ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ ވެރިން ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ ތަސްދީގުކުރިތާ މިއަދަށް 12 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ރިފްއަތު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ވެރިން ހެޔޮކަމުން ކުރާ ކަމަކަށްވުރެ ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް،" ރިފްއަތުގެ ޓުވީޓުގައިވެއެވެ.

ފެހި ގާނޫނު އަސާސީ ތަސްދީގުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމެވެ.