އާ ގާނޫނުއަސާސީ ތަސްދީގުކުރެއްވި ވަގުތުކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މީގެ 12 އަހަރު ކުރިން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ތަސްދީގުކުރެއްވީ ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައި 2007 ވަނަ އަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހުއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ވަގުތުކޮޅަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށާއި ގާނޫނުއަސާސީގެ ފައިދާއާއެކު ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ކުރިއެރުމަށް އެދޭ ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" އާއެކު ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ވެސް އުފަންވެގެންދިޔައެވެ. އަދި އެ ގާނޫނުއަސާސީއަށް އަހަރެއް ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމިގެންދިޔައެވެ. އެފަހަަރު ރައީސް މައުމޫނާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ނުކުންނެވި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.