ޚަބަރު

އަމީތާބު ކޮވިޑުން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި

އަލީ ޔާމިން

މިދިޔަ މަހުގެ ތެރޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބަޗަން ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އަމީތާބާއެކު އޭނާގެ ދަރި އަބީޝެކް ބަޗަންވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އަބީޝެކްގެ އަންހެނުން އައިސްވާރިއާ ރާއީ އާއި އެ ދެމެފިރިންގެ ދަރިފުޅުވެސް ބައްޔަށް ޕޮޒިޓިވިއެވެ. ނަމަވެސް އައިޝްވާރިއާ އާއި ދަރިފުޅު އަޔާދުރާ ވަނީ މިހާރު ބަލިން ފަސޭހަވެފައެވެ.

އަމީތާބުގެ ދެބެފައިންނަށް ފަރުވާ ދީފައިވަނީ، ނަނަވަތީ ހޮސްޕިޓަލްގައެވެ.

އަމީތާބު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާ ކޮވިޑަށް ނެގެޓިވްވެ، ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ގޭގައި ކަމަށްވެސް ބުނެފައިވެއެވެ. ގެއަށް ބަދަލުވި ނަމަވެސް ކޮޓަރީގައި ކަރަންޓީންގައި ހުންނާނެ ކަމަށް އަމީތާބު ބުނެފައިވެއެވެ.

"ބަލިން ފަސޭހަވީތީ ހަމްދުކުރަން. ހެޔޮ ދުއާ ކޮށްދިން ހުރިހާ އެންމެންނަށް ޝުކުރުވެރިވަން،" އަމީތާބު ކުރި ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން އަމީތާބު ވަނީ އޭނާއަށް ފަރުވާ ދިނުމުގައި ނަނަވަތީ ހޮސްޕިޓަލުގެ ސްޓާފުން ބެހެއްޓި އިހުސާންތެރިކަމާއި އޯގާތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.