(03 އޯގަސްޓް ގެ އަދަދާ ގުޅޭ)

އީރާނީންގެ އަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމާއެކުވެސް ކުރަމުންގެންދިޔައީ ދިފާޢީ ހަނގުރާމައެކެވެ. އެބައިމީހުން ޔަގީންކޮށްގެންތިބީ މުސްލިމުންގެ ތިރީސްހާސް މީހުންނަށް މާގިނައިރަކު ހިތްވަރު ނުކުރެވޭނެ ކަމުގައެވެ. ގިނައިރެއްނުވަނީސް ލޮޑުވެ ބުންވަރު އެލިދާނެކަމުގައެވެ. އެންމެފަހުގެ ޙަމަލަދޭންވާއިރަށް އެމީހުންގެ އެހީގެ ތާޒާ ސިފައިން މައިދާނަށް އަތުވެދާނެކަމުގައެވެ. އެހެންކަމުން ހަނގުރާމަ ދިގުލަމުން ދިޔުމަކީ އެމީހުން ކަންބޮޑުވާކަމެއް ނޫނެވެ. އެމީހުންގެ އެއްސަފު ވިއްސިވިހާލިވާއިރަށް ކުރިޔަށްއަރާނެ ދެސަފު ތައްޔާރަށް އޮވެއެވެ. އެކަކު ޤަތުލުވެގެން ވެއްޓޭއިރަށް ހަތަރުމީހުން އެ ހުސްތަން ފުރައިލައެވެ.

ޤާދިސިއްޔާގެ ޖައްވުގައި ހިރަފުހުގެ ސަބަބުން އަލިކަން ފަނޑުވެފައިވަނިކޮށް ހަވީރުވެ އިރުގެ އަލިކަން ފަނޑުވާން ފެށިއިރުވެސް މައިދާނުގެ ގަރަނބުކަން ކުޑައެއް ނުވެއެވެ. އެގޮތުގައި ގޮސް ރޭގަނޑުގެ އެއްދަން ފަސްވިފަހުން ހަނގުރާމައިގެ ފޯރި ކުޑަވާން ފަށައިފިއެވެ. މަޑުމަޑުންގޮސް ދެބައި ލަޝްކަރު ވަކިވެއްޖެއެވެ.

سعـد بـن أبى وقّـاص ގެ އަމުރުފުޅަށް މުސްލިމުން ޝަހީދުންގެ ހަށިކޮޅުތައް ފަސްދާނުލައިފިއެވެ. ޒަޚަމީން މައިދާނުން ނަގައިގެން ފަރުވާދިނުމަށްޓަކައި ޢުޛައިބުގެ ކައިރީގައިހުރި އަންހެނުންނާއި ކުޑަކުދީންގެ ކޭމްޕަށް ގެންގޮސްފިއެވެ.

+ + + + +

އިސްލާމީ ލަޝްކަރުގެ ހުރިހައި ކޮމާންޑަރުން އެރޭގެ ފަތިސްނަމާދަށްފަހު ޤުދައިސުގެ މަޙައްލުގެ ހާމަފުރާޅުގައި أميـرسعـد بـن أبى وقّـاص رضى اللّـه عنــه ގެ އަރިހުގައި މަޝްވަރާ ކުރެއްވިއެވެ. އިއްޔެގެ ތަޖުރިބާއާއި މިއަދު މަޢުރިކާ ހިންގަވާނެގޮތާމެދު ސިންތާކުރެއްވިއެވެ. حسّان އެވަގުތު ސިޑިން މައްޗަށް އަރައިވަޑައިގެންފިއެވެ. معـنّـى بــن حــارثـــة رضى اللّـه عنــه حسّان ފެނިވަޑައިގެންނެވުމާއެކު سعـد ގެފާނުގެ އަރިހުގައި ވިދާޅުވިއެވެ.

"أميـر އެވެ. حسّان ވަޑައިގެންފިއެވެ. އަޅުގަނޑުމެންނަށް ދުޝްމިނުންގެ މުޢަސްކަރުގެ ކަންތައް ހުރިގޮތް ސާފުވެދާނެއެވެ."

حسّان ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވުމުން މަގުމަތީން މީހުއް އެއްފަރާތްވެ އޭނާއަށް ޖާގަ އަރުވައިފިއެވެ.

سعـد بـن أبى وقّـاص رضى اللّـه عنــه އަށް حسّان އެވެ. ފެނިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. "ތިޔަވަޑައިގެންނެވީ ދުޝްމިނުންގެ މުޢަސްކަރުންތޯއެވެ؟"

"އާދޭހެވެ. ހަނގުރާމަ ހުއްޓުމާއެކު އަޅުގަނޑު އެތަނަށް ހިނގައްޖައީމެވެ."

"އެނބުރި ވަޑައިގެންނެވީ ކޮންއިރަކުތޯއެވެ؟"

"ހަމަދެންމެއަކުއެވެ. އަޅުގަނޑުމެންގެ ފާރަވެރީންގެ ކިބައިން ސަލާމަތްވުމަށްޓަކައި ފަތިސްވާންދެން އަޅުގަނޑަށް އިންތިޒާރުކުރާން ޖެހުނީއެވެ."

"ކަލާ ވަޑައިގެންނެވީ އީރާނީއެއްގެ ހެދުމުގައިތޯއެވެ؟"

"أميـر އެވެ. ރޭގަނޑުގެ ވަގުތު ކަމުގައިވުމާއެކު މައިދާނަށް ވެއްޓިފައިއޮތް އީރާނު މީހެއްގެ ގުބާއާއި ދަގަނޑު ތާކިހަލެއް އަޅުގަނޑަށް ފުދުނެވެ. އަޅުގަނޑު ދިޔައީ ޒަޚަމުވެފައިއޮތް އީރާނީއަކު ކޮނޑަށްލައިގެންނެވެ. އެނބުރި އައިއިރު އީރާނުގެ ފާރަވެރީން އަޅުގަނޑު ހުއްޓުވަން އުޅުނެވެ. އެކަމަކު އަޅުގަނޑު އެބައިމީހުންގެ މުޢަސްކަރުން ނުކުތީ އެބައިމީހުންގެ އަހަކަށް ސަވާރުވެގެންނެވެ. ފާރަވެރީންނަށް ދުނިއުކުމުގެ ޚިޔާލު އައިއިރު އަޅުގަނޑު އެބައިމީހުންގެ ދުނިފަށުން ބޭރަށް ނުކުމެއްޖައީމެވެ."

"އެބައިމީހުންގެ ތެރެއިން ޤަތުލުވި މީހުނަށްވުރެ މާގިނަ ސިފައިން އެމީހުނަށް ލިބިއްޖެއެވެ. އެކަމަކުވެސް އެމީހުންގެ ހިތްވަރުވަނީ ވަރަށްބޮޑަށް ބަލިވެފައެވެ. އެމީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ މިއަދު އެތްތައް މައިދާނަށް ނުނެރެވޭނެތީއެވެ. ގިނަ އެތްތަކުގެ މަހުމަލުވަނީ ހަލާކުވެފައެވެ. އެމީހުން ކިތަންމެ ފޯރިއާއެކު މަސައްކަތް ކުރިކަމުގައިވިޔަސް މެންދުރުވުމުގެ ކުރިޔަކު އެތްތަކެއް ނުނެރެވޭނެއެވެ."

"އަޅުގަނޑު ކަންބޮޑުވެފައިހުރީ ފަތިހު ބަންގީގެ އަޑު އިވޭއިރަށް އެމީހުން ޙަމަލަދީފާނެތީއެވެ."

"ނޫނެކެވެ. އިރުއަރައި ގަޑިޔެއް ދެގަޑިޔެއްހައި އިރުވުމުގެ ކުރިޔަކު އެބައިމީހުނަނަކަށް ޙަމަލައެއް ނުދެވޭނެއެވެ. އެމީހުން އަދި ތިބީ ނުވެސް ކައެވެ."

سعـد بـن أبى وقّـاص رضى اللّـه عنــه ގެ ސިކުނޑިފުޅުގައި އަދިވެސް ވަރަށްގިނަ ސުވާލުތަކެއް ހުއްޓެވެ. ނަމަވެސް އެތަނުން ޒުވާން އޮފިސަރެއް މުސްލިމުންގެ މުޢަސްކަރުގެ ބިއްދޮށުގައިހުރި ފަރުބަދަތަކަށް އިޝާރަތްކޮށްލައްވައިފައި ވިދާޅުވެއްޖެއެވެ. "މަދީނާއިން ނުވަތަ ޝާމްކަރައިން ޤާޞިދެއް އެބައާދެއެވެ. އެފަރާތް ބައްލަވަބައްލަވާށެވެ."

މުސްލިމުންގެ ޖަނަރަލުންގެ ލޯފުޅުތައް ޝާހުޕޫރު ޚަންދަޤުގެ ބިއްދޮށުގައިހުރި ފަރުބަދަތަކާ ދިމާޔަށް ހުއްޓައިލައްވައިފިއެވެ. އެންމެ މަގަތަށްހުރި ތިރި ފަރުބަދައިގެ ސިލްސިލާ މަޑުމަޑުން އުސްވަމުންގޮސް ގުޅިފައިވަނީ އުސްފަރުބަދަތަކާއެވެ. ވަރަށް ބާރަށް އަސް ދުއްވައިފައި އަންނަ އަސްވާރެއް ހިރަފުސް ބުރުވަމުން އެބައާދެއެވެ. އޭނާގެ ދަގަނޑު ތާކިހަލާއި އައްޑަނައާއި ދަހަނާ އަވީގެ ތެރޭގައި ވިދަމުންދެއެވެ. އިރުކޮޅެއްގެ ތެރޭގައި ފަރުބަދަތަކުގެ ތެރޭގައި އަޑިކޮށްއޮތް ވާދީއެއްގެ ތެރެޔަށް ވަދެވުމުގެ ސަބަބުން ލޯމަތީން ގެއްލިއްޖެއެވެ. މާގިނައިރެއް ނުވެއެވެ. ޚަންދަޤު އެންމެ ކައިރިޔަށްހުރި ފަރުބަދަމަތީން ފައިބައި އިސްލާމީ ލަޝްކަރުގެ ފާރަވެރީންނާ ވާހަކަ ދައްކާން ފަށައިފިއެވެ. އަނެއްކާވެސް އޭނާގެ ބާރަށްދުވާ އަސް "އުދުއްސަމުން" ޤުދައިސުގެ މަޙައްލާ ދިމާޔަށް އަންނާން ފަށައިފިއެވެ.

عاصم بــن عمـرو رضى اللّـه عنـه ހަޅޭފުޅު ލައްވައިގެންނެވިއެވެ. "އެއީ قــعقـاع ފިޔަވައި އެހެން މީހެއް ނޫނެވެ. عاصم އާއި قــعقـاع އަކީ އެއްބަނޑު އެއްބައްޕާފުޅު ދެ އަޚުންނެވެ.

قــعقـاع بــن عَمرو މަޙައްލުގެ ކައިރިޔަށް ވަޑައިގެން އަސްމަތީން ފުންމައިލައްވައިފިއެވެ. ދުވެވަޑައިގެންފައި ސިޑިޔާ ދިމާޔަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު އިރުކޮޅެއްގެ ތެރޭގައި ހުންނެވީ سعـد بـن أبى وقّـاص رضى اللّـه عنــه ގެ ކުރިފުޅުމަތީގައެވެ.

"އޭ أميـر އެވެ! އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ ޝާމްކަރައިގެ މައިދާނުގައި ތިއްބެވި މުޖާހިދުން ޤާދިސިއްޔާގެ މުޖާހިދުންނަށް ނަޞްރު އެދިވަޑައިގެން ކުރައްވާ ދުޢާފުޅާއިގެންނެވެ. أبو عبيدة عامر بن الجـرّاح رضى اللّـه عنــه ކަލޭގެފާނަށް ސަލާމް ވިދާޅުވިއެވެ. هاشم بـن عتبة بـن أبى وقّـاص رضى اللّـه عنــه (سعـد بـن أبى وقّـاص އަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެއް) ގެ ވެރިކަމުގައި ޝާމްކަރައިން އަންނަ ހަހާސް މުޖާހިދުންނަށް މާދަމާ މިހިސާބަށް އާދެވޭނެއެވެ. އެއީ ހައްތާވެސް خــالــد بــن الـوليـد رضـى اللّـه عنـــه ގެ އަރިހުގައި ޢިރާޤުގައި އީރާނީންނާ ހަނގުރާމަކޮށްފައިވާ ތަޖުރިބާކާރުންނެވެ. މީގެ އެއްދުވަސް ކުރީން ކަލޭގެފާނުގެ އަރިހަށް ނާދެވުނީތީ އަޅުގަނޑު ހިތާމަކުރަމެވެ."

"އެކަމަކު.... ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ ގިނިކަންޏާތޯއެވެ؟"

"ނޫނެކެވެ. އެއްހާސް ފަހުލަވާނުން އަޅުގަނޑުގެ ފަހަތުން އެބައާދެއެވެ. ހަނގުރާމަ ފެށުމުގެކުރީން އެމީހުންނަށް އާދެވޭނެއެވެ. އަޅުގަނޑު އަންގައިފައިވާނީ އެއްސަތޭކަ އަސްވާރުން ބައެއްގައި ހިމެނޭގޮތަށް އެއްބަޔަކަށްފަހު އިރުކޮޅަކުން އަނެއްބަޔަކު މައިދާނަށް އައުމަށެވެ. هاشم ގެ އަރިހުގައި އަންނަ މީހުންނަށްވެސް މާދަމާ އާދެވޭނެއެވެ."

سعـد بـن أبى وقّـاص رضى اللّـه عنــه ވިދާޅުވިއެވެ. "މީގެ އެއްދުވަސް ކުރީން ކަލޭގެފާނަށް ވަޑައިގެންނެވުނުނަމަ އަޅުގަނޑުގެ ބަލިހާލާއި ނުކުޅެދުންތެރިކަން މިހައިބޮޑުކޮށެއް އިޙުސާސެއް ނުވީހެވެ."

سعـد ގެފާނު މައިދާނުގެ ޗާޓު ކުރިފުޅުމަތީގައި ބާއްވަވައިގެން އެކިއެކި ކޮމާންޑަރުންނަށް އިރުޝާދު ދެއްވާން ފައްޓަވައިފިއެވެ. ދުޝްމިނުންގެ އެތްތަކުގެ މައްސަލައިގެ ބަހުސް ފެށޭގޮތްވުމުން سعـد بـن أبى وقّـاص رضى اللّـه عنــه، عاصم بــن عمـرو އާ ދިމާޔަށް އެނބުރި އެނބުރިވަޑައިގެން ވިދާޅުވިއެވެ. حسّان ގެނެސްދެއްވި މަޢުލޫމާތު ޞައްޙަ ކަމުގައިވާނަމަ މިއަދު މެންދުރު ކުރިޔަކު އަޅުގަނޑުމެންނަކަށް އެތްތަކުގެ ބައިބައިގަނޑާ ކުރިމަތިލާކަށެއް ނުޖެހޭނެއެވެ. އެ މަޢުލޫމާތު ކުށްކަމުގައިވިޔަސް އަޅުގަނޑު އުންމީދުކުރަނީ އިއްޔެވެސް ފަދައިން ބަނޫ ތަމީމުގެ ފަހުލަވާނުން އެބިޔަ ޖަނަވާރުތައް ފުރަގަހަށް އަނބުރައިލާނެ ކަމުގައެވެ."

عاصم ޖަވާބު ދެއްވިއެވެ. "ތަމީމު ވަންހައިގެ މީހުން ކަލޭގެފާނު މާޔޫސެއް ނުކުރާނެއެވެ."

قــعقـاع، عاصم އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިއަދު އީރާނީންނަށް އަޅުގަނޑުމެންގެ ޖަމަލުތައް އެބައިމީހުންގެ އެތްތަކަށްވުރެ މާ ބިރުވެރިކޮށް ފެންނާނެއެވެ."

ލަޝްކަރުގެ أميـر ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު ބޭނުންފުޅުވަނީ ޖަމަލުތައް މައިދާނަށް ނެރުއްވަންތޯއެވެ؟"

"އާދޭހެވެ. އަޅުގަނޑު ޖަމަލުތަކުގައި ފޮތިދަމައިގެން އެތްތަކަށްވުރެ މާބިރުވެރި ސިފަ ޖައްސާނަމެވެ."

+ + + + +

ދެފަރާތުގެ ލަޝްކަރު ހަނގުރާމަޔަށް ސަފުހަދައިފިއެވެ. حسّان ގެ ލަފާކުރެއްވުން ސީދާވިއެވެ. އީރާނީން މިއަދަކު އެބައިމީހުންގެ އެތްތަކެއް މައިދާނަކަށް ނުގެނެއެވެ. ނަމަވެސް ރުސްތުމުގެ ބިޔަ ލަޝްކަރުގެ ސަފުތައް ވަނީ ލޮލުކޮޅަށްގޮސް އޮބައިލައިފައެވެ. އޭނާ ލަޝްކަރުގެ މެދުތެރޭގައި އޭނާގެ ތަޚުތުގައި އިންނެވިއެވެ.

މިއަދުވެސް ހަނގުރާމަ ފެށުނީ ދެފަރާތުގެ ވަރުގަދަ ފަހުލަވާނުން ޒާތީ ކުޅަދާނަކަމާއި ބާރު ދެއްކުމުންނެވެ. އީރާނުގެ ލަޝްކަރުން އެންމެފުރަތަމަ ނުކުމެވަޑައިގަތީ ޖިސުރު ހަނގުރާމައިގެ ބަޠަލާ ބަހްމަނެވެ. އެތަން ފެނިވަޑައިގެންނެވުމާއެކު قــعقـاع بــن عَمرو رضى اللّـه عنــه އެކަލޭގެފާނުގެ އަސްކޮޅުގައި ހަންމުށި އަޅުއްވައިފިއެވެ. ހިރަފުސް ބުރުއްވަމުން ބަހުމަނުގެ އަރިހަށް ވަޑައިގެންފިއެވެ. އެއީ އަޖަމީންނާއި ޢަރަބީންގެ ޢަސްކަރީ ހުނަރުވެރިކަމުގެ ދެ ނަމޫނާއެވެ. ދެކޮޅުންވެސް ލޮންސީގެ އެތިއެތިފަހަރު އައްޑަނައިގައި ޖައްސައި މަޑުކުރައްވަމުން ދެކޮޅަށް ވަޑައިގެންފިއެވެ. قــعقـاع بــن عَمرو رضى اللّـه عنــه ނުހަނު ހަލުވިފުޅުކަމާއެކު ފަހަތަށް އެނބުރިވަޑައިގެންފިއެވެ. ލޮންސި އެއްލައިލެއްވުމަށްފަހު ކަނޑި ދަންމަވައިގެންނެވިއެވެ. އެސްފިޔަ ޖަހައިލާހައި އިރުކޮޅެއްގެ ތެރޭގައި ބަހުމަންގެ ހަށިކޮޅު އޮތީ ބިންމަތީގައި ތެޅިތެޅިއެވެ. ހިރަފުހާ މޮޑެވިމޮޑެވިއެވެ. އިސްލާމީ ލަޝްކަރުގެ ސަފުތަކުން اللّـه أكبــر ގެ ނަޢުރާގެ އަޑުއުފުލެމުން ދިޔައެވެ. އީރާނު މީހުން ތިބީ ހުއްޓުން އަރައިފައެވެ. قــعقـاع އީރާނީ ލަޝްކަރުގެ ސަފުތަކުގެ ކައިރީގައި ބުރެއް ޖައްސަވައިލެއްވިއެވެ. އެކަލޭގެފާނު ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ތެރޭގައި މަރުވާން އެދޭ މީހަކު އެބަހުރިހެއްޔެވެ؟" قــعقـاع ގެ ދަޢުވަތާ ވިދިގެން އީރާނުގެ ނަންހުރި ހެވީންގެ އެތައްބަޔަކު އެކަކަށްފަހު އަނެކަކު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ނުކުތެވެ. قــعقـاع އެ އެންމެންވެސް މަރުގެ ތަންމަތީގައި ނިންދަވައިލެއްވިއެވެ.

އެވަގުތު މައިދާނުގެ ހުޅަނގުދެކުނު ފަރާތުގެ ފަރުބަދަމަތީން މުސްލިމުންގެ ގެމައެއް ދައްކައިލިއެވެ. އެއީ قــعقـاع ގެ އަރިހުގައި ޝާމްކަރައިން އައި މުޖާހިދުންގެ ތެރެއިން ބައިބަޔަށް ދޭތެރެދޭތެރެއިން މައިދާނަށް އަންނަން އެކަލޭގެފާނު އަންގަވައިފައިވާ މުޖާހިދުންގެ އެންމެފުރަތަމަ ގެމައެވެ. މުސްލިމުން ނުހަނު ޖޯޝީ ނަޢުރާތަކާއެކު މުޖާހިދުންގެ ގެމަޔާ އިސްތިޤުބާލު ކުރިއެވެ. އެ މުޖާހިދުން އިސްލާމީ ލަޝްކަރުގެ ކަނާތްފަރާތުން މައިދާނަށްވަދެ މުސްލިމުންގެ ލަޝްކަރުގެ ކުރީސަފާ ގުޅިއްޖެއެވެ. قــعقـاع އެ ގެމަޔާއިގެން ދުޝްމިނުންގެ ލަޝްކަރުގެ އިސްލަޝްކަރަށް ވަރުގަދަ ޙަމަލައެއް ދެއްވިއެވެ. ހަމައެއާއެކު ދުޝްމިނުންގެ ލަޝްކަރުގެ ކަނާތްފަރާތުގެ ސިފައިންވެސް ޖަވާބީ ޙަމަލައެއް ދީފިއެވެ. މައިދާނުގައި ވަރަށް ވަރުގަދަޔަށް ހަނގުރާމައިގެ ހުޅުފަޅައިގެން ހިނގައްޖެއެވެ. އިރުކޮޅެއްގެފަހުން އަނެއްކާވެސް قــعقـاع ގެ ލަޝްކަރުގެ ގެމައެއް ދައްކައިލައިފިއެވެ. އެމީހުން އިސްލާމީ ލަޝްކަރުގެ ވާތްފަރާތުން އައިސް މައިދާނަށްވަދެ ކުރީން އައި ގެމަޔާ ގުޅިއްޖެއެވެ.

ރުސްތުމަށް އޭނާގެ ލަޝްކަރުގެ އިސްލަޝްކަރުގެ ސަފުތަކުން ސިހުމާއި ޖެހިލުންވުމުގެ އަސަރު ފެނިވަޑައިގެންނެވުމުން އޭނާގެ ލަޝްކަރުގެ ވާތްފަރާތުގެ ސަވާރުންނަށް ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. ނަމަވެސް ކުއްލިޔަކަށް އެބައިމީހުން ކުރިމަތިލާންޖެހުނީ އާދަޔާ ޚިލާފު މައްސަލައަކާއެވެ. މުސްލިމުން ބުރުގާއާއި ފޮތި އަޅުވައި ބިރުވެރި ސިފަޖައްސައިފައިވާ ޖަމަލުތައް ޤުދައިސުގެ މަޙައްލުގެ ބިއްދޮށުން އައިސް މައިދާނަށް ވަދެއްޖެއެވެ. ޖަމަލުތައްހުރީ ކޮންމެ ދިހަ ޖަމަލެއް އެއްކޮށް ބަނދެފައެވެ. އެހެންކަމުން ހީވަނީ ހަރަކާތްތެރިވާ ފާރުތަކެއްހެންނެވެ. ޖަމަލުތަކަށް ސަވާރުވެގެންތިބި ދުނިދަނޑިހެވީން ގެންދިޔައީ ހެސަޔަށް ދުނި އުކަމުންނެވެ.

މުސްލިމުންގެ އެހަރަކާތްތެރިވާ ފާރުތައް މައިދާނުގައި އަތުރައިލިގޮތުން އީރާނުގެ އަސްވާރުން ޙަމަލަދިނުމާއެކު އެންމެފުރަތަމަވެސް ކުރިމަތިލާންޖެހެނީ ޖަމަލުތަކުގެ ބުރިކަށިމަތީގައި ތިބޭ ދުނިދަނޑިހެވީންގެ ދުނީގެ ވާރެއާއެވެ. އެބައިމީހުންގެ އަސްތަކަށް އެމަސްނޫޢީ ފާރުތައް ފެނުމުން ސިހިގެން ކެވިއަރައި އޭގެ ބުރަކަށިމަތީގައި ތިބޭ ސަވާރުން ވައްޓައިލައިފައި ފިލައިގެން ހިނގައިދެއެވެ.

1. މިއީ އަހުގެ ޠަބީޢަތުގައި ހުންނަ ކަމެކެވެ. އެސޮރުމެންގެ ކުރިމައްޗަށް އެބާވަތުގެ ހުރަހެއް ކުރިމަތިކުރެވިއްޖެނަމަ ކުރިއަރާން އިންކާރުކޮށް ކެވިގެން އެނބުރި ދުއްވައިގަނެއެވެ. ޤާދިސިއްޔާގެ ހަނގުރާމައިގެ ދެވަނަދުވަހު ޢަރަބީންގެ ޖަމަލުތަކުގެ އަހަންމިއްޔަތާ ބެހޭގޮތުން އާއްމު މުއައްރިޚުން ވާހަކަ ދައްކަވައިފައިވަނީ ވަރަށް ކުޑަކޮށެވެ. އެބޭކަލުން ވިދާޅުވަނީ އީރާނީ އަސްތައް ޖަމަލާ ބީރައްޓެހީކަމުގައެވެ. ޖަމަލުތަކުގައި ބުރުގާތައް އެޅުމުން ވަކިންބޮޑަށް ބިރުގަންނަގޮތްވީކަމުގައެވެ. ނަމަވެސް علاّمة إبن خـلدون ވިދާޅުވާގޮތުގައި މުސްލިމުން ޖަމަލުތަކުގައި ބުރުގާ އަޅުވައިގެން މައިދާނަށް ގެނައީ އެކި ޖަމަލު ވަކިވަކީންނެއް ނޫނެވެ. ކޮންމެ ދިހަ ޖަމަލެއް އެއްކޮށް ބަނދެގެންނެވެ. އެހެންކަމުން އަސްތައް ބިރުގެންނުވުމަށާއި އީރާނީންގެ ޙަމަލައިގެ ބާރު ކަނޑުވަން އެޖަމަލުތަކަކީ ބޭނުންތެރި އެއްޗަކަށްވީއެވެ. ޤާދިސިއްޔާގެ ހަނގުރާމައިގެ އެތައްސަތޭކަ އަހަރުތަކެއްގެފަހުން ތުރުކީންގެ އަސްވާރުން ފަރަންސޭސިވިލާތުގެ މަޝްހޫރު ފާތިހު ނަޕޯލިޔަން ޝާމްކަރައިގެ މައިދާނުގައި ވަށައިލިއެވެ. ނަޕޯލިޔަން އޭނާގެ ފައިމަތީ ހަނގުރާމަކުރާ ސިފައިން މައިދާނުގައި ވަކިވަކި ބަރިބަރިއަށް އަތުރައިލެއްވިއެވެ. ތުރުކީ ސަވާރުން ޙަމަލާދިންއިރު އެމީހުންގެ އަސްތައް އެހަތަރެސްކަނަށް އެތުރިގެންތިބި އިންސާނުންގެ ބަރިބަރީގެ ކައިރިޔަށް އާދެވުމުން ކުއްލިޔަކަށް ސިހިގެން ފަހަތަށް ޖެހިލުމުން ތުރުކީންގެ ކަނޑިތަކާއި ލޮންސިތަކުން ސަލާމަތްވެތިބެ ބަޑިޖެހުމުގެ ފުރުސަތު ފަރަންސޭސި ސިފައިންނަށް ލިބެއެވެ.

ޤާދިސިއްޔާގެ ހަނގުރާމައިގެ ދެވަނަ ދުވަހު ޖަމަލުތައް މައިދާނަށް ނެރުމަށް قــعقـاع بــن عَمرو رضى اللّـه عنــه اللّـه ހުށަހެޅުއްވި ހުށަހެޅުއްވުން ކާމިޔާބުވީ އެދުވަހު އީރާނީން އެބައިމީހުންގެ އެތްތައް މައިދާނުން ނުނެރޭތީއެވެ. ހަނގުރާމައިގެ ތިންވަނަ ދުވަހު އީރާނީން އެބައިމީހުންގެ އެތްތައް މައިދާނަށް ނެރުމުން މުސްލިމުން އެބައިމީހުންގެ ޖަމަލުތައް މައިދާނަށް ނެރޭކަށެއް މަސައްކަތެއް ނުކުރެއެވެ.

(ނުނިމޭ)