ބޮޑެތި ބަލި ތަކަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔަ ބަލި މީހެއްގެ އެހީތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދަ ކުންފުނިން ބުނީ ޕޮޒިޓިވްވީ މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ބަލި މީހެއްގެ އެހީތެރިއެއް ކަމަށެވެ.

އެބުރުގައި ދިޔަ ތިން ދިވެއްސަކު ވެސް މީގެ ކުރިން ވަނީ ކޮވިޑަށް ޕޮޒިިޓިވްވެފަ އެވެ. އާސަންދައިން ބުނީ ޕޮޒިޓިވްވި މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން އިންޑިއާގެ ހެލްތު ޕްރޮޓޮކޯލާ އެއްގޮތަށް އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓް ކޮށްފައިވާ ކަމަށެވެ. އެގޮތަށް އައިސޮލޭޓް ކުރިކަމުގައިވިޔަސް އެމީހުންގެ ހާލު ބަލައި އެސެސް ކުރުމަށްފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އާސަންދައިގެ ދަށުން ރާއްޖެއިން ލިބެން ނެތް ބޮޑެތި ބަދަލުތަކަށް ފަރުވާ ހޯދުން ތިން ބެޗެއް އިންޑިއާއަށް ގޮސްފައިވެ އެވެ. ތިން ވަނަ ބެޗު އިންޑިއާއަށް ފުރީ މިދިޔަ އަންގާރަ ދުވަހުއެވެ. އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ އެ ބެޗުގައި 28 ބަލި މީހަކާއި އެމީހުންގެ އެހީތެރިންނާއެކު 60 މީހަކު ގޮސްފައިވެ އެވެ.

އާސަންދައިން މިއަދު ބުނީ އެ ބެޗުގައި ދިޔަ އެންމެން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.

ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ތިން ދިވެއްސަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އާސަންދައިން ބުނީ އެތިން މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.