މާލޭ ސަރަަހައްދު ފިޔަވައި ރާއްޖޭގެ އެހެން ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގެރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަނގުރަލާއި އޫރުމަހާއި އެތަކެއްޗާ ގުޅުން ހުރި ތަކެތި ފިޔަވައި އެހެން މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިބިލު ތަސްދީގު ކުރެއްވީ ހުސްވި ޖުލައިމަހުގެ 23 ގަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއަދު އަމަލު ކުރަން ފެށި އިސްލާހާއެކު 1600 ބާވަތެއްގެ މުދަލުން ޑިއުޓީއަށް ނަގާ އަދަދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ގާނޫނަށް ގެނައި މި އިސްލާހާއެކު ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާއި ދެކުނުން ސ. ހިތަދޫގެ ސަރަހައްދީ ބަނދަރާއި މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައިވާ އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ގެންދާ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑައިލެވޭނެ އެވެ.

މި އިސްލާހުގައިވާ ގޮތުން ބަނދަރަށް ބާލާ މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑައިލެވޭ މުދަލަކީ، އެ މުދަލެއް ބާލާ ބަނދަރު ސަރަހައްދުގައި އެ މުދާ ގުދަންކޮށް ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ވާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ޝަރުތުކޮށްފައެވެ. އަދި އެފަދަ މުދަލުން ޑިއުޓީ ކުޑަކުރުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ދުރުހެލި ކުރުމަށް، އާންމުން ހޭލުންތެރި ކުުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިނގެރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިން ޕަސެންޓް، ޕަބްލިކް ހެލްތު ފަންޑަށް ޖަމާކުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވެއެވެ.

ސްޓޭޝަނަރީންނާއި، އުކައިލެވޭ ކާބޯތަކެތި ރައްކާތެރިކަމާއެކު ނައްތައިލުމަށާއި ކާޑު ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗާއި، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ސިންގަލް ޔޫސް ޕްލާސްޓިކު ނުވަތަ ޑިސްޕޯސަބަލް ފިލްމާއި ޓިއުބްރޯލުން ޑިއުޓީ ކަނޑައިލުމަށް ވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ ކާރު، ޖީޕް އަދި ވޭނުން ނަގަމުން އަންނަ 150 ފަސެންޓް ޑިއުޓީ 100 ޕަސެންޓަށް ދަށް ކުރުމަށްވެސް ހިމަނއިފައި ވެއެވެ.

ނަމަވެސް އެނާޖީ ޑްރިންކްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ލީޓަރަކުން 60 ރުފިޔާ ނެގުމަށްވެސް އިސްލާހުގައިވަނީ ހިމަނައިފައެވެ.