ޚަބަރު

ސިޔާމުގެ ލޯނުގެ މައްސަލައާ ގުޅޭ ސުވާލުތައް ފިނޭންސް މިނިސްޓަރަށް ފޮނުވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރައްވާ ސުވާލުތަކުގެ ނޯޓިސް ފޮނުވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވެރިން ގެރެންޓީ ދިނުމުން ސިޔާމުގެ، ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ދިނީ 2017 އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުމުން އެ ފައިސާ ދައްކަން ސަރުކާރަށް ބޭންކުން އޮތީ އަންގައިފަ އެވެ.

ސިޔާމްގެ ލޯނުން ޑިފޯލްޓްވީ އަދަދަށް ދިވެހި ސަރުކާރުން ފައިސާ ދައްކަންޖެހޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރުއާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ އެ މައްސަލައިގައި މެންބަރު މީކާއީލް ފިނޭންސް މިނިސްޓަރު އަމީރާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް އިއްޔެ ފޮނުއްވާފައިވާނެ ކަމަށެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި މިނިސްޓަރު އަމީރުއާ ކުރެއްވުމަށް އެދިވަޑައިގެންފައިވާ ސުވާލުތަކަކީ ދައުލަތުން ގެރެންޓީ ދީގެން ސިޔާމުގެ ކުންފުންޏަކުން ނެގި ލޯނެއް ޑިފޯލްޓްވިތޯ އާއި އެ ފައިސާ ސަރުކާރުން ދައްކާނެ ގޮތެއް އޮތްތޯ އާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރުކުރަން އެދިފައިވޭތޯ އެވެ.

އޭގެ އިތުރުން ލޯނު ދައްކަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ކުރާނެ އަސަރުތަކަކީ ކޮބައިތޯ އާއި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރާނަމަ ދައުލަތުގެ މާލީ އިންތިޒާމުތަކަށް ކުރާނެ އަސަރުތައް ސާފުކުރަން ވެސް އޭނާ އެދިވަޑައިގެންފައިވެ އެވެ.

މީކާއިލް އެދިވަޑައިގެންފައިވަނީ ލިޔުމުން އެ ޖަވާބުތައް ދިނުމަށެވެ. އެހެންކަމުން 14 ދުވަހުގެ ތެރޭގައި މިނިސްޓަރު އަމީރު އެ ސުވާލުތަކަށް މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ އެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުންނާއި ސިޔާމްގެ ފަރާތުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.