މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި އެހެންކަމުން ރިޔާސީ ނިޒާމެއްގައި ގާނޫނުއަސާސީ ތަންފީޒުކުރަން އެތައް ދަތިތަކެއް ކުރިމަތިވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2007 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ. އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން 2008ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސްކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ރައީސް ނަޝީދެވެ.
ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން، ވިޝާމް އެންޑް ކޯގެ ފަރާތުން ކުރިއަށްގެންދިޔަ ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ގާނޫނުއަސާސީއަކީ ޠަބީއީގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން ކަމަށެވެ.
"މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި. އެންމެ ފަހު ވަގުތު ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ. އެނގިވަޑައިގަންނަވާނެ އެ ވޯޓުގެ ނަތީޖާ އެމްޑީޕީން ބަލައެއްނުގަނޭ. މި ގާނޫނުއަސާސީ ތަންފީޒުކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް ދިމާވި. އެއީ މި ގާނޫނުއަސާސީއަކީ ޠަބީއީގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށާއި މި ގާނޫނުއަސާސީއަކީ އޭރުގެ ރައީސް މައުމޫންއާ އިދިކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށެވެ.
"މި ގާނޫނުއަސާސީއަކީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމްއާ އިދިކޮޅަށް ލިޔެވުނު ލިޔުމެއް. އޭގެ ރިއޭކްޝަނެއް. ރައީސް މައުމޫނުގެ ހުދުމުހުތާރު ވެރިކަމަށް، އަނިޔާވެރިކަމަށް އައި ރިއޭކްޝަނެއް މިއީ. އެ ކުރިހާ އަނިޔާއަށް އައި ރިއޭކްޝަނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަކީ ދުވަހަކުވެސް ދިވެހިން ކަމެއްގައި ބައިވެރިނުވާ މިންވަރަށް ހުރިހާ ދިވެހިން ބައިވެރިވެގެން އެކުލަވާލާފައިވާ ގާނޫނުއަސާސީއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު