(01 އޯގަސްޓުގެ އަދަދާ ގުޅޭ)

އީރާނީ އޮފިސަރެއް ތެދުވެފައި ރުސްތުމުގެ އަރިހުގައި ދެންނެވިއެވެ. "ނިކަމެތި ދުޝްމިނެއްގެ މޮޔަ ވާހަކަތަކާމެދު ފިކުރުފުޅު ނުކުރައްވާށެވެ. އެބައިމީހުންގެ ޖެހިލުންކުޑަކަމާއި އަދަބު ކުޑަކަމުގެ ސަބަބަކީ ސަފީރުން ކަމުގައިވާތީ މަރުގެ އަދަބު ލިބިދާނެކަމުގެ ބިރެއް ނެތުމެވެ."

ރުސްތުމު ޖަވާބު ދެއްވިއެވެ. "އަހަރެން ބިރުގަންނަނީ ތިޔަބައިމީހުން އެ މޮޔަވެފައިތިބި މީހުންނަކީ މާނިކަމެތި ބައެއްކަމުގައި ދެކެފާނެތީއެވެ."

ރުސްތުމު އޭނާގެ ލަޝްކަރަށް ތައްޔާރުވާން އެންގެވުމަށްފަހު سعـد بـن أبى وقّـاص ގެ އަރިހަށް ޚަބަރު ފޮނުއްވިއެވެ. ކަލޭގެފާނު މިފަރާތަށް ވަޑައިގަންނަވާނީތޯއެވެ؟ ނުވަތަ އަޅުގަނޑު ތިޔަފަރާތަށްދާން ފާލަމުގެ ބޭނުންކުރުމުގެ ހުއްދަ ދެއްވާނުތޯއެވެ. އިރުކޮޅެއްގެ ފަހުން އޭނާގެ ޤާޞިދު އެނބުރިގޮސް ދެންނެވިއެވެ. أميـرسعـد ވިދާޅުވިއެވެ. "އަޅުގަނޑުމެން ކޯރުގެ މިފަރާތުގައި މަނިކުފާނަށް އިންތިޒާރު ކުރާނޫއެވެ. ފާލަމަކީ އަޅުގަނޑުމެން ގަދަބާރުން މިލްކުކޮށްފައިވާ ތަނެކެވެ. އެފަދަ ތަނެއް ދޫކޮށެއް ނުލެވޭނެއެވެ."

ރުސްތުމު އޭނާގެ ލަޝްކަރަށް ކޯރުގެ ތެރެއިން މަގެއް ހިއްކަން އަމުރުކުރެއްވިއެވެ. އެތަކެއްހާސް މީހުން މަސައްކަތްކޮށްގެން ހަމައެރޭމެ ފުޅާ މަގެއް ހިއްކައިލިއެވެ. ފަޖުރުލުމާއެކު ރުސްތުމު އޭނާގެ ލަޝްކަރައިގެން ހަރަކާތްތެރިވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. އީރާނީ ލަޝްކަރު މެންދުރުވުމުގެ ކުރީން ކޯރު ހުރަސްކޮށް އިސްލާމީ ލަޝްކަރުގެ ކުރިމަތީގައި ހަނގުރާމައަށް ސަފުހަދައިފިއެވެ.

ކިސްރާ ޔަޒުދުގިރުދުގެ ހިތްޕުޅުގައި މި ހަނގުރާމަޔާމެދު އުފެދިފައިވާ ކަންބޮޑުވެވަޑައިގެންނެވުމުގެ ސަބަބުން އޭނާ ވަނީ މަދާއިނުގެ ކޮއިލުން ފެށިގެން ޤާދިސިއްޔާގެ މައިދާނާ ހަމަޔަށް ވާހަކަ ގޮވާމީހުން އަތުރުއްވައިފައެވެ. އެކެއްގެ އަޑު ފަސޭހަކަމާއެކު އަނެކަކާ ހަމަޔަށް ފޯރާގޮތަށެވެ. މަންޒަރު ލޮލުން ދެކޭމީހާގެ ސިފަކުރުންތައް އަކުރުން އަކުރަށް ބަހުން ބަހަށް ކިސްރާގެ ކަންފަތްޕުޅާ ހަމަޔަށް ފޯރަމުންދެއެވެ.

ރުސްތުމު ހުންނެވީ ދެފަށްދަހަނާ ތުރުކުރައްވައިގެންނެވެ. އިސްތަށިފުޅުގައި އޮތީ ދަގަނޑު ކޯރިކޮޅެކެވެ. އޭނާގެ ޚާއްޞަ ބާރަށްދުވާ އަސްމަތީގައި ލަޝްކަރުގެ ސަފުތަކުގެ ތެރޭގައި ބުރެއް ޖައްސަވައިލެއްވުމަށްފަހު ވަޑައިގެން ހުއްޓިވަޑައިގެންނެވީ ލަޝްކަރުގެ މެދުތެރޭގައިހުރި އޭނާގެ ރަން ތަޚުތުގެ ކުރިމަތީގައެވެ. ދުރުފިޝްކާވިޔާނީގެ ހިޔަލުގައެވެ. އޭނާ ވިދާޅުވިއެވެ. "މިއަދު އަހަރެމެން ދުޝްމިނުން ފަނާކޮށް ނައްތައިލާނޫއެވެ."

ރުސްތުމުގެ ހަށިފާރަވެރީންގެ ތެރެއިން އޮފިސަރެއް ދެންނެވިއެވެ. "އާދޭހެވެ. އަހަރުމުޒުދު އިރާދަކުރެއްވިއްޔާއެވެ." ރުސްތުމު ބޭޤަރާރުކަމާއެކު ޖަވާބު ދެއްވިއެވެ. "ކަލާނގެ އިރާދަނުކުރެއްވިޔަސްވެހެވެ."

سعـد بـن أبى وقّـاص رضى اللّـه عنــه އަކީ އެކަލޭގެފާނުގެ ޢަސްކަރީ ޙަޔާތްޕުޅުގައި އަބަދުވެސް ހުރިހައި މައިދާންތަކެއްގައިވެސް އިސްލާމީ ޣާޒީންގެ އެންމެކުރީ ސަފުގައި ހުންނަވާން ލޯބިކުރައްވާ ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ޢަސްކަރީ ޙަޔާތްޕުޅުގެ އެންމެ ދަތި އުނދަގޫފުޅު އަދި އެންމެ ވަރުގަދަ އިމްތިހާނުގެ ދުވަހު ހުންނަވާން މަޖުބޫރުވެވަޑައިގެންފައިވަނީ ވަރަށްބޮޑަށް ނާޗާރުވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ މުޅިހަށިކޮޅުގައި ނަގައިފައިހުރި މުލިހިފުޅުތަކެއްގައި އަޅާ ވޭނުގެ ސަބަބުން ހިނގައިބިނގައި އުޅުއްވުމަށް ޢުޒުރުވެރިވެވަޑައިގެންފައެވެ. އަސްމައްޗަށް ސަވާރުވެވަޑައިގެންނެވޭ ވަރެއްވެސް ނުވެއެވެ. ޤާދިސިއްޔާގެ މައިދާނުގައި ޢަރަބީންނާއި ޢަޖަމީންގެ މެދުގައި ނިޔާކަނޑައެޅޭ މަޢުރިކާ ފެށުނުއިރު އެކަލޭގެފާނަށް މީހެއްގެ އެހީއާނުލައި ކޮޅަށް ހުންނެވޭވަރުވެސް އިށީނދެވަޑައިގެން އިންނެވޭވަރުވެސް ނުވެއެވެ. އެކަލޭގެފާނު އިންނެވީ އިސްލާމީ މުޢަސްކަރުގެ ކައިރީގައިހުރި ޤުދައިސުގެ މަޙައްލުގެ ދޮރޯށިމަތީގައެވެ. މައިދާނަށް ބަލަހައްޓައިގެންނެވެ. މައިދާނުގައި އެކަލޭގެފާނުގެ ނާއިބަކަށް ބަހައްޓަވައިފައި ހުންނެވީ خــالــد بــن عـُــرفطـه رضـى اللّـه عنـــه އެވެ. سعـد ގެފާނު خــالــد އަށް އަންގަވަން ބޭނުންފުޅުވާ އެންގެވުންތައް ލިޔުއްވައިފައި ވަޔާނުދާގޮތަށް ބޮނޑިކޮށްލައްވައިފައި ތިރިޔަށް ވައްޓައިލެއްވުމުން خــالــد ގެ އަރިހަށް އެ އަމުރުފުޅު ގެންދެވުމަށާއި ކުރައްވާ އަމުރުފުޅުތައް އަޑުއިއްވައިދެއްވަން ވަނީ ނަޤީބުން ބައިތިއްބަވައިފައެވެ.

މުސްލިމް ޣާޒީން އިންތިހާދަރަޖައިގެ ހަމަހިމޭންކަމާއި ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު މެންދުރު ނަމާދު ކުރައްވައިފިއެވެ. أميـر سعـد ގެ އިރުޝާދާ އެއްގޮތަށް ސަފުތައް އަތުރައިލައްވައިފިއެވެ. އެއަށްފަހު ރީތިކޮށް ކިޔަވައި ވިދާޅުވާ ޤާރީން ކީރިތި ޤުރުއާން ކިޔަވައިވިދާޅުވެ މުޖާހިދުންގެ ހިތްޕުޅުތަކުގެ ރައްބާނީ ޝުޢޫރުތައް ހޭލައްވައިލެއްވިއެވެ. ޢަރަބީންގެ ކުޅަދާނަ ވާހަކަދެއްކުންތެރީންގެ ތަޤުރީރުތަކުން މުޖާހިދުންގެ ލޭފޮދު ކައްކަވަމުން ގެންދެވިއިރު ކުޅަދާނަ ޝާޢިރުން ގެންދެވީ މުޖާހިދުންގެ ހިތްޕުޅުތަކުގައި ޖޯޝާއި ފޯރީގައި ހުޅު ރޯކުރައްވަމުންނެވެ. އެވާހަކަ ދެއްކެވުންތަކުގެ އެއް ނަމޫނާއެއް ހުށަހަޅައިލާނަމެވެ.

ޢަރަބީންގެ މަޝްހޫރު ވާހަކަދެއްކުންތެރިޔާ إبـن الهـذيـل ވިދާޅުވެފައިވެއެވެ. "سعـد ގެ އާއިލާގެ މެމްބަރުންނޭވެ! ތިޔަބައިމީހުންގެ ކަނޑިތައް ކިއްލާތަކަކަށް ހަދައިލާށެވެ. ދުޝްމިނުންގެ ކުރިމަތީގައި ސިންގާތަކަކަށްވާށެވެ. ހިރަފުހުގެ ދަހަނާތައްލާށެވެ. ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. ކަނޑިތައް މޮށްވުމުން ދުނިދަނޑީގެ ވަރަ ބޭނުންކުރާށެވެ. އެހެނީ އެވަރައިގެ އެހީގައި ފޮނުވައިލާ ތީރުތައް ފޯރާ ހިސާބަކަކަށް ކަނޑިތަކެއް ނުފޯރައެވެ."

سعـد بـن أبى وقّـاص رضى اللّـه عنــه ތަކުބީރު ވިދާޅުވުމާއެކު ލަޝްކަރުގެ ނަޤީބުން އެއްކޮޅުން އަނެއްކޮޅަށް އެ އަޑު ފޯރުވައެވެ. ހަތަރުވަނަ ތަކުބީރު ވިދާޅުވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. އެންމެފުރަތަމަ މައިދާނަށް ނުކުމެވަޑައިގެންނެވި ދެފަރާތުގެވެސް މުބާރިޒާ ކުރައްވާ ފަހުލަވާނުންނެވެ. އިސްލާމީ ލަޝްކަރުން ނުކުމެވަޑައިގެންނެވީ غالب بن عبداللّـه الأسـدى އާއި، عَمرو بن معـدى كـرب އާއި، عاصم بــن عمـرو (رضى اللّـه عنـهم) އެވެ. އެތިން ބޭކަލުންނާ މުބާރިޒާކުރަން އީރާނުންވެސް ތިން ފަހުލަވާނުން ނުކުތެވެ. غالب بن عبداللّـه رضى اللّـه عنــه އާ ޙަމަލަދެއްވީ އީރާނުގެ ޝެހެޒާދާއެއްކަމުގައިވާ ހުރުމުޒެވެ.

1.خــالــد بــن الـوليـد رضـى اللّـه عنـــه ގެ އަތްޕުޅުންވެސް ހުރުމުޒެވެ ކިޔުނު އީރާނީ އޮފިސަރަކު ވަނީ ޤަތުލުވެފައެވެ. ދެފަހުލަވާނުން އަސްމަތީގައި ވަރަށް ބާރަށް ވަޑައިގެން ލޮންސީން ޙަމަލަދެއްވައިފިއެވެ. ހުރުމުޒު ޒަޚަމުވެވަޑައިގެން ވެއްޓިވަޑައިގެންފިއެވެ. އޭނާ ތެދުވެވަޑައިގަންނަވާން އުޅުއްވަނިކޮށް غالب އަސް އަނބުރައިލައްވައިފައި ވަޑައިގެން ހުރުމުޒުގެ މޭފުޅުގައި ލޮންސީގެ ތުނޑު ޖައްސައިލައްވައިފިއެވެ. ހުރުމުޒު އަމާން ދެއްވައިފައި ތެދުވެވަޑައިގެންނެވުމުން غالب އޭނާ ޤަތުލުކުރެއްވުމުގެ ބަދަލުގައި ފައްސަވަމުން އިސްލާމީ ލަޝްކަރުގެ ތެރެޔަށް ގެންނަވައިފިއެވެ.

عَمرو بن معـدى كـرب رضـى اللّـه عنـــه އާ މުޤާބަލާކުރާން ނުކުތީ އީރާނުގެ ވަރަށް ނަންހުރި ފަހުލަވާނެކެވެ. އޭނާ ހުރީ ފަށުވީގެ ޖުއްބާއެއް ލައިގެންނެވެ. އުނަގަނޑުގައި އޮތީ ރަން ކަމަރެކެވެ. އަތުގައި ހުރީ ރަން އުޅާ އަޅައިފައެވެ. އޭނާގެ އެންމެ ފުރަތަމަ ތީރު عَمرو ގެ ދަހަނާކޮޅުގައި ހަރުލައިފިއެވެ. ނަމަވެސް މުސްލިމުންގެ ކުޅަދާނަ ފަހުލަވާނު عَمرو އޭނާގެ އަހުގެ ފައިދަށުން ހިރަފުސް ބުރުއްސަވަމުން އީރާނީ ފަހުލަވާނުގެ ތީރުތައް އައްޑަނަކޮޅުން މަތަކުރައްވަމުން ވަޑައިގެން އެކަލޭގެ އުނަގަނޑުގައި އޮތް ކަމަރުގައި ހިއްޕަވައިފައި ނަންގަވައި ބިމާލައި ޖައްސަވައިފިއެވެ. އެސްފިޔަޖަހާހައި އިރުކޮޅެއްގެ ތެރޭގައި ކަނޑިކޮޅުން އޭނާ ޤަތުލުކޮށްލައްވައިފިއެވެ.

عاصم بــن عمـرو رضى اللّـه عنـه ގެ ޝުހުރަތު ވަނީ ކިސްރާގެ ކޮއިލާ ހަމަޔަށް ފޯރައިފައެވެ. އެކަލޭގެފާނު ހިތްވަރުފުޅުގެ ޅެމެއް ވިދާޅުވަމުން ނުކުމެވަޑައިގެންނެވުމާއެކު އެކަލޭގެފާނާ މުޤާބަލާކުރަން ނުކުމެހުރި އީރާނީކަލޭގެ ބިރުން އަނބުރައިލައިފައި ފިލަން ދުއްވައިގެންފިއެވެ. عاصم އޭނާގެ ފަހަތުން ފައްސަވަމުން އީރާނުގެ ލަޝްކަރުގެ ކުރީސަފާ ހަމަޔަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެނބުރި ވަޑައިގަންނަވަން އުޅުއްވަނިކޮށް ފެނިވަޑައިގެންނެވީ އީރާނު މީހަކު ބަޣަލެއްގެ މައްޗަށް އެއްޗެހިތަކެއް އަރުވައިގެން ގެންދަނިކޮށެވެ. އެއީ ރުސްތުމު ފަރީއްކުޅުއްވާ އެއްޗެހިކޮޅެވެ. عاصم އެ ބަޣަލު ލަވަމުން އިސްލާމީ ލަޝްކަރަށް ގެންނަވައިފިއެވެ.

އޭގެފަހުންވެސް ދެފަރާތުން ފަހުލަވާނުންގެ ބަޔަކު މައިދާނަށް ނުކުތެވެ. އިންފިރާދީ ހިތްވަރު ދެއްކުމުގެ ކުޅިވަރުގައި މުސްލިމުންގެ ކޮޅަށް ތިލަފަތް ބަރުވަމުންދާތަން ފެނިވަޑައިގެންނެވުމުން ރުސްތުމަކަށް ބަރުދާހެއް ނުކުރެއްވުނެވެ. އޭނާގެ ލަޝްކަރަށް އާއްމު ޙަމަލައިގެ އަމުރު ނެރުއްވައިފިއެވެ.

+ + + + +

سعـد بـن أبى وقّـاص رضى اللّـه عنــه ނުހަނު ހިތާމަފުޅާއި އެހައިމެބޮޑު ކެކުޅުމާއެކު އިންނެވީ ޤުދައިސުގެ ދޮރޯށިމަތީގައެވެ. ފަރުވާތެރިކަމާއެކު މައިދާނަށް ވިސްނުންފުޅު ހުއްޓައިލައްވައިގެންނެވެ. މުލިހިފުޅުތަކުގެ ވޭނާހުރެ އެކަލޭގެފާނަކަށް އިންނަވާކަށެއް އޮންނަވާކަށެއްވެސް ލިބިވަޑައެއް ނުގަންނަވައެވެ. ބައެއްފަހަރު މޭފުޅުދަށަށް ބާލީސްކޮޅެއް ލައްވައިގެން ބަންޑުން އޮށޯވެވަޑައިގެން އޮންނަވައެވެ. އިރުކޮޅެއް ނުވަނީސް ތެދުވެވަޑައިގެން ބާލީސްކޮޅުގައި ލެނގިވަޑައިގެން އިންނެވޭތޯ ބައްލަވައެވެ. އައު އަމުރުފުޅެއް ނެރުއްވާން ބޭނުންފުޅުވެ ވަޑައިގެންނެވުމުން ސިޓީފުޅެއް ލިޔުއްވައި ގުޅަކޮށްލައްވައިފައި ތިރިޔަށް އެއްލަވައެވެ. ލަޝްކަރުގެ އަމީރާއި އެކިއެކި ގެމަތަކާ ގުޅުވައިދޭ މީހުން އެ ސިޓީފުޅުތައް ރައްދުކުރަމުން ގެންދެއެވެ.

ހަނގުރާމައިގެ އެންމެފަރަތަމަ މަރުޙަލާގައި ބަނޫ ބަޖީލާގެ ސަވާރުން އެބައިމީހުންގެ އިމްތިޔާޒީ ކުޅަދާނަކަމާއި ޖޯޝާއެކު ކުރިޔަށް އަރައި ދުޝްމިނުންގެ ސަފުތަކަށް އަހުވަ ދައްކައި ހާވިޔާ ކޮށްލިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އީރާނީން ބަނޫ ބަޖީލާގެ ފަހުލަވާނުންގެ ކުރިމަތީގައި އެތްތަކުގެ ފާރެއް ލައިފިއެވެ. އެ އެތްތައް މުސްލިމުންނަށް ގެއްލުންދީ އީރާނީންގެ ކޮޅަށް ތިލަފަތް ބަރުކުރާން ފަށައިފިއެވެ. ޢަރަބި އަސްތަކަށް އެ ހަރަކާތްތެރިވާ ފަރުބަދަތައް ފެނުމުން ފަހަތަށްޖެހޭން ފަށައިފިއެވެ. ބަނޫ ބަޖީލާގެ ފަހުލަވާނުން އަސްތަކުގެމަތީން ފުންމައިލައި އެތްތަކުގެ ޙަމަލަޔަށް ހުއްޓުން އަރުވާލެވޭތޯ ބެލިއެވެ. އެކަމަކު އެމީހުންނަކަށް ކާމިޔާބެއް ނުލިބުނެވެ. أميـرسعـد އަށް އެތަން ފެނިވަޑައިގެންނެވުމުން ބަނޫ ބަޖީލާއަށް އެހީވެދޭން އަސަދުވަންހައިގެ ސަވާރުންނަށް އެންގެވިއެވެ. އެބައިމީހުން اللّـه أكبــر ގެ ނަޢުރާ ކުރަމުން އެތްތަކާ ދިމާކޮށްލިއެވެ. އެބައިމީހުންގެ ދުނިތަކާއި ލޮންސިތަކުން އެ ޠޫފާން މަތަކޮށްފިއެވެ. އީރާނީން އިރުކޮޅެއްގެ ތެރޭގައި އެތުގެ ދެވަނަ ބައިގަނޑެއް ކުރިޔަށް ނެރެފިއެވެ. ބަނޫ ބަޖީލާއާއި ބަނޫ އަސަދުގެ ފަހުލަވާނުންނަށް ވަރަށް ނުސިޔާނު ޙާލަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. سعـد بـن أبى وقّـاص رضى اللّـه عنــه ބަނޫ ތަމީމުގެ މުޖާހިދުންނަށް ބަނޫ ބަޖީލާއާއި ބަނޫ އަސަދާ އެހީވާން އަމުރު ފޮނުއްވައިފިއެވެ. ތަމީމް ވަންހަޔަކީ ލޮންސިހެވިކަމާއި އަމާޒުހިފުމުގައި ދެވަނައެއްނެތްފަދަ މަޝްހޫރު ބައެކެވެ. أميـرسعـد އެ އަމުރުފުޅު ނެރުއްވައިފައި ވޭނާއި ކެކުޅުމުގެ ސަބަބުން އެކި އަރިއަރިޔަށް ފުރޮޅިވަޑައިގަންނަވާން ފައްޓަވައިފިއެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ކާވެނިބައްލަވައިގެން އުޅުއްވި سلمى އޭރު އިންނެވީ سعـد ގެފާނުގެ އަނބިކަނބަލަކަށެވެ.

އެކަމަނާ سعـد ގެފާނުގެ އަރިހުގައި އިންނެވިއެވެ. އެހިތްވަރުފުޅުގަދަ ކަމަނާވަނީ އެކަމަނާގެ ކުރީގެ ފިރިކަލުންގެ އަރިހުގައި ކުފުރާއި އިސްލާމާ ދެމެދު ޢިރާޤުގެ މައިދާންތަކުގައި ހިނގައިފައިވާ ވަރުގަދަ އެތައް މަޢުރިކާތަކެއް ދެކެވަޑައިގެންފައެވެ. أميـرسعـد އަށްވުރެ އެކަމަނާގެ ހާސްފުޅުކަމާއި ފިކުރުފުޅު ބޮޑުވުން ވަކި ކުޑައެއް ނޫނެވެ. އީރާނުގެ އަތްތައް ބަނޫ އަސަދުގެ މުޖާހިދުންނާ ޙަމަލަދޭ މަންޒަރު ފެނިވަޑައިގެންނެވުމުން އެކަމަނާއަކަށް ކެތެއް ނުކުރެއްވުނެވެ. އެކަމަނާ ތަކުރާރުކުރައްވައި ވިދާޅުވާން ފައްޓަވައިފިއެވެ. "ހިތާމަ ހުއްޓެވެ. މިއަދަކު مثــنّـى އެއް ނެތެވެ." މައިދާނުގެ ޙާލަތާއި ލިބިވަޑައިގަންނަވަމުންދިޔަ ވޭނުގެ ސަބަބުން ލިބިވަޑައިގެންފައިވާ ނުތަނަވަސްކަމުގެ ތެރޭގައި سلمى އެ ޖުމްލަ ތަކުރާރުކުރައްވާން ފެއްޓެވުމުން سلمى އާ ދިމާޔަށް ކޯފާވެވިއްޖެއެވެ. ނަމަވެސް އެ ބިރުފުޅުކުޑަ سلمى ދުލެއް ނުދެއްވިއެވެ. "ތިޔަ ފިނޑިފުޅުކަމާއެކުވެސް ތިޔަހަރަ ޣީރަތްތެރިކަންވެސް" މިހެން ވިދާޅުވެއްޖެއެވެ.

سعـد بـن أبى وقّـاص رضى اللّـه عنــه ވަރަށް ދެރަފުޅުވެއްޖެއެވެ. އެކަލޭގެފާނު އިސްދަށަށް ޖައްސަވައިލެއްވިއެވެ. ނިތްކުރިފުޅުން ދާފޮދުގެ ތިކިތައް ފާޅުވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ޢުޒުރުވެރިކަން سلمى އަށް ގަބޫލު ނުކުރެއްވޭއިރު އެހެންމީހުން އެކަން ގަބޫލުކުރާނީ ކިހިނަކުންތޯއެވެ؟" ބައެއް ރިވާޔަތްތަކުގައިވާގޮތުން ބައެއްމީހުން އެކަލޭގެފާނު މައިދާނަށް ނުކުމެވަޑައިނުގަންނަވާތީ އެކަމާ މަލާމާތްކުރާކަން سعـد ގެފާނަށް އެނގިވަޑައިގެންނެވުމުން އެކަލޭގެފާނު ނަގައިގަނެގެން މީސްތަކުންގެ ކުރިމައްޗަށް ގެންދާން އަމުރުކުރެއްވިއެވެ. އެކަލޭގެފާނު އެގޮތަށް ކަންކުރެއްވުމުން ލަޝްކަރަށް އެކަމުގެ އެދެވޭ އަސަރު ކުރިއެވެ.

ތަމީމުވަންހައިގެ ހިތްވަރުގަދަ ފަހުލަވާނުން عاصم بــن عمـرو الــتّميمى ގެ ވެރިކަމުގައި އަސަދު ވަންހައިގެ މީހުންނަށް އެހީވާން ހިނގައްޖެއެވެ. އެބައިމީހުންގެ ތީރުގެ ވާރެއިންނާއި ލޮންސީގެ ޙަމަލާތަކުން އީރާނީ އެތްތަކުގެ މޫނު ފަހަތަށް އަނބުރައިލިއެވެ. އެތްތަކުގެ ބުރަކަށިމަތީގައިހުރި މަހުމަލުތައް ހަލާކުކޮށްލިއެވެ. سعـد ގެފާނާއި سلمى ގެ ހިތާމަފުޅު ފިލައިފިއެވެ. އެ ދެކަނބަލުން މުޖާހިދުންނަށް ސާބަސްދެއްވައި ހެޔޮދުޢާ ކުރެއްވިއެވެ. އަޅުކަން ޙައްޤުވެގެންވާ ހުސްޠާހިރުވަންތަ اللّـه ގެ ޙަޟްރަތަށް ނަޞްރު އެދިވަޑައިގެން ދުޢާކުރައްވަން ފައްޓަވައިފިއެވެ.

އެތްތަކުގެ މުސީބާތުން ސަލާމަތްވުމާއެކު މުސްލިމުންގެ ހިތްވަރާއި ޖޯޝާއި ފޯރި އިންތިހާޔަށް ހިނގައްޖެއެވެ. މުސްލިމުންގެ ކޮންމެ ގެމައެއްގެ ވެރިޔަކުވެސް އެބޭކަލެއްގެ ދިދަ އެހެނިހެން ދިދަތަކަށްވުރެ ކުރިޔަށް ގެންދަވާން މަސައްކަތްޕުޅު ފައްޓަވައިފިއެވެ. މުސްލިމުންގެ ކޮންމެ ޤަބީލާއެއްގެ ރައީސަކުވެސް ބޭނުންފުޅުވީ އެބޭކަލެއްގެ ޤަބީލާއެއްގެ ޒުވާނުން އެހެނިހެން ޤަބީލާތަކެއްގެ މީހުނަށްވުރެ ކުރީގައި ތިބުމެވެ. ޤަބީލާތަކުގެ ވާހަކަދެއްކުންތެރީންނާއި ޝާޢިރުން އެ ޤަބީލާއެއްގައި ޖޯޝާއި ފޯރީގެ އަލިފާން ރޯކުރައްވަމުން ގެންދަވާން ފައްޓަވައިފިއެވެ. މުޖާހިދުން ޖޯޝާއި ހިތްވަރާއެކު އީރާނީ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗަށާއި ކުރިމައްޗަށް ޙަމަލަދޭން ފަށައިފިއެވެ.

އީރާނީންގެ އަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމާއެކުވެސް ކުރަމުންގެންދިޔައީ ދިފާޢީ ހަނގުރާމައެކެވެ. އެބައިމީހުން ޔަގީންކޮށްގެންތިބީ މުސްލިމުންގެ ތިރީސްހާސް މީހުންނަށް މާގިނައިރަކު ހިތްވަރު ނުކުރެވޭނެ ކަމުގައެވެ. ގިނައިރެއްނުވަނީސް ލޮޑުވެ ބުންވަރު އެލިދާނެކަމުގައެވެ. އެންމެފަހުގެ ޙަމަލަދޭންވާއިރަށް އެމީހުންގެ އެހީގެ ތާޒާ ސިފައިން މައިދާނަށް އަތުވެދާނެކަމުގައެވެ. އެހެންކަމުން ހަނގުރާމަ ދިގުލަމުން ދިޔުމަކީ އެމީހުން ކަންބޮޑުވާކަމެއް ނޫނެވެ. އެމީހުންގެ އެއްސަފު ވިއްސިވިހާލިވާއިރަށް ކުރިޔަށްއަރާނެ ދެސަފު ތައްޔާރަށް އޮވެއެވެ. އެކަކު ޤަތުލުވެގެން ވެއްޓޭއިރަށް ހަތަރުމީހުން އެ ހުސްތަން ފުރައިލައެވެ.

(ނުނިމޭ)