ޚަބަރު

ކާގޯއަށް ހާއްސަ ސްރީލަންކަންގެ ފްލައިޓު ރާއްޖެއަށް

އަލީ ޔާމިން

ސްރީލަންކަން އެއާލައިންސްއިން ދާދި ފަހުން ތައާރަފުކުރި އެ އެއާލައިނުގެ ހާއްސަ ކާގޯ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ސްރީލަންކަންގެ ކާގޯއަށް ހާއްސަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ފުރަތަމަ ދަތުރު ފާހަގަކޮށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.

ސްރީލަންކަން އެއާލައިންސްއިން ބުނީ، އަންނަ މަހުން ފެށިގެން އެ އެއާލައިންގެ ކާގޯ ދަތުރުތަކުން ޔޫރަޕްގެ ބޮޑެތި ސިޓީތައް ކަމަށްވާ ލަންޑަން، ޕެރިސް، ފްރެންކްފާޓު، މިލާން އާއި ރާއްޖެ ގުޅައިލާނެ ކަމަށެވެ. އޭގެ އިތުރުން، ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރުން ދެ ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށް އެ ފްލައިޓު އުޕަރޭޓުކުރާ އިރު، އެކަމުގެ ހެޔޮ އަސަރު ރާއްޖޭން އެކްސްޕޯޓު ކުރާ މުދަލަށް ކުރާނެ ކަމަށް ސްރީލަންކަންއިން ބުނެފައިވެއެވެ.

މިހާތަނަށް ސްރީލަންކަނުން ރާއްޖެއަަށް ކާގޯ ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ފަސިންޖަރުން އުފުލާ ފްލައިޓުތަކުގައެވެ.

ސްރީލަންކަން އެއާލައިންސް އިން އެއާބަސް މަރުކާގެ 26 ފްލައިޓު ބޭނުންކުރާއިރު އޭގެ ތެރެއިން އެއާބަސް އޭ330 ފްލައިޓެއް މިހާރު ވަނީ ހަމައެކަނި ކާގޯއަށް ހާއްސަކޮށްފައެވެ. މިއީ ކޮވިޑް 19އާއެކު ފަސިންޖާ ފްލައިޓްސް އަށް އޮތް ޑިމާންޑަށް ވުރެ ކާގޯ ފްލައިޓުތަކަށް އޮތް ޑިމާންޑު ބޮޑުވުމުން ގިނަ އެއާލައިންތަނަކުން އަޅާފައިވާ ފިޔަވަޅެކެވެ.

ސްރީލަންކަންއިން ބުނީ، އެ އެއާލައިންގެ ކާގޯ ފްލައިޓުގައި 40 ޓަނުގެ ކާގޯ އުފުލޭނެ ކަމަށެވެ. ސްރީލަންކަން އިން ކާގޯއަށް ފްލައިޓެއް ހާއްސަކޮށް އެ ފްލައިޓުގެ އޮޕަރޭޝަންތައް ފެށީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.