ކުޅިވަރު

ނިއުކާސަލްގެ ޑީލް ހުއްޓުވައިލީ އިދިކޮޅު ވާދަވެރި ކްލަބުތައް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން: އަމަންޑާ

އައިދާ އަބްދުލް ހަކީމް

ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރި ބިޑް އަނބުރާ ގެންދަން ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިންމާފައިވަނީ ވާދަވެރި ކްލަބްތަކުގެ ނުފޫޒު އޮތުމުން ކަމަށް ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ވެރިޔާ އަމަންޑާ ސްޓަވިލީސް ބުނެފި އެވެ.

އަމަންޑާ އަކީ މެންޗެސްޓާ ސިޓީ ގަންނަން ޔޫއޭއީގެ މަހުޖަނު އަބޫދާބީ ގްރޫޕުގެ ވެރިޔާ ޝެއިހް މަންސޫރަށް އިނގިރޭސި ސަރުކާރުގެ ތެރެއިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ނިންމުމުގެ ޑީލުގައި ބްރޯކަރެއްގެ ގޮތުގައި އުޅުނު ފަރާތެވެ. ތިން މަހެއްހާ ދުވަސްކުރިން ނިއުކާސަކް ގަންނަން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް މިދިޔާ ބުރާސްފަތި ދުވަހު އެ ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށް ޕީއައިއެފް އިން ވަނީ އިއުލާނު ކޮށްފައެވެ.

މިފަހަރުގެ ޑީލުގައި ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން 80 ޕަސެންޓް ހިއްސާ ގަންނަން ނިންމާފައިވާއިރު، ބާކީ 20 ޕަސެންޓް އޮތީ އަމަންޑާ އާއި ރިއުބެން ބްރަދާސްގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭ ގޮތަށެވެ. ނަމަވެސް އެކަން ހުއްޓުވާލާފައިވަނީ ޑީލާ ދެކޮޅަށް ގިނަ ގޮތްގޮތުން ވާދަވެރި ކްލަބްތަކުން ވަރަށް ބުރަ މަސައްކަތް ތަކެއް ކޮށްގެން ކަމަށް އަމަންޑާ ވަނީ ތުހުމަތު ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނިއުކާސަލް ޑީލާ ދެކޮޅަށް މަސައްކަތްކުރި ކްލަބްތަކުގެ ތެރޭގައި ލިވަޕޫލާއި ޓޮޓެންހަމް އަދި އާސެނަލް ހިމެނެ އެވެ. މިދިޔަ ހަފްތާގައި ނިއުކާސަލްގެ އާ ބޯޑުގައި ރަޖިސްޓްރީކުރަން ހުށަހެޅުމުން ސައުދީ ސަރުކާރާ ސީދާ ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ޕްރިމިއާ ލީގުން ވަނީ ފަށައިފަ އެވެ. އެއީ ޕީއައިއެފް އަކީ ސައުދީ ސަރުކާރާ ވެސް ސީދާ ގުޅޭ ފަންޑަކަށްވާތީ އެ ފަންޑުން ނިއުކާސަލް އަށް ހަރަދުކުރާނީ ކިހާ މިންވަރެއްތޯ ބަލަން ޕްރިމިއާ ލީގު އޮފިޝަލުން ވަނީ ނިންމައިފަ އެވެ.

ނިއުކާސަލް އަކީ އިންގްލެންޑަށް ބަލާއިރު އެ ގައުމުގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެކެވެ. ނިއުކާސަލް އިން އެންމެ ފަހުން އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ކާމިޔާބެއް ހޯދީ މީގެ 65 އަހަރު ކުރިން 1955 ވަނަ އަހަރު އެވެ.