ކަންކަން ހައްލު ކުރުމަށްދޭ އަދަބެއްގެ ގޮތުން ކުރާ ކޮންމެ ޖޫރިމަނާއެއްގެ ފަހަތުގައި އޮންނަނީ ހިލޭ ހިދުމަތެއް ނޫން ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާކޮށްފައިވާ މައްސަލައާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޖާބިރު ސުވާލު ކުރެއްވީ، މިހާލަތުގައި ރައްޔިތުންނަށް ސަރުކާރުން ހިލޭ މާސްކު ނުދީ ޖޫރިމަނާކުރަނީ ކީއްވެތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރާ ކޮންމެ ޖޫރިމަނާއެއްގެ ފަހަތުގައި އޮންނަނީ ހިލޭ ހިދުމަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސައިކަލް ނުބައި ތަނެއްގައި ޕާކު ކުރީމަ ވެސް ހަމަ ޖޫރިމަނާ ކުރެވޭ. ނުބައިކޮށް އުޅުނީމަވެސް ޖޫރިމަނާކޮށް އަދަބުދޭ ހާލަތްތައް ހުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާސްކުއެޅުން މަޖުބޫރު ކުރީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ އާއި ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުން ނުވާތީ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށްރަށަށް އެއްފަހަރާ ބަލި ފެތުރެން ބޭނުން ނުވާތީ، ކަމަށްވެސް ވިދާޅުވިއެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރީ ލުއި ދިންތާ ފުރަތަމަ ކޮޅުގައި މީހުން މާސްކު އެޅި ނަމަވެސް އޭގެ ފަހުން މާސްކު ނޭޅުމުގެ ސަބަބުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުގެ ސަބަބުން ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.

މާސްކު އެޅުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި ދުނިޔޭގެ ގައުމުތަކުން އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.