ވިޔަފާރި

ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި

މަރިޔަމް ޝަހުދާ

ވ. ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ މަހުގެ 30 ގައެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ފެލިދޫ ބަނދަރުގެ 126 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން 61 މީޓަރުގެ ބޭރު ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 200 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމުގެ އިތުރުން ބަނދަރާއި އިންވެގެން 610 އަކަމީޓަރުގެ ޕޭވްމަންޓެއް ހަދާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތިވެސް ހަރުކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީން 14 މަޝްރޫއެއް ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި މި ކުއާޓާގައި މިހާތަނަށް އަށް މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.