ދުވަސްތައް ދިޔައީ އުފާވެރިކަމާއެކުގައެވެ. ދެމަފިރިން ވެސް މުސްތަޤުބަލާ މެދު ފޮނި އުއްމީދުތަކެއް ކުރިއެވެ. އާއިލާއެއް ބިނާ ކުރަން ބޭނުންވާތީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅެއް ހޯދިއެވެ. ވަގުތާއި އާމްދަނީގެ ގޮތުން ރަނގަޅު ދަނޑިވަޅެއް ފެނުމުން ދަރިއަކު ހޯދުމުގެ މަރުހަލާއަށް ދިޔައެވެ. އަލަތު ދަރިފުޅަށް ޝަބާނާ ބަލިވެ އިން ޚަބަރު ލިބުމުން އާރަބްއަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭން ވެސް ދަތިވިއެވެ. ޝަބާނާގެ އުނަގަނޑުގައި ހިފާ މައްޗައް އުފުއްލާލިއެވެ. އެހިނދު ޝަބާނާގެ ރަކި ހިނިތުންވުމުގެ އަޑު އިވިގެން ދިޔައެވެ.
ބަލިވެ އިނުމުގެ ސަބަބުން ޝަބާނާއަށް ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ވަރުބަލިވުމާއި ހޮޑުލެވުމެވެ. މޫނުމައްޗަށް އަނދިރިވުމެވެ. ކާން ކަމުދާ ކަހަލަ އެއްޗަކާ ދިމާވާ ގޮތެއް ނުވިއެވެ. ޝަބާނާ ގޭގައި އެކަނިވުމަށް ނޭދޭތީ، އޮފީހުން މަސް ދުވަހުގެ ޗުއްޓީއެއް އާރަބް ނެގިއެވެ. އަދި ޝަބާނާއަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބެންދެން ޝަބާނާގެ ގާތުގައި މަޑުކުރިއެވެ. އެއީ ދެމަފިރިންގެ ލޯތްބަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމަކެވެ.
އަލަތު ދަރިފުޅު އުފަންވުމާއެކު ދެމަފިރިންގެ ހަޔާތް ވެސް ބަހާރުގެ ކުލަތަކުން ރަންގުވެގެން ދިޔައެވެ. އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ދެމަފިރިންގެ ލޯބީގެ ނިޝާނާއެކު ގޭތެރެއަށް ވެސް ޢީދެއް އައި ކަހަލައެވެ. ފިރިހެންދަރިފުޅަށް ޝަބާނާ ދިން ނަމަކީ މީރާން އެވެ. އެއީ އޭނައަށް ވަރަށް ކަމުދިޔަ ނަމެކެވެ.
އުފާވެރިކަމާއެކު ދެމަފިރިންގެ ދިރިއުޅުން ކުރިއަށް ދިޔައެވެ. މީރާންއާއެކު ދެމަފިރިންގެ ހަޔާތަށް އިތުރު ފުރިހަމަކަމަކާއި ދިރުމެއް ގެނެސްދިނެވެ.
ހަޔާތަށް ބިންދާލަން އުޅޭ އުސް ރާޅުގެ ހިލަމެއް އެއްވެސް ވަރަކަށް ޝަބަނާއަކަށް ނުވިއެވެ. އެބިޔަ ރާޅުގައި ޖެހި އޭނަގެ ދިރިއުޅުން އޮޔާލާ ގޮސްފާނެ ކަމެއް ވެސް ނޭނގުނެވެ. އާރަބްއަށް އަމިއްލަ ނަފުސަށް ވުރެން ބޮޑަށް ޝަބާނާ އިތުބާރުކުރިއެވެ. ލޯބިވިއެވެ. އިތުބާރާއި ލޯބި ހިތި ޒަހަރަކަށް ވެގެން ހިނގައިދާނެކަމުގެ ހިލަމެއް ޝަބާނާއަކަށް ނުވިއެވެ. އޭރު މީރާންގެ އުމުރުން އަހަރެއް ވީއެވެ.
----------
އާރަބްއާއި ބަސްމާ ދިމާވީ އޮފީހުގެ މީޓިންއެއްގެ ތެރެއިންނެވެ. ބަސްމާއަކީ މާލެއިން އޮފީހުގެ ކަންތައް އޮޑިޓްކުރަން ފޮނުވި މީހެކެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ބަސްމާއަށް އާރަބް ކަމުދިޔައެވެ. އެފިރިހެންވަންތަކަމުން އެހިތަށް ތޫނު ހަންޖަރުތަކެއް ހަރާލިއެވެ. ބަސްމާއަކީ އާރަބްއަށް ވުރެން ތިން އަހަރު ދޮށީ އަންހެނެކެވެ. އޭރު ބަސްމާގެ ފުރަތަމަ ކައިވެނި އޮތީ ރޫޅިފައެވެ. ދަރިން ނުލިބޭތީ ފިރިމީހާ އޭނަ ވަރިކޮށްލީއެވެ. އެކަމާ ހިތާމަކުރަމުން ދަނިކޮށް އާރަބް އޭނަގެ ނަޒަރުގައި އަޅައިގަތުމާއެކު އައު އުއްމީދެއް އެހިތަށް ލިބުނެވެ.
އަމިއްލަ މަސައްކަތެއް ފެށުމުގެ ޝައުޤުވެރިކަން އާރަބްގެ ހުންނަކަން ބަސްމާއަށް ފާހަގަ ވުމުން މަކަރުވެރިކަމުގެ ދަލެއް ފަތުރާލިއެވެ. ބަސްމާއަކީ މާލޭގައި ގެދޮރު ހުރި އަންހެނެކެވެ. ނުފޫޒުގަދަ މީހުންނާ ގާތް ގުޅުމެއް އޮވެއެވެ. އާރަބްގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ ދަޅަތަކާއެކު އާރަބްގެ ސިކުނޑިއަށް ވެރިވެގަންނަން ބޭނުން ވިއެވެ. އޭރު އާރަބްއަކީ މީހެއްގެ ފިރިއެއްކަން ވެސް ބަސްމާއަށް އެނގެއެވެ. އަހަރެއްވީ ދަރިއަކު ހުންކަން ވެސް އެނގުނެވެ. ނަމަވެސް ފަހަތަށް ޖެހެން ބޭނުމެއް ނުވިއެވެ. އާރަބް ހާސިލުކުރުމުގެ އުއްމީދު ކުރިއަށްވުރެން ބޮޑުވެގެން ދިޔައެވެ.
ޝަބާނާދެކެ ބަސްމާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މުސްކުޅިން ލައިއުޅޭ ފާޑުގެ ކަޅު ހެދުމާއި ބުރުގާ އަޅާތީ އޭނަ ވަކިން ބޮޑަށް ފޫހިވިއެވެ. ރީތި ހަށިގަނޑެއް ވެސް ޝަބާނާއަށް ލިބިފައި ނުވެޔޭ ބަސްމާގެ ހިތަށް އެރިއެވެ. ހިކިކަމުން ގޮސް ހީވަނީ އިލޮއްޓެއްހެންނެވެ. އެފަދަ ފީކަޅާ އަންހެނެއްގެ ފަރާތުން އާރަބްއަށް ލިބޭނީ ކޮންކަހަލަ އުފަލެއްތޯ ވެސް ހިތާ ސުވާލުކުރެވުނެވެ. ޝަބާނާއާއި އާރަބް ކައިވެނިކޮށްގެން ހުރުން އޭނައަށް ހަޖަމުކުރެވޭ ގޮތެއް ނުވިއެވެ. އޭނަގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑުގެ ރީތި ބައްޓަންތަކުން އާރަބްގެ ސަމާލުކަން ހޯދަން މަސައްކަތްކުރިއެވެ. ތަފާތު ބަހަނާތައް ދައްކައިގެން އާރަބްއާ ގާތް ވެވޭތޯ ބެލިއެވެ. ލަސްލަހުން ވިޔަސް ބަސްމާގެ ފަރިކަމާއި މަކަރުވެރިކަމުގެ ދަލުގައި އާރަބް ހައްޔަރުކުރިއެވެ. ލޯބީގެ ލައްޒަތު ވެސް ހާސިލުކުރިއެވެ. އެހިތުގެ މައްޗަށް އަތްގަދަކުރިއެވެ. ފިރިހެނުންގެ ހިތަކީ ނުފޫޒާއެކު ބަދަލުކޮށްލެވޭނެ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގޭނީ ބަސްމާ އަށެވެ. އެފަދަ ކަންކަމުގެ އެތައް ހުނަރެއް އަދި އުކުޅެއް އޭނައަށް އޮތީ ދަސްވެފައެވެ. އޭރު އާރަބްގެ މައްޗަށް ބާރުފޯރުވުމުގެ ފުރިހަމަ ބާރު ބަސްމާއަށް އޮތީ ލިބިފައެވެ. ހުރިހާކަމެއްގެ އިން ފަހަނައަޅައި ގޮސްފައިވުމުން އޭނަގެ މިލްކަކަށް އާރަބް ހެދުން ބަސްމާއަށް އުނދަގޫކަމަކަށް ނުވިއެވެ.
އާރަބް އޭނައާ ދުރުވަމުން ދިޔަ ކަން ޝަބާނާއަށް ރޭކާލާން ފެށީ ވަގުތު ފާއިތުވީ ފަހުންނެވެ. މީރާން ލިބުމަށްފަހު ވަޒީފާއިން ވަކިވިކަމުގައި ވިޔަސް ސިއްހީމަރުކަޒުގައި ތިބި އެކުވެރިންނާ ގުޅުން ބާއްވައެވެ. އެއްދުވަހެއްގެ ހަވީރު ސަޔަކުން ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރޭން ޝަބާނާއަށް ލިބުނީ ބިރުވެރި ޚަބަރެކެވެ. މީހާ ގަނޑުވެގެން ދިޔައެވެ. ބިރުވެރިކަން ހިތުގައި ވިންދުޖެހިއެވެ. އެކުވެރިންގެ ތުންތުންމަތިން އޭނަގެ ކަންފަތާ ހަމައަށް ފޯރީ އާރަބްއާއި ބަސްމާގެ ގުޅުމުގެ ވާހަކައެވެ. ކުރެވުނު އިތުބާރުގެ ބިންގަލަށް ލޮޅުން އަރައިގެން ދިޔަކަން ޝަބާނާއަށް އިހުސާސްކުރެވުނީ ދެނެވެ. އެދުވަހަށް ފަހު އާރަބްއާއި މެދު ޝަބާނާގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ރޭގަނޑު ވެސް އޮފީހަށް ދިއުމުވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ނުދިނުމެވެ. އާރަބްގެ ފޯނުގައި ވެސް އަތްލުން އޮތްނަނީ މަނާކޮށްފައެވެ. ރޭރޭ ދަންވާފަހުން އާރަބް ގެއަށް އަންނަން ފެށުމުން ޝަބާނާގެ ހިތަށް ހާސްކަން ވެރިވެ ޝައްކު ޔަޤީނަށް ބަދަލުވާން ފެށިއެވެ.
އެއްރެޔަކު އާރަބް ގެއަށް އައިއިރު ޝަބާނާ އިނީ ރޯންށެވެ. އެކަމަށް ސަމާލުކަމެއް ދިނުމެއް ނެތި ލައިގެން ހުރި ހެދުންތައް ދާވަށިގަނޑަށް ލުމަށްފަހު އާރަބް ގޮސް ވަނީ ފާޚަނާއަށެވެ. އެމަންޒަރު ބަލަން އެނދުގައި އިން ޝަބާނާއަށް އިތުރަށް ރޮވުނެވެ. އަނގައިގައި އަތް އަޅާލެވުނީ ގިސްލުމުގެ އަޑަށް ދަރިފުޅު ހޭލަފާނެތީއެވެ. ލޮލުން ކަރުނަފައިބަމުން ދިޔަ ހާލު ޝަބާނާ އެނދުން ތެދުވިއެވެ. އަދި ދާވަށިގަނޑު ކައިރިއަށް ހުއްޓި ދެންމެ އާރަބް ބޭލި ގަމީސް ނެގިއެވެ. ގަމީސް ގެނެސް ނޭފަތުގައި ޖައްސާލުމާއެކު ހިނދުރީގެ ތެރެއަށް ވެރިވެގެން ދިޔައީ ލުއިލުއި އަންހެން ސެންޓެއްގެ ވަހެވެ. އެއީ ހަޤީޤަތާ ކުރިމަތިލާން ޝަބާނާއަށް މަޖުބޫރުވި ވަގުތު ކޮޅެވެ. ލިބުނު ހިތާމަޔާއި މާޔޫސްކަމާއެކު ކަކުލު ހުޅުން ވާގި ދޫވެގެން ގޮސް ބިންމައްޗަށް ތިރިވެވުނެވެ. މޭގައި އުފެދުނު ރިހުމާއެކު ޝަބާނާއަށް ރޮވިއްޖެއެވެ. އާހުގެ އަޑު ހިންދަން މަސައްކަތްކުރަމުން އެނދުގައި ފުން ނިދީގައި އޮތް މީރާންއަށް ޝަބާނާ ބަލައިލިއެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. އާރަބްގެ ބޭވަފާތެރިކަމުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ނޭނގުނެވެ. ފާއިތުވި މަސްދުވަސްތެރޭގައި އެދެމެދަށް އެވަރުގެ ބޮޑު ހީނަރުކަމެއް އައީ ކީއްވެގެން ހެއްޔެވެ؟ ހަލާލު އަނބިމީހާ ހުއްޓާ ހިލޭ އަންހެނެއްގެ ގާތަށް އާރަބް ދާން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އުނިކަމެއް ހުރީ ހެއްޔެވެ؟ އޭނައަށް އާރަބްއަށް ލޯބި ނުދެވެނީ ހެއްޔެވެ؟ އޭނައާއި ކުޑަދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ؟
ހާސްކަމާއި ހިތްދަތިކަމުގެ ތޫފާނުގެ ތެރޭގައި ވަނިކޮށް ފާޚަނާއިން އާރަބް ނިކުތް އަޑު އިވުނެވެ. ކަރުނައާއި ޝަކުވާތަކުން ފުރިފައިވި ދެލޮލުން އާރަބްއަށް ޝަބާނާ ބަލައިލިއެވެ. ޝަބާނާ ފެނި އާރަބް ހުއްޓުން އެރިއެވެ.
''އާރަބް!...'' ގިސްލުމަކާއެކު ޝަބާނާއަށް ބުނެވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލަމުން އޭނަ ކޮޅަށް ތެދުވުނެވެ. ހިތުގައި ވި ސުވާލުތަކުގެ ޖަވާބު ހޯދަން އޭނައަށް މުހިންމުކަމަކަށް ވެއްޖެއެވެ. އެރޭ ފުރަތަމަ ފަހަރަށް އާރަބްއާއި ޝަބާނާއާ މެދުގައި ހޫނު ޒުވާބެއް ކުރެވުނެވެ. ޒުވާބުގެ ތެރޭން އައިސްފައި ހުރި ރުޅީގެ ސަބަބުން ބަސްމާއާއި އޮތް ގުޅުން ވެސް އާރަބްއަށް ހާމަކުރެވުނެވެ. އެރޭ ޝަބާނާ ގާތު މަޑުކުރުމެއް ނެތި އާރަބް ގެއިން ނިކުމެގެން ދިޔައެވެ. އާރަބްގެ ފަހަތުން ދާން ޝަބާނާ ބޭނުން ވިއެވެ. ނަމަވެސް ޒުވާބުގެ އަޑަށް ބިރުން ގޮސް ހޭލި މީރާންގެ ގާތަށް ޝަބާނާއަށް ދެވުނީ ރޮމުންނެވެ. ދަރިފުޅު ގެނެސް މޭގައި ބޮނޑިކޮށްލަމުން ބަރުބާރަށް ޝަބާނާއަށް ގިސްލެވުނެވެ. ޒަވާޖީ ހަޔާތް ނިމުމަކަށް އައިސްފިކަން ޤަބޫލުކުރަން އޭނައަށް ދަތިވިއެވެ. ދަރިފުޅާއި އޭނައަށް ވެދާނެ ގޮތަކާމެދުގައި ޝަބާނާގެ ހިތް ބިރުގަތެވެ.
އެރޭ އާރަބް ދިޔައީ ބަސްމާގެ ގާތަށެވެ. އާރަބް އައިސްފައި ހުރި ރުޅީގެ ފައިދާ ބަސްމާ ނެގިއެވެ. އޭރު ދެލޯބިވެރިން ތިބީ އެނދުގައެވެ. ހުސްގަޔާ އޮތް އާރަބްގެ މޭގައި ބޯއަޅައިގެން އޮވެ، އެމޭގައި ފަޅާފައި ހުރި އިސްތަށިތަކުގައި އިނގިލިތަކުގެ ކުރިތައް ހިންގާލަމުން ބަސްމާ ވާހަކަދެއްކިއެވެ.
''ވަރިކޮށްލީމަ ނިމުނީއެއްނު...'' އެއްވެސް އަސަރެއް ނެތް ގޮތެއްގައި ބަސްމާ ބުނެލިއެވެ. އެކަމުން ޝަބާނާއަށް ލިބޭނެ ހިތްދަތިކަމާ މެދު ވިސްނަން ބޭނުން ނުވާ ކަހަލައެވެ. އާރަބްގެ އޭނަގެ މީހަކަށް ވަނިކޮށް ބަސްމާއަށް ނިމުނީއެވެ.
''ކީކޭ!...'' ސިހިފައި އާރަބްއަށް ބުނެވުނެވެ. ''އޭރުން މީރާން!...''
''މީރާން ބެލުމާ ހަވާލު ވާނީ އަހަރެން، ކުރިން ވެސް އާރަބް ގާތު ބުނެވުނުދޯ އަހަންނަށް ދަރިން ނުލިބޭ ވާހަކަ، އާރަބްގެ ދަރިއެއް ވީމަ ލޯތްބާއެކު ބަލާނަން، އެދަރިފުޅުގެ ސަބަބުން އަހަރެންގެ އުނގު ވެސް ފަޅުފިލާނެ، މާލެ ދެވުނީމަ އާރަބްގެ ހުވަފެންތަށް ވެސް ހަޤީޤަތަކަށް ހަދަން އަހަރުމެންނަށް މަސައްކަތް ކުރެވޭނެއެއްނު!، އާރަބް މިހާރު އޭނަދެކެ ލޯތްބެއް ނުވެއެއްނު، އަހަރެންދެކެ އެއްނު ލޯބިވަނީ، ލޯބި ނުވާއިރު ކީއްކުރަން ކައިވެނިކޮށްގެން ތިއުޅެނީ؟، މީރާންގެ އުމުރުން ވެސް އެންމެ އަހަރެއްވީ، އެދަރިފުޅަށް ހަޤީޤަތް ސިއްރުކުރަން ނިކަން ފަސެހަވާނެ، މީހުންނަށް އެއީ އަހަރެންގެ ދަރިއެއް ނޫންކަން އެނގި ވާހަކަ ދެކެވުމުގެ ކުރިން މީރާންއަށް ވިސްނެން ފެށީމަ ކިޔައިދޭނީ، އެކަމަކު ހަޤީޤަތް ސިއްރުކުރުމަށްފަހު، ޝަބާނާ ހޯދަން މީރާންއަށް ހިތްވަރުނުލިބޭނެހެން ދޮގުހަދާނީ، އެހިތުގައި ނަފުރަތު އުފައްދާނީ، އޭރުން އަހަރުމެންނާ އެދަރިފުޅު ކައިރިވާނީ!...'' ކަންތައްކުރަންވީ ގޮތް ބަސްމާ ކިޔައިދިނެވެ. ފުރަތަމަ އެކަމާ އާރަބްއަށް އެއްބަހެއް ނުވެވުނެވެ. ނަމަވެސް ބަސްމާ ކުރުނުކޮށް ކިޔަން ފެށުމުން ހިތްވަރު ލިބުނެވެ. ޝަބާނާގެ މައްޗަށް އަނިޔާވެރި ވެވުނެވެ.
----------
ޝަބާނާ ވަރިކޮށްލުމަށްފަހު މީރާން ގޮވައިގެން ބަސްމާއާއެކު މާލެ ދާން އާރަބް ގެއިން ނިކުތުމާއެކު ރޮމުންރޮމުން އާރަބްގެ ފަހަތުން ޖެޓީއާ ހަމައަށް ޝަބާނާ ދިޔައެވެ.
''އާރަބް ހެޔޮނުވާނެ ތިހެން ނަހަދާ، ތިދަރިފުޅު އަހަންނާ ހަވާލުކުރޭ، އަދި އެންމެ އަހަރެއްވީ ދަރިފުޅާއި އޭނަގެ މަންމަ ދުރުނުކުރޭ، ރަހުމުކޮށްބަލަ، ތިހާ ހިތްހަރު މީހަކަށް އާރަބްވީ ކޮން ދުވަހަކުތަ؟، އާދޭސްކުރަން، ހެޔޮނުވާނެ ތިހެން ނަހަދާ!...'' ލޯންޗަށް އަރަން އުޅުނު އާރަބްގެ ފައިބުޑަށް ވެއްޓިގަންނަމުން ޝަބާނާ އާދޭސްކުރިއެވެ. ރޮމުންރޮމުން ގޮސް މީހާ އަވަދިވާން ކައިރިވެއްޖެއެވެ. ދަރިފުޅާއި ވަކިވާތަން ދެކެން ޝަބާނާއަށް ކެތެއް ނުކުރެވުނެވެ. އޭރު އާރަބްގެ އުރުގައި އިން މީރާން ވެސް މަންމަ ގާތަށް ދާން ބޭނުންވެގެން އުޅުނެވެ. އެކަމާ ނުރުހިފައި ތަންކޮޅެއް ބާރަށް މީރާންއާ ދިމާއަށް އާރަބް އެއްޗެކޭ ބުންޏެވެ. ގިސްލަގިސްލާފައި މީރާން ރޯން ފެށީ ދެނެވެ.
ލޯންޗުގައި މަންޒަރު ބަލަން އިން ބަސްމާ ލޯންޗުން ފޭބިއެވެ. އަދި އާރަބްގެ އަތުން މީރާން އަތުލިއެވެ. އަދި ލޯތްބާއި އޯގާތެރިކަމާއެކު ފިރުމާލިއެވެ. ހީވީ މީރާންގެ މައްޗަށް އަތްގަދަކޮށްލި ހެންނެވެ. އެއަށްފަހު ވިހަ ހިނިތުންވުމަކާއެކު އާރަބްގެ ފައިބުޑަށް ތިރިވެ އިން ޝަބާނާއަށް ބަލައިލިއެވެ.
''ދަރިފުޅަށް މުސްތަޤުބަލެއް ހޯދައިދިނުމުގެ ހައިސިއްޔަތު އެބަހުރިތަ؟...'' ރުޅިވެރިކަމާއެކު ބަސްމާ ބުނެލިއެވެ. ''މި ދަރިފުޅަށް ތިކަހަލަ މަންމައަކު ބޭނުމެއް ނުވޭ، ދުނިޔޭގެ ހުރިހާ އުފަލެއް ދެވޭނެ މަންމައަކު ބޭނުންވަނީ... އެއީ އަހަރެން... މީގެ ފަހުން މިދަރިފުޅާ ބައްދަލުވުމުގެ ފުރުސަތެއް ވެސް ނުދެވޭނެ!، އަޑު އިވިއްޖެތަ!...''
ބަސްހުއްޓިފައި ބަސްމާއަށް ބަލަން ޝަބާނާ އިނެވެ. ރުޅިވެރިކަން ވެސް އެހިތުގައި ވިއެވެ. އޭނަގެ އުފާތަށް ފޭރިގަތް އަންހެނާ އޭނަގެ ދަރިފުޅުގެ މައްޗަށް ވެސް ގަދަވެގަންނަން މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނި ބާރުބާރަށް ގިސްލެވުނެވެ. މުޅި އުމުރުގައި ވެސް އޭނަ އެހާ ނިކަމެތިވި ވަގުތުކޮޅެއް ނާދެއެވެ. ކުޅި ބަލަން ޖެޓީ ދޮށަށް އެއްވެފައި ތިބި އެންމެ މީހަކު ވެސް ޝަބާނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްނުލިއެވެ. މީހާގެ ނިތަކަމެތިކަން ހަނދާންވެ ޝަބާނާއަށް ރޮވުނެވެ. ރަހުމުކުރުމަށް އެދި އޭނައަށް ބަލައިލެވުނީ އާރަބްގެ މޫނަށެވެ.
''ހޮޔެނުވާނެ، އާރަބް، އާދޭސްކުރަން، ދަރިފުޅާ އަހަރެން ދުރުނުކުރޭ، އަހަރެން މަރުވެދާނެ... އާދޭސްކުރަން...'' ރޮމުން ދިޔަ މީރާން ގޮވައިގެން ލޯންޗަށް އެރި ބަސްމާ ފެނި ޝަބާނާއަށް ތެޅިގަނެވުނެވެ. ބަސްމާ ހުއްޓުވަން އޭނަ އުޅުނެވެ. ނަމަވެސް އޭގެ ކުރިން އާރަބް އޭނަގެ އަތުގައި ހިފެހެއްޓިއެވެ.
''ދަރިފުޅު ބެލުމުގެ ހައިސިއްޔަތެއް ޝަބާނާގެ ނެތް!...'' ރަހުމުކުޑަ އެޖުމްލައާއެކު ޝަބާނާއަށް ހީވީ އޭނަގެ މުޅި ވުޖޫދުވެސް ހުއްޓުމަކަށް އައިހެންނެވެ. ހިތް އެތިކޮޅުތަކަށްވެ ފިސްފިސްވެގެން ދިޔައެވެ. މޫނުމައްޗަށް ބާރުގަދަ އެތިފަހަރެއް އެރިކަހަލައެވެ. މަންޒަރުތައް ވެސް ފުސްވެގެން ދިޔައެވެ.
''މީގެ ފަހުން އަހަރުމެން ހޯދަން މަސައްކަތްނުކުރާތި...'' ހުއްޓުން އަރާފައި ހުރި ޝަބާނާއަށް ބަލައިލަމުން އާރަބް ބުނެލިއެވެ. އަދި ލޯންޗަށް އެރިއެވެ. އެއަށްފަހު ކައްޕި ގާތު ލޯންޗު ދުއްވާލުމަށް އެދުނެވެ. ކަރުނުން ފުސްވަމުން ދިޔަ ދެލޮލުން އެމަންޒަރު ބަލަން ޝަބާނާ ހުއްޓެވެ. ހިތުގައި އުފެދިގެން އައި ރިހުމާއެކު ހުރި ތަނަށް ތިރިވެވުނެވެ. ރޮމުން ގިސްލަމުން ވޭނީ އާހްތައް ބޭރުކުރަމުން، ނެރުން ގޮސް ނިކުތް ލޯންޗަށް ބަލަން ޝަބާނާއަށް އިނދެވުނެވެ.
''މީ..ރާން...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ޝަބާނާއަށް ބުނެވުނެވެ. ލޯންޗު ލޮލުގެ ކޮޅަށް ގޮސް ގެއްލުނެވެ. ދަރިފުޅާ ވަކިވުމުގެ ގިލަންވެރިކަން ހިތުގެ ތެރެއަށް ފޭދިގެން ދިޔުމާއެކު ޝަބާނާގެ ހެޔަތް ގޮތްވެ ޚަބަރު ހުސްވެގެން ގޮސް ޖެޓީ މައްޗަށް ދެމުނެވެ. އެއްވެފައި ތިބި މީހުންގަނޑު ޝަބާނާގެ މަދަދުވެރިކަމަށް އައީ ކަންވެ ނިމުނުފަހުންނެވެ. މެރެމުން ދިޔަ އެސްފިޔަތަކުން ވެސް ޝަބާނާ ބަލަން އޮތީ ލޯންޗު ދިޔަ ދިމާއަށެވެ. ހިތުގެ ވޭނާއި ސަކަރާތުގެ ތެރޭން މީރާންގެ ނަން ކިޔާލެވުނެވެ.
----------
މާލެ ދެވުމާއެކު އާރަބްއާއި ބަސްމާ މުޅިން އައު ހަޔާތަކަ ކުރިމަތިލިއެވެ. މީރާންގެ ބެލެނިވެރިކަމާ ހަވާލުވާން ހުރިހާ ލިޔެކިޔުންތަކަށް ދާންދެން ބަސްމާ ބަދަލުކުރިއެވެ. އޭނަ ދަންނަ މީހުން ނުފޫޒު ގަދަ މަޤާމުތަކުގައި ތިބުމުން އެކަމުގެ ނާޖާއިޒް ފައިދާ ނެގިއެވެ. ބޭނުމަކަށްވީ ޝަބާނާގެ ގާތަށް ދިއުމުގެ ހުރިހާ ދޮރެއް މީރާންއަށް ބަންދު ކުރުމެވެ. އެވަރުން ނުފުދިގެން ގޮސް އާރަބްގެ ސިކުނޑިއަށް ވަދެ މީރާންގެ ނަން ވެސް ބަދަލުކުރިއެވެ. އޭނައަށް ކަމުދިޔައީ ޖާދިން އެވެ. އެދުވަހުން ފަށައިގެން އަމިއްލަ ދަރިއެއް ފަދައިން ޖާދިންގެ ކަންތަކާ ބަސްމާ ހަވާލު ވިއެވެ. އޭނައަށް ލިބުނު އައު ދިރިއުޅުމާ މެދު ބަސްމާ ނުހަނު އުފާ ވިއެވެ.
ތަންދޮރު ވަކިވާ އުމުރަށް ދިޔުމުން ޖާދިންއަށް ހަޤީޤަތް ބަސްމާ ހާމަކުރީ ބޮޑު އޮޅުވާލުމަކާއިގެންނެވެ. އޭނައަށް ވާނެނަމަ ޖާދިންއަކީ އޭނަގެ ދޮންދަރިއެއްކަން ހާމަވެސް ނުކުރީހެވެ. ނަމަވެސް ތުންތުންމަތިން ދެކެވޭނެ ވާހަކަތަކަށް ސަމާލުވާން ޖެހޭނެތީ ހަޤީޤަތް ހާމަކުރިއެވެ. އާރަބްއަށް ބޭވަފާތެރިވުމަށްފަހު ޖާދިން ދޫކޮށްލާފައި ޝަބާނާ ދިޔައީ ކަމަށެވެ. އެދުވަހަށް ފަހު ޚަބަރެއް ވެސް ނުވާ ކަމަށެވެ. ދިޔަ ތަނެއް ހޯދަން އުޅުއުޅެ އެކަމުގެ މަޢުލޫމާތެއް ނުލިބުނުކަމެވެ. އެވާހަކަތައް ޖާދިން ޤަބޫލުކުރުމުން ބަސްމާ ނުހަނު ހިތްހަމަޖެހުނެވެ. އޭނަ ބުނިހާ ގޮތަކަށް އާރަބް ވެސް ކަންތައް ކުރާތީ އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އުފަލާއި ހިތްހަމަޖެހުމާއެކު މުޅިން އައު ހަޔާތަކާ ބަސްމާ ކުރިމަތިލީ ޖާދިންއާއި އާރަބްގެ ހަޔާތުން ޝަބާނާގެ ހުރިހާ ހަނދާންތަކެއް ފޮހެލުމަށްފަހުގައެވެ. އެކަމާ އެހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
*****
މާޒީގެ އަނދިރި ހަނދާންތަކުގެ ތެރޭން އާރަބްއަށް ނިކުމެވުނީ ފަތިސް ނަމާދުގެ ބަންގީގެއަޑު ކަންފަތުގައި ޖެހުމުންނެވެ. ފިނި ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ އެނދުން ތެދުވުނެވެ. އެއަށްފަހު ފާޚަނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ