އައްޑޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑުއަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާގެ ސާމްޕަލް ނަގާފައިވަނީ އައްޑުއަށް ފުރުމުގެ ކުރިން ކަމަށް އެ އެޖެންސީން ބުނެ އެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޮވިޑް ކޭސް 13 ރަށަކުން ފެނިފައިވެ އެވެ. އެއީ ފޭދޫގެ އިތުރުން ހއ. ކެލާ، ހއ. ހިގަވަންދޫ، ހއ. ފިއްލަދޫ، ހދ. ނާވައިދޫ، ބ، ކުޑަރިކިލު، ބ.ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު، ޅ.ހިންނަވަރު، ކ. މާފުށި، ވ.ފުލިދޫ އަދި ފުވައްމުލަކު ސިޓީއެވެ.
ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ އިރު، ރަށްރަށަށް ދާން ހުއްދަ ދޭ އުސޫލު ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ރަށްރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ އެވެ.
އެއީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހިފައިވާ މީހުންނާއި ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ ފަރާތްތަކާއި ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާއަށް ރަށަށް ބަދަލުވާންޖެހޭ ފަރާތްތަކާއި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު