ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަންޖޭދަތަށް ލަންގް ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭދަތު މިހާރު ހުރީ ލަންގް ކެންސަރު ޖެހި ތިންވަނަ ސްޓޭޖުގައެވެ. ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަރުވާ ހޯދުމަށް ސަންޖޭދަތު ވަރަށް އަވަހަށް ޔޫއެސްއަށް ފުރާނެއެވެ.

ނޭވާލާން އުނދަގޫ ވުމުގެ ސަބަބުން ސަންޖޭދަތު ވަނީ މީގެ ހަތަރު ދުވަސް ކުރިން މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮބްޒަވޭޝަންގައި ބާއްވައި ދެ ދުވަސް ވަންދެން ފަރުވާ ވެސް ދީފައެވެ. ސަންޖޭދަތަށް ނޭވާލާން އުނދަގޫ ވާތީ ވަނީ ކޯވިޑް 19 ޖެހިފައި ހުރިތޯ ބެލުމަށް ވެސް ޓެސްޓް ކޮށްފައެވެ. އެހެންނަމަވެސް ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

ސަންޖޭދަތަށް ލަންގް ކެންސަރު ޖެހުނުކަމުގެ ހަބަރު ލިބުނީ އިއްޔެ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ފިލްމު ކުޅުމާ ދުވަސްކޮޅަކަށް ދުރަށް ދާ ކަމަށް ބުނެ ޓުވީޓް ކުރިތާ ގަޑިއިރެއްހާ އިރު ފަހުންނެވެ.

ބޮލީވުޑް ހަންގާމައިގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަންޖޭދަތަށް ލަންގް ކެންސަރު ޖެހުނު ކަމުގެ ހަބަރު ލިބުމާއެކު އޭނާގެ އާއިލާ ތިބީ ޝޮކެއްގައެވެ.އަދި ބޮލީވުޑް ތަރީން އަންނަނީ ސަންޖޭދަތަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.