ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް 825 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 825 މުއައްޒަފަކަށް 10.4 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށެވެ. މިހާތަނަށް 1045 މުއައްޒަފަކަށް އެލަވަންސް ދީފައިވާ ކަމަށާއި ޖުމްލަ 13.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފްރަންޓްލައިން އެލަވަންސް އެންމެ ފުރަތަމަ ދޫކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު 220 މީހަކަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
"ފްރަންޓްލައިންގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންނަށް ވަރަށް އަވަހަށް އެލަވަންސް ދެވޭނެ. އެލަވަންސް މުވައްޒަފުންނަށް އަވަހަށް ދިނުމަށް މަސައްކަތްތައް ދަނީ ކުރެވެމުން،" އަމީރު ވިދާޅުވިއެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެލަވެންސް ދިނުމަށް ކަނޑައަޅާފައިވާ ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ދެވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.
ތިންވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުން ގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ސިޔާސީ މަސައްކަތްކުރާ މީހުންނާއި ހައި ރިސްކު ކެޓަރީގައި ހިމެނޭ ފަރާތްތައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށްވުރެ މަތިން މުސާރަ އާއި އެލަވެންސް ލިބޭ މީހުން އަދި އެމީހަކު ވަޒީފާ އަދާކުރާ ކުންފުންޏަކުން ކޮވިޑް 19އާ ގުޅިގެން އިތުރު އެލަވެންސެއް ދޭ މީހުންނަށް ފަރަންޓްލައިން އެލަވަންސެއް ނުލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު