މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައި ނުވަނީ މާލީ ބަޔާނުގައި ހިމަނަން ޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށާއި މާލީ ބަޔާން އާއްމުވެސް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވެ ޓުވީޓެއް ކުރައްވައިފައިވަނީ އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި މައުލޫމާތު ތަކުން ޕީޖީ ޝަމީމް މަގާމާއި ހަވާލުވެވަޑައިގެންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަން ހާމަވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަމީމް ވިދާޅުވީ މާލީ ބަޔާން ހުށަހެޅިފައި ނުވަނީ އެ ބަޔާނުގައި ހިމަނަން ޖެހޭ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މާލީ ބަޔާން ހުށަހަޅުއްވާނެކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް މި ޓުވީޓުގައި ޝަމީމް ވިދާޅުވިއެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އާންމު ކޮށްފައެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް