ކުރީގެ ފިނޭންސް މިނިސްޓަރުން ކަމަށްވާ، އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާތީ ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ އެކަން ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހަށް މައްސަަލަ ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވައެވެ.

އެދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސް ކުރުމަށްފަހު އެ މައްސަލަ އިތުރަށް ބެލުމަށާއި އެކަމަށް ޒިންމާވާ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިއެވެ.

މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ދެ ފިނޭންސް މިނިސްޓަރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރު ކޮށްގެން މިދިޔަ އަންގާރަ ދުވަހު އެމައްސަލައާބެހޭ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ.

އެ ބައްދަލުވުމުގައި، ސަރުކާރުގެ ދަރަންޏާއި އެކި ފަރާތްތަކަށް ދީފައިވާ ސޮވެރިން ގެރެންޓީތަކާ ބެހޭގޮތުން މެންބަރުން އެ ބޭފުޅުންނަށް ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. ހާއްސަ ގޮތެއްގައި މިހާރުގެ ފިނޭންސް މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަކުރާރުކޮށް ބައެއް ފަހަރު ހިތްހަމަޖެހިވަޑައިނުގެން ކުރެއްވި ސުވާލުތައް ފާހަގަކޮށްލެވެއެވެ.

މާލީ ނިޒާމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ހަވާލާ ދެއްވައި މެންބަރުންގެ ސުވާލުތަކަށް އެ ބޭފުޅުން ތަފްސީލީ ޖަވާބުތަކެއް ދެއްވިއެވެ. ހާއްސަކޮށް ފިނޭންސް މިނިސްޓަރު އަމީރު އެކަންކަމާބެހޭ މުހިއްމު ތަފްސީލްތަކެއް މެންބަރުންނަށް އޮޅުންފިލުއްވައި ދެއްވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފުރުސަތުގައިވެސް، މިނިސްޓަރު އަމީރު ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ. އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި އޮޅުން ނުފިލައި އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ގާނޫނާ އެއްގޮތަށް ކުރިއަށް ނުގެންދާ ކަމަށް ކުރި ތުހުމަތުތައްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެދުވަހުގެ ކޮމިޓީގައި މަޖިލިސް ރައީސް އެންމެބޮޑަށް ކަންބޮޑުވެވަޑައިގެން ސުވާލު ކުރެއްވި އެއް ކަމަކީ ސަން ސިޔާމްގެ ކުންފުނި އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީގެ މައްސަލައިގައެވެ.

އެ މައްސަލަ އޮޅުުން ފިލުއްވައި ދެއްވަމުން، އަމީރު ވިދާޅުވީ އެލޯނަށް މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް އެންގި ކަމަށްވެސް ވިދާޅުވިއެވެ.

"އެ ދުވަހު ހަވީރު އަޅުގަނޑުމެން އެ ކުންފުނި (އޭއެސްއެޗް) އަށް އެންގިން ބިޒްނަސް ފައިވް ޑޭޒްގައި އެ ފައިސާ ދައްކަން. އަޅުގަނޑުމެންނަށް ނޯޓިސް އައުމުން ކޮންޓިންޖެންޓް ލައިބިލިބިލިޓީ އަކުން ޑައިރެކްޓް ލައިބިލިޓީއަކަށް ބަދަލުވެފައި މިއޮތީ. އަޅުގަނޑުމެން އެންގިން މި ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓުގައި މިވެނި ވަރަކަށް ފައިސާ ހުންނަން ވާނެއޭ. އެހެން ނޫނިއްޔާ އެގްރީމެންޓްގައިވާ ގޮތުގެ މަތިން މޯގޭޖް ރައިޓްސް އެކްސަޒައިޒް ކުރާނެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އެންގެވުމާ އެއްގޮތަށް އެ މުއްދަތުގައި ކުންފުނިން ފައިސާ ދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ފިނޭންސް މިނިސްޓަރު މަޖިލީހަށް ދެއްވިއެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން މަޖިލިސް ރައީސްގެ ދެން އޮތް ކަންބޮޑުވުމަކަށް ވީ، ބޭރުގެ ދެ ފަރާތަކަށް ސަރުކާރުން ދީފައިވާ ގެރެންޓީއެއްގެ މައްސަލައެވެ.

މަޖިލިސް ރައީސް ވިދާޅުވީ ކުރީގެ ފިނޭންސް މިިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ތުރުކީގެ ކުންފުންޏަކާއި ސިލޯނުގެ ކުންފުންޏަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީއެއްގެ ވާހަކަ ފާހަގަ ކުރައްވާފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު މަޖިލީހުގައި ނެތް ކަމަށެވެ. އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ އެއީ ކެންސަލް ކޮށްފައިވާ ގެރެންޓީތަކެއް ކަމަށް ކަނޑައަޅައި އެކަމުގެ މައުލޫމާތުވެސް މަޖިލީހަށް ފޮނުއްވައިފައިވާނެ ކަމަށެވެ. ނަމަވެސް މަޖިލިސް ރައީސް އިތުރު ސުވާލުތަކެއް އުފެއްދެވިއެވެ. ވިދާޅުވީ، ސޮވްރިން ގެރެންޓީއެއް ކެންސަލް ކުރެވޭނީ ދެފަރާތުން އެއްބަސްވެގެން ކަމަށާއި އެގޮތަށް އެކަންތައް ކެންސަލް ކުރެއްވިއިރު އެގްރީމެންޓްގައި ހިމެނޭ އަނެއް ފަރާތް ނުވަތަ ކުންފުނީގެ ލިޔުންތައް އޮންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެގޮތަށް އެކަންތައް ނުކުރެވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެއީ އެޗްޑީސީގެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ގެރެންޓީއެއް ކަމަށާއި އެކަމުގައި އޮންނަނީ ޕްރޮޖެކްޓް ކެންސަލް ވުމުން ގެރެންޓީ ކެންސަލްވާ ގޮތަށް ކަމަށެވެ. ކެންސަލްކުރާ ސޮވެރިން ގެރެންޓީގެ މައުލޫމާތަކީ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދުގެ ދަށުން މަޖިލީހަށް ފޮނުވަން ޖެހޭ އެއްޗެއް ނޫން ކަމަށާއި ނަމަވެސް އެ މައުލޫމާތުތައްވެސް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިދެ އެގްރީމެންޓް އޮތް ގޮތަށް ޕްރޮޖެކްޓަކަށް މިދެނީ އެޗްޑީސީ މެދުވެރިކޮށް ހިންގާ ޕްރޮޖެކްޓަކަށް ސޮވްރިން ގެރެންޓީ މިދެނީ، އެ އެގްރީމެންޓްގައި އެބަ އޮވޭ މި ޕްރޮޖެކްޓަށޭ މި އެގްރިމެންޓް މިދެނީ، ޕްރޮޖެކްޓް ކެންސަލްކުރީމަ ސޮވެރިން ގެރެންޓީ ހިފައިގެން ގޮއްސަ ފެލިވަރުގައި އެމީހާއަށް މަސްކާރުހާނާއެއް ނޭޅޭނެ. އެހެންވީމާ އެ ޕްރޮޖެކްޓް ކެންސަލްވެފަ އެއޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.

ހޫނު ސުވާލުތަކަކާއި ތަފްސީލީ ޖަވާބުތަކަކުން އެދުވަހުގެ ކޮމިޓީ ނިމުނު ނަމަވެސް އެ މައްސަލައާ ގުޅިގެން އިތުރު ސީރިއަސް ތުހުމަތުތައް މިހާރު އަނެއްކާ މިވަނީ ފިނޭންސް މިނިސްޓަރު އަމީންގެ މައްޗަށް ކޮށްފައެވެ. ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީތަކާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު އަމީރު ރައްޔިތުންގެ މަޖިލީހަށް ކަންތައްތަކެއް އޮޅުވާލައްފައިވާ ކަމަށް މިވަނީ ތުހުމަތު ކޮށްފައެވެ.

އެ މައްސަލައަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރޭ ސަންގު ޓީވީގައި ވިދާޅުވީ އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ގާނޫނާ އެއްގޮތަށް ސަރުކާރުން ލޯނު ނެންގެވި ވާހަކަ ކަމަށެވެ. ނަމަވެސް ގާނޫނާ އެއްގޮތަށް އެ މެނޭޖް ކުރެއްވި ވާހަކަ މިނިސްޓަރު ވިދާޅު ނުވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

ސޮވެރިން ގެރެންޓީގެ މައްސަލައިގައި މަޖިލިސް ރައީސް އުފެއްދެވި ސުވާލުތައް ތަކުރާރު ކުރައްވައި އަފީފު ރޭ ވިދާޅުވީ ސޮވެރިން ގެރެންޓީ ކެންސަލް ކޮށްފިކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވާއިރު އެކަމާ އުޅޭ އަނެއް ފަރާތުގެ ލިޔުން އޮންނަން ޖެހޭނެ ކަމަށާއި އެލިޔުން ނުދައްކައި ފިނޭންސް މިނިސްޓަރު މަޖިލީހަށް އޮޅުވައިލައްވަމުން ގެންދަވާ ކަމަށެވެ.

"މިހާރުގެ ވަޒީރު މި ވިދާޅުވަނީ ފޮނުވި ލިޔުމުގައި ނެތޭ މިހާރު އޮތް ގެރެންޓީއެއް ކަމަކަށް. ދެން ވިދާޅުވަނީ ކެންސަލް ކޮށްފައޭ. އެކަން ސޮވެރިން ގެރެންޓީއެއް ކެންސަލް ކުރެވޭ ގޮތް އެނގޭތޯ، މިސާލަކަށް އަޅުގަނޑަށް މީހަކު މި ދިނީ ސޮވެރިން ގެރެންޓީއެއް. އަޅުގަނޑުގެ ރުހުމާ ނުލައި އެ ކިހިނެއްތޯ، ކެންސަލް ކުރާނީ، އެރުހުން ކޮބައިތޯ، އެ ނުދައްކައި އެކަންތައް ހިންގާފައިވާނެ ކަމަށް ބުނުމަކީ މަޖިލީހަށް އޮޅުވައިލުމެއް،" އަފީފު ވިދާޅުވިއެވެ.