ޚަބަރު

ޑިއުޓީ ބޮޑުކުރުމާއެކު ސިނގިރޭޓް ފޮއްޓެއްގެ އަގު 100 ރުފިޔާއަށް އުފުލިއްޖެ

އަލީ ޔާމިން

ޑިއުޓީ ބޮޑު ކުރުމާއެކު ސިނގިރޭޓު ފޮއްޓެއްގެ އަގު 100 ރުފިޔާއަށް އުފުލިއްޖެއެވެ.

ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައިވާ އިރު، ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖައްސާފައިވަނީ 200 ޕަސެންޓެވެ. ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި އިތުރަށް ނެގުމަށް ހަމަޖައްސާފައިވަނީ 25 ޕަސަންޓެވެ.

ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާއެކު ގިނަ ތަންތަނުން މިހާރު ސިނގިރޭޓް ފޮއްޓެއް ވިއްކަނީ 95 ރުފިޔާއާއޮ 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާއަކީ ސިނގިރޭޓުން ނެގޭ ޑިއުޓީން ލިބިފައިވާ ފައިސާއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ، ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެނެވުނު ބަދަލާއެކު އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދެއްގެ ސިނގިރޭޓް އިމްޕޯޓް ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެއެވެ.