ޚަބަރު

އެމްއެމްއޭ އާއި ބޭންކުތައް މާދަމާ ހުޅުވާނެ

އަލީ ޔާމިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތައް މާދަމާވެސް ހުޅުވާފައި ހުންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ސަރުކާރު އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހަށް ބަންދުކުރަން ނިންމައިފައެވެ. އެމްއެމްއޭ އިން ބުނީ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދު ކުރި ނަމަވެސް މާދަމާ އެ އޮތޯރީޓީ އާއި ބޭންކްތައް ހުޅުވާނެ ކަމަށެވެ.

ނަމަވެސް ބުދަ އަދި ބުރާސްފަތި ދުވަހު އެމްއެމްއޭ އާއި ބޭންކްތައް ނުހުޅުވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭއިން ބުނީ، މާދަމާ ބޭންކިންގެ ހިދުމަތް ދިނުމާއި ސިޓީއާއި ތަކެތި ބަލައިގަތުމަށް ނިންމާފައިވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ބޭންކުތައް ހުޅުވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވާ އިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވެސް ވަނީ އެ ބޭންކުގެ ބްރާންޗުތައް މާދަމާ ހުޅުވާނެ ކަމަށް ބުނެފައެވެ. އަދި ހިދުމަތް ހޯދަން އަންނައިރު އޮންލައިންކޮށް ޓޯކެން ނަގައިގެން އައުމަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކޮންމެހެން ބޭންކަށް އައިސް ހޯދަން ޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށްވެސް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.