ޗައިނާ އިން ލޯނު ނަގާފައިވަނީ ކުޑަ އިންޓަރެސްޓަކާއެކު ދިގު މުއްދަތަށް ބަހާލައިގެން ލޯނު ދައްކަން ލިބުމުންނާއި އޭރު އެގޮތަށް ލޯނުދޭނެ އެހެން ފަރާތެއް ނެތުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ޖިހާދު އެހެން ވިދާޅުވީ އޭނާ އާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަދި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދެވުމުގެ ސަބަބުން ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ޗައިނާއިން ލޯނު ނެގުމާ ގުޅޭގޮތުން މަޖިލިސް ރައީސް އާއި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޖިހާދު ވިދާޅުވީ ޗައިނާ މޯލްޑްވިސް ފްރެންޑްޝިޕް ބްރިޖު ހެދުމަށް ޗައިނާއިން ލޯނު ނެގީ އޭނާ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ކަމަށެވެ.
އެއް ކޮމްޕޯނަންޓް ގްރާންޓް އަދި އަނެއް ކޮމްޕޯނަންޓް ލޯނުގެ ގޮތުގައި ހަމަޖެހިފައިވާ އެ ލޯނަކީ ދިގު މުއްދަތެއްގައި ވަރަށް ކުޑަ އިންޓަރެސްޓެއްގައި ދައްކަންޖެހޭ ގޮތަށް ނަގާފައިވާ ލޯނެއް ކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ. އެހެންކަމުން އެ ލޯނު ދައުލަތަށް ބުރައަކަށް ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
"(ބްރިޖަށް ނެގި ލޯނަކީ) ސޮފްޓް ލޯނެއް. ކޮންސެޝަން ލޯނެއް، ދިގު މުއްދަތެއްގައި އެއީ ކުރުކުރު އިންޓްރެސްޓެއްގައި ޕޭ ކުރާގޮތަށް ނަގާފައިވާ ލޯނެއް. އެހެންވީމާ އެވަރު ލޯނެއް އެހެން ފަރާތަކު ދޭން އަޅުގަނޑު ބެލިއިރު ނެތް، އެއީ ދެން ޗައިނާ ސަރުކާރުން އެއްބަސްވީ އެވަރު ލޯނެއްދޭން، އެގޮތަށް ނެގީ،" ޖިހާދު ވިދާޅުވިއެވެ.
ކޮންމެ ގައުމަކުން ވެސް ލޯނު ދޭއިރު ސިންގަލް އެކްސްޕޯޝާ ލިމިޓެޑެއް އިންނާނެކަން ފާހަގަކުރައްވައި ޖިހާދު ވިދާޅުވީ، ޗައިނާގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށެވެ. އަދި ކިތަންމެ ބޭނުންވިޔަސް ކަންޓްރީ އެކްސްޕޯޝާ ލިމިޓަށްވުރެ އިތުރަށް ޗައިނާއިން ވެސް އަދި އެހެން އެއްވެސް ގައުމަކުން ވެސް ލޯނު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ 1985 ވަނަ އަހަރުން ފެށިގެން މާލީ ދާއިރާގެ އެކި ވަޒީފާތަކުގައި އޭނާ މަސައްކަތް ކުރައްވާފައިވާ އިރު، ދަރަނި މެނޭޖްމެންޓަކީ ވަރަށް ޕްރޮފެޝަނަލް މުވައްޒަފުންތަކެއް ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ބޭނުންވެ ވަޑައިގަންނަވާނަމަ، މާލީ ދާއިރާގެ ކަންކަމާ ގުޅޭ ސެޝަނެއް ވެސް މަޖިލިސް މެންބަރުންނަށް ނަގައިދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު