ކުޅިވަރު

މަހިބަދޫ ވެޓްރަންސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް މިފަހަރު ވެސް ދަ ޖޯލި

އައިދާ އަބްދުލް ހަކީމް

މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބޭއްވި ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ކަން މިދިޔަ އަހަރުވެސް އެމުބާރާތް ކާމިޔާބުކުރި ދަ ޖޯލިން ހޯދައިފި އެވެ.

ދަ ޖޯލިން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު މަހިބަދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި 3-0 ގެ ނަތީޖާއަކުން ވާނުވާ ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 އަކުންނެވެ.

މެޗްގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ދަޖޯލިގެ އިބްރާހިމް ނިޒާމް ވަނީ ގޯލެއް ކާމިޔާބު ކޮށް އެޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ހާލިދު ގާސިމް ވަނީ ދެވަނަ ލަނޑު ޖަހައި ދަ ޖޯއްޔަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ދަ ޖޯލިން ޖެހި ތިންވަނަ ލަނޑަކީ މެޗްގެ 22 ވަނަ މިނެޓުގައި އެޓީމުގެ އިސްމާއިލް ފަހުމީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވީ މަހިބަދޫ އަށް އުފަން ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ޖޯލިގެ އާދަމް ސަމީރެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެއީ ދަ ޖޯލިގެ އަބްދުއްﷲ ޒައީމް އާއި ވާނުވާގެ މުހައްމަދު ރިފްއަތެވެ. މި ދެކުޅުންތެރިން ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ގޯލް ކާމިޔާބު ކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ދަ ޖޯލިގެ އަލީ އަޚްތަރަށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. އެއީ ދަ ޖޯލި، އެފްސީ ލެޖެންޑް، ލަޔަންސް އަދި ވާނުވާ އެވެ. މަހިބަދޫއަކީ ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ފުޓުބޯޅައިގެ ތެރެއަށް ނުކުތް ރަށެކެވެ. އޭގެ ތެރޭގައި ފީފާ ސެންޗްރީ ކްލަބުގައި ދާދި ފަހުން ހިމެނުނު 17 އަހަރު ރާއްޖޭގެ ގޯލު ބެލެހެއްޓުމަށްފަހު ރިޓަޔާކުރި ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގު އަދި އަސަދުﷲ އަބްދުﷲ ހިމެނެއެވެ.