ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކޯލިޝަންގައި ހިމެނޭ ކޯލީޝަންގެ ތެރެއިން މައި ޕާޓީ އެމްޑީީޕީ ފިޔަވައިދެން ދެން ހިމެނޭ ޕާޓީތަކަށް ކެބިނެޓުން ޖާގަ ނުލިބޭ ފަދަ އިސްލާހެއް އެ ޕާޓީގެ އަސާސީ ގަވައިދަށް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކު ވެރިކަންކުރާ ސަރުކާރެއްގެ ކޯލިޝަން ވަޒީރަކު ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ނަމަވެސް މަގާމުން ވަކިކޮށްފި ނަމަ އެޕާޓީއަށް އޮތް ސްލޮޓް ގެއްލޭނެ ކަމަށެވެ.

އެފަދަ ކަމަކާގުޅިގެން ކެބިނެޓުން ހުސްވާ މަގާމަކަށް ދެން އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕާޓީތަކުގެ ދަފުތަރުގައި މަދުވެގެން 50،000 މެންބަރުން ހަމަވާ ޕާޓީއެއްގެ މެންބަރެއް ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި 50،000 މެންބަރުން ހަމަވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. ޕާޓީތަކުގެ ދަފްތަރުގެ އަދަދަށް ބަލާއިރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ކޯލީޝަންގައި ދެން ހިމެނޭ ޕާޓީތަކުގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ގޮތުގައި 10،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އަދާލަތު ޕާޓީ އާއި އެމްއާރުއެމަށް ބަލާއިރު މެންބަރުންގެ އަދަދު ދައްކަނީ 10000 އަށްވުރެވެސް ދަށްކޮށެވެ.

އެހެންކަމުން ބޮންޑޭގެ މި އިސްލާހަށް އަމަލު ކުރަން ފަށައިފި ނަމަ، އެއްވެސް ސަބަބަކާ ހެދި ރައީސް ސޯލިހުގެ ކެބިނެޓުގައި މިހާރު ހިމެނިވަޑައިގަންނަވާ ވަޒީރަކު ވަކިވެއްޖެ ހާލަތެއްގައި ދެން އެ މަގާމަށް ވަޑައިގެންނެވޭނީ އެމްޑީޕީގެ މެންބަރަކަށެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ވާން ކައިރި ވެފައިވާ އިރު، އެއް ވަޒީރަކު ވަކި ކުރައްވައި ދެ ވަޒީރަކު އިސްތިއުފާދެއްވައިފައި ވެއެވެ. އިސްތިއުފާދެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓްރީގެ ވަޒީރުކަމުގައި ހުންނެވި ޝިދާތާ ޝަރީފާއި ރައީސް މައުމޫނުގެ ފަރާތްޕުޅުން ހައުސިން މިނިސްޓްރީގެ ވަޒީރުކަމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު އެވެ. އޭގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި އޭނާ ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

ބޮންޑޭ ހުށަހަޅުއްވާފައި އޮތް މި އިސްލާހަށް އަމަލު ކުރެވޭ ނަމަ މި ހުރިހާ ސްލޮޓަކަށް ވެސް ފަހުން ލައްވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރުންނެވެ. އަދި މި ގޮތަށް ގޮސް ކޯލިޝަނުގެ ވަޒީރުން އެއްކޮށް ހުސްވެ ހަމަ އެކަނި އެމްޑީޕީގެ ވަޒީރުން ކެބިނެޓުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަކީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާއިރުވެސް، ވެރިކަން ހިންގާ ކޯލީޝަން ޕާޓުނަރުންނަށް ވަރަށް ބޮޑަަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ބައެއް ފަހަރުތަކުގައި ކޯލީޝަން ރޫޅައިލުމަށްވެސް ބޮންޑޭ ވަނީ ގޮވާލައްވައިފައެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް މި ފަދަ އިސްލާހެއް ހުށަހެޅި ނަމަވެސް، މި އިސްލާހު މި ގޮތަށް ފާސްވާނެ ކަމެއް އަދި ނޭނގެ އެވެ. މި ކަމާ ގުޅޭ ގޮތުން އެމްޑީޕީން ވެސް އަދި ސަރުކާރުން ވެސް ރަސްމީ އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.