ގުޅިފަޅު ހިއްކުމުގެ މަޝްރޫއު އަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.
ޕްލޭނިންގް އެންޑް ހައުސިން މިނިސްޓްރީން ބުނީ، އެ ވެބްސައިޓު މެދުވެރިކޮށް ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއާ ގުޅޭ އެކި މައުލޫމާތުތައް ބަލައިލެވޭނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއު ކުރިއަށްދާ މިންވަރާއި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ކުރާ މަސައްކަތް އަދި އެކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތުތައް ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން އެ ޕްރޮޖެކްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެތް އޮތްނަމަ އެކަމެއް ވެސް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއަށް ހެދި ވެބްސައިޓަކީ www.gulhifalhu.mv އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ހިންގާ ޕްރޮޖެކްޓެކެވެ. އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ދީފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެކުންފުނީގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާނެ އެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ. ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ.
ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ އިތުރުން އެތަނުން މާލޭ ރައްޔިތުންނަށް 1200 ބިންކޮޅު ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު