ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ނިންމައި ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝިޔާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަނުކުރައްވަން ރައީސް ސޯލިހު ނިންމެވީ، ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާގައި އޮތް އެއްޗެއް އަދި ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރުމެއް ނެތި ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ހުކުމު އިއްވުމުން އެކަމުގެ ބަދަލެއްގެ ގޮތުން ކަމަށެވެ.
ޝިޔާމްގެ އިތުރުން އިދިިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަނުކުރައްވަން ރައީސް ސޯލިހު ނިންމެވުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން މިރޭ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގެ އިނާމަކަށް ސުޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދަށް ދިނުމަށް ރައީސް ސޯލިހު ނިންމެވުމުން ޔަގީންވެގެން ދިޔައީ ރައީސް ޔާމީންގެ ހުކުމަށް ރައީސް ސޯލިހު ނުފޫޒު ފޯރުވި މިންވަރު ކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ އެ ނިންމެވުމުން ޔަގީން ވަނީ ރައީސް ޔާމީނަށް ނުހައްގުން ގަސްދުގައި އަނިޔާ ދެމުންދަނީ ސީދާ ރައީސް ސޯލިހުކަން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ވަނީ ޖުޑީޝަރީ އެއްކޮށް ހިސޯރުކޮށްފައި ކަމަށެވެ. އަދި ފަނޑިޔާރު އަލީ ރަޝީދަށް އަމާޒުކޮށް ވިދާޅުވީ، އަނިޔާވެރިކަމުގެ ގަހަށް ކާނާ ލިބޭނީ މަދު ދުވަސްކޮޅަކަށް ކަމަށާއި އެމީހަކު ފޭހުނު އިލޮށިގަނޑު އެމީހެއްގެ ލޮލަށް ހެރޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު