މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 9001:2015 ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
މިކަން އެމްޓީސީސީން އާންމުކޮށްފައިވަނީ އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން މި ކާމިޔާބީއާއެކު އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައިކޮށްފައިވާ ކުންފުންޏެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
އެމްޓީސީސީން ސެޓިފައި ކޮށްފައިވާ އޮޕަރޭޝަންތަތަކީ؛
- ސިވިލް ކޮންސްޓްރަކްޝަން ހިދުމަތް
- ޓްރާންސްޕޯޓް ހިދުމަތް
- ލޮޖިސްޓިކް ހިދުމަތް
- އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީން، ސްޕެއާ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާއި ޑިސްޓްރިބިއުޓް ކުރުން
- ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތް
- އިންޖިނިއަރިން އަދި ޑޮކިންގެ ހިދުމަތް
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓު ސިސްޓަމެވެ. އަދި މި ސިސްޓަމަށް އެމްޓީސީސީ ސެޓިފައި ކޮށްދީފައިވަނީ ޔޫއެސްގެ އެސްޖީއެސްއިން ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި ކާމިޔާބާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެ ކުންފުންޏަށް ލިބުނު ފަހުރުވެރި ކާމިޔާބެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ދާއިރާތަކުން ރައްޔިތުންނާއި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓޭކަމާއި، ކުންފުންޏަށް ރިސްކުތައް މެނޭޖުކުރެވި، ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު އޮންނަ އިތުބާރު އިތުރު ކުރުމަށް މަސައްކަތްކުރެވޭކަން ކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާނގައި ކުންފުނީގެ މަސައްކަތުގެ ފެންވަރު ހަރުދަނާކޮށް، އައިއެސްއޯގެ ސެޓިފިކޭޝަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެމްޓީސީސީއަކީ ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި ކުންފުނި އުފެދުނީއްސުރެ އެ ކުންފުނިން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި