(27 ޖުލައި ގެ އަދަދާ ގުޅޭ)

"ماه بانو! ماه بانو! ކަލާ ފިލައިވަޑައިގެންނެވުމުގެ ބޭނުމެއް ނެތެވެ. ކަލާ އިންނަވަނީ މިގޭގައިކަން ރުސްތުމަށް އެނގިވަޑައިގަންނަވައެވެ. ރުސްތުމު ވަޢުދުވެވަޑައިގެންފައިވަނީ ހަނގުރާމައިން އެނބުރިވަޑައިގެންނެވުމާއެކު ކަލާގެ ބޭބޭފުޅު ދޫކޮށްލައްވާނެ ކަމުގައެވެ." އެހެން ވިދާޅުވުމާއެކު يـاسمـين ގެ ލޯފުޅުން ކަރުނަފޮދު އޮހޮރިގެންފިއެވެ.

ޤާދިސިއްޔާގެ ހަނގުރާމަޔަކީ ކުފުރާއި އިސްލާމާ ދެމެދުގައި ހިނގައިފައިވާ އެންމެ ބޮޑެތި މަޢުރިކާތަކުގެ ތެރެއިން އެއް މަޢުރިކާއެވެ. އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވީ ޢަރަބީންނާއި އަޖަމީންގެ ތެރެއިންވެސް އެންމެ މީސްވެފައިވާ އެންމެ ޖައުހަރުމޮޅު މީހުންގެ ތެރެއިން ބައެކެވެ. އެއީ އެތަކެއް ޤަރުނު މާޒީވެފައިވާ އިންސާނީ ތާރީޚުގެ މިސުރާބު އެހެން އަތަކަށް ބަދަލުވި ނާޒުކު މަރުޙަލާއެވެ. އެހަނގުރާމައިގައި ދެފަރާތުގެ ބައިވެރީންނަށްވެސް ތިމައުރެންގެ ގަދަވުމާއި ބަލިވުމަކީ ކިހައި މުހިންމު ކަމެއްކަން ފުރިހަމަޔަށް މޭރުންވެއެވެ.

ޤާދިސިއްޔާގެ މައިދާނުގައި سعـد بـن أبى وقّـاص رضـى اللّـه عنـــه ގެ ދިދައިގެ ދަށުގައި އެތިއްބެވި ތިރީސްހާސް ފަހުލަވާނުންގެ ތެރޭގައި ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދިދައިގެ ދަށުގައި ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ދަރަޖަ މަތިވެރި ޞަޙާބީންގެ ތެރެއިން ހަތްދިހަ ބޭކަލުން ހިމެނިވަޑައިގެންނެވިއެވެ. ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި ތިންސަތޭކަ ބޭކަލުން ތިއްބެވިއެވެ. މައްކާ ފަތަޙަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ނަސީބުވެރި ބޭކަލުން ހަމަ އެއަދަދަށް ތިއްބެވިއެވެ. އެ ޣާޒީންނަކީ އިސްލާމްދީނަށް ފަތަޙަ ހޯއްދެވުމާއި އެބޭކަލުންނަށްޓަކައި ޝަހީދުންގެ ލަޤަބު ހޯއްދެވުމުގެ އެދުންފުޅަށްވުރެ ބޮޑު އެހެން އެދުންފުޅެއް ނެތް ބޭކަލުންނެވެ. އެބޭކަލުންގެ ތެރޭގައި ހަނގުރާމަ ނިންމަވައިފައި ގެޔަށް ވަޑައިގެންނެވުމުގެ އެދުންފުޅުގައި ހުންނެވި އެއްވެސް ބޭކަލަކު ނެތެވެ. އެހުރިހައި ބޭކަލުންގެވެސް ޔަގީންފުޅުކަން ގުޅިފައިވަނީ ކީރިތި ޤުރުއާނުގެ މިދަންނަވާ އާޔަތާއެވެ.

"ހަމަކަށަވަރުން اللّـه ގެ އިޒުނަޔާއެކު ކިތައްކިތައް މަދު ޖަމާޢަތުގެ މީހުންގިނަ ޖަމާޢަތުގެ މީހުންގެ މައްޗަށް ގަދަވެގެންފައި ވޭހެއްޔެވެ؟ اللّـه ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ." (البقرة: 249)

أميـرالمؤمنـين އެހަނގުރާމަޔާމެދު ބެހެއްޓެވި ޝައުޤުވެރިކަމުގެ ބޮޑުކަމުން މަދީނާއިން ފެށިގެން ޤާދިސިއްޔާއާ ހަމަޔަށް އެލަޝްކަރު ދަތުރުކުރާންވީ ގޮތާއި މަންޒިލް ކުރާންވީ މުހިންމު ތަންތަން ކަނޑައެޅުއްވީ ޚުދު أميـرالمؤمنـين އެވެ. ލަޝްކަރުގެ އަމީރަށް ކޮންމެ މަންޒިލަކުންވެސް ވަނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވި މުޖާހިދުން ލިބިވަޑައިގެންފައެވެ. سعـد بـن أبى وقّـاص رضـى اللّـه عنـــه ޢިރާޤުގެ ސަރަޙައްދަށް ވެދެވަޑައިގެންނެވުމަށްފަހު ކޮންމެ ދުވަހަކުވެސް އެކަލޭގެފާނުގެ ޤާސިދަކު ޚިލާފަތުގެ ދަރުބާރަށް ފޮނުއްވަމުން ގެންދެވިއެވެ. އޭރަކު ތިއްބެވި ތަނަކާއި އެތަނެއްގެ ޖޯގްރަފީ ޙާލަތާއި ލަޝްކަރުގައި ޢަސްކަރީ ފޯރުމާލު ހުރިވަރަކާއި ހުރިހައި މަޢުލޫމާތުތަކެއް ފޮނުއްވަމުން ގެންދެވިއެވެ. ލަޝްކަރު ކުރިޔަށް ހަރަކާތްކުރާންވީ ގޮތަކާއި ކޮމާންޑަރުންނާއި ނަޤީބުން ހަމަޖައްސަވަންވީ ގޮތަކާއި ދިދަ ހަވާލުކުރައްވާންވީ ބޭކަލުންނާއި މިހުރިހާ ކަމެއް ޚިލާފަތުގެ ދަރުބާރުން ވަގުތުން ވަގުތަށް އަންގަވަމުން ގެންދެވިއެވެ. ޤާދިސިއްޔާގެ ޙާލަތު އެންގެވުމުން ލަޝްކަރު ރުކުރުއްވާނެގޮތާއި މައިދާން ޚިޔާރުކުރައްވާނެގޮތާއި މިހުރިހައިކަމެއް ބަރާބަރަށް އަންގަވަމުން ގެންދެވިއެވެ. އެހަނގުރާމަޔަކީ ޤާބިލު ކޮމާންޑަރ އިން ޗީފަކު ދުރުގައި ހުންނަވައިގެން އޭނާގެ ލަޝްކަރު ހަރަކާތްތެރި ކުރުއްވާނެގޮތުގެ ވަރަށްވެސް ފުރިހަމަ ނަމޫނާއެކެވެ. އެހެންކަމުން ލަޝްކަރުގެ އަބްޠާލުންނަށް ހީފުޅުކުރެއްވެމުން ގެންދިޔައީ أميـرالمؤمنـين އެބޭކަލުންގެ އަރިހުގައި އެބަހުންނެވި ކަމުގައެވެ.

އެ ލަޝްކަރަކީ މުޅި ޢަރަބި ދުނިޔޭގެ ހިތުގެ ވިންދުތަކާއި އުންމީދުތަކާއި ހިތްވަރާއި ފަންވަރުގެ އަމީނުންނެވެ. أميـرالمؤمنـين عمـر بــن الخطّاب رضى اللّـه عنــه ވަނީ ޢަރަބި އުންމަތުގައި ތިއްބެވި ވާހަކަދެއްކުންތެރީންގެ ތެރެއިން އަޑުއަހާ މީހުންގެ ހިތްތަކުގައި ޖާދޫގެ އަސަރު އުފައްދައިލައްވާ ވާހަކަ ދެއްކުންތެރީން އެލަޝްކަރުގައި ހިމަނުއްވައިފައެވެ. ފިރިހެނުންގެ ނާރުތަކުގައި ލޭހިނގުން ހަލުވިކޮށްލައްވައި ހިތްވަރާއި ފަންވަރާއި ޖޯޝާއި ފޯރީން ހިތްތައް ކައްކުވައިލައްވާ ޝާޢިރުން ބައިވެރިކުރައްވައިފައެވެ. ކުރުކޮށް ދަންނަވާނަމަ އެ ތިރީސްހާސް މުޖާހިދުންނަކީ ސާހިބުންނާއި އަޅުންގެ އަނިޔާވެރީންނާއި އަނިޔާލިބޭ މީހުންގެ ދުނިޔޭގައި ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ ދިދަ ވިހުރުއްވައިލެއްވުމަށްޓަކައި ޤުދުރަތުން އިންތިޚާބު ކުރައްވައިފައިވާ މިއްލަތުގެ ޖިސްމާނީ ބާރާއި ރޫޙާނީ ބާރާއި ވިސްނުމުގެ ބާރުގެ މުޅި ޖައުހަރު ކަމުގައި ހިމެނިވަޑައިގަންނަވާ ޤާބިލު ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ތިރީސްހާސް ބޭކަލުންނެވެ. އެބޭކަލުންގެ މާޒީ ގުޅިފައިވަނީ ބަދުރާއި ހުނައިނުގެ މަންޒިލުތަކާއެވެ. އެބޭކަލުންގެ ޢަޒުމާއި ހިތްވަރުފުޅާއި ޔަޤީންފުޅުކަމުގެ ތެރެއިން ދެކެވަޑައިގަންނަވަނީ ފުރާތުކޯރާއި ދިޖުލާކޯރު ފަސްދީ އަޖަމުކަރައިގެ ސަރާސަރުކަމުގެ ތެރެއިން މުސްތަޤުބަލުގެ ފުތޫހާތު އެބޭކަލުންނަށް އިންތިޒާރު ކުރަމުންގެންދާ މަންޒިލުތަކެވެ. ޤާދިސިއްޔާއަކީ އެ ފުތޫހާތަށް މަގު ހުޅުވައިދޭ ދޮރޯއްޓެވެ. ޢަޖަމީންގެ ކުރިމަތީގައި އެ ދޮރޯށި ޙިމާޔަތްކުރުމަކީ ފަނާވުމާއި ދިރިތިބުމާގުޅޭ މައްސަލައެކެވެ.

+ + + + +

ރުސްތުމު ޝާހީ ދަރުބާރުގެ ވައިއަޅުވާ މީހުންނާއި އާދެ މަސާހިބު ދަންނަވާ މީހުންދެކެ ހިތްޕުޅުން ކޯފާވަމުން ސާބާޠަށް ވަޑައިގެންފިއެވެ. ތަރިތަކުގެ ދައުރުވުންހުރީ އީރާނާ ދެކޮޅަށްކަމަށް އޭނާ ކުރީން ލަފާކުރެއްވި ލަފާކުރެއްވުން މިހާރުވަނީ ޔަގީންކަމަށް ބަދަލުވެފައެވެ. ¹ނުޖޫމީންގެ ވާހަކަތައް އޭނާއަށް އެންމެބޮޑަށް ކަށަވަރުކުރެއްވުނީ ޔަޒުދުގިރުދު މުސްލިމުންގެ ކޮމާންޑަރ އިން ޗީފަށް އީރާނުގެ ވެލި ފޮނުއްވުމުންނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އެކިއެކި ބަހަނާތައް ސަބަބަކަށް ހައްދަވައިގެން ޤާދިސިއްޔާއަށް ވަޑައިގެންނެވުން ލަސްކުރައްވަމުން ގެންދެވިއެވެ.

1.ބައެއް ރިވާޔަތްތަކުގައިވާގޮތުން ރުސްތުމަށް ވަނީ ސުންޕާ ހުވަފެންފުޅެއްވެސް ފެނިވަޑައިގެންފައެވެ. އެހެންކަމުން އޭނާ ބޭނުންފުޅުވީ ހަނގުރާމަ ނުފައްޓަވައި ލަސްކުރައްވާށެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން އޭނާ ދެފުށުއެޅިވަޑައިގެންނެވުމުގެ ސަބަބަކީ ފެނިވަޑައިގެންނެވި ބަވަތިތަކެކެވެ. ކޮންމެއަކަސް އޭނާގެ ވަރުގަދަ ތައްޔާރުވެވަޑައިގެންނެވުމާއި އޭނާޔަށް ލިބިވަޑައިގެންފައިވާ ސުމާރެއް ނެތްހައި ގިނަ ވަސީލަތްތަކާއެކުވެސް އޭނާ އެތައް މަސްތަކެއް ވަންދެން ހަނގުރާމަ ނުފައްޓަވައި ލަސްކުރައްވަމުން ގެންދެވިއެވެ.

މަޖޫސީންގެ ވަހުމަށް އަޅުވެތިވުމަކީ އިތުރު ޝަރަޙަތަކަކަށް ބޭނުންވާ ކަމެއް ނޫނެވެ. ޤާދިސިއްޔާގެ ހަނގުރާމައިގެ އެތައް ސައްތަ އަހަރުތަކެއްގެ ކުރީން ހިނގައިފައިވާ ކަމެކެވެ. ސިކަންދަރު އަޢުޒަމު އީރާނަށް ޙަމަލަ ދެއްވުމުން ދާރާގެ ހައިބަބޮޑު ބިޔަ ލަޝްކަރުވަނީ ހަނދުކޭތަ ހިފިތަން ފެނިފައި ހިތްވަރު އެލުވައިލައިފައެވެ. ބުދަށް އަޅުކަންކުރާ ޔޫނާނީންނަކީވެސް ވަހުމަށް އަޅުވެތިވާ ބައެކެވެ. ހަނދުކޭތަ ހިފުމުގެ ސަބަބުން ސިކަންދަރުގެ ލަޝްކަރުގައިވެސް ސިހުމާއި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް ސިކަންދަރު އޭނާގެ ލަޝްކަރުގެ ހިތްވަރު އެލުނަ ނުދެއްވުމަށްޓަކައި އެ ހާދިސާ ސަރަޙަކުރެއްވިއެވެ. އޭނާ ލަޝްކަރަށް އެންގެވިއެވެ. އެހެރީ އީރާނުގެ ހަނދުގައި ޔޫނާނުގެ ކޭތަ ހިފައިފައެވެ. އޭނާ އޭނާގެ ލަޝްކަރަށް ފަތަޙައިގެ ބެރުޖަހަން އަމުރުކުރެއްވިއެވެ. ހަމައެއާއެކު އީރާނީންގެ ލަޝްކަރުގެ ތެރެޔަށް އީރާނީންގެ ހެދުމުގައި ޖާސޫސުންގެ ބަޔަކު ފޮނުއްވިއެވެ. އެމީހުން އީރާނީ ލަޝްކަރުގެ ތެރޭގައި ވާހަކަ ފަތުރައިފިއެވެ. އީރާނު ބަލިވާނެކަމީ މިހާރު ޔަގީންކަމެކެވެ. ދުޝްމިނުންގެ ލަޝްކަރުގެ ތެރެއިން އުފާވެރިކަމުގެ ނައުރާގެ އަޑުއިވޭން ފެށުމުން އީރާނީންގެ ހިތްވަރު އެލިއްޖެއެވެ. އީރާނުގެ ލަޝްކަރު ޢިބުރަތްތެރި ގޮތަކަށް ބަލިވެއްޖެއެވެ.

ނަމަވެސް އެ ހާދިސާއާ ޤާދިސިއްޔަތުގެ ހާދިސާ ވަރަށް ތަފާތެވެ. ރުސްތުމު އޭނާގެ ވަހުމަށް އަޅުވެތިވެވަޑައިގެންނެވުމާއެކުވެސް ނުހަނު ހިތްވަރުފުޅާއި ކެރިވަޑައިގެންނެވުމާއެކު މުސްލިމުންނާ ހަނގުރާމަ ކުރެއްވިއެވެ. އެއްވެސް މުއައްރިޚަކަށް އޭނާޔަށް ފިނޑިފުޅުކަމުގެ މަލާމާތެއް ނުކުރެއްވޭނެއެވެ. ޝައްކެއްނެތެވެ. އޭނާ ޔަޒުދުގިރުދަށްވުރެ ބޮޑަށް ޙަޤީޤަތް ޤަބޫލު ކުރައްވައެވެ. އޭނާގެ ސިފަވަންތަ ވިސްނުންފުޅުންވަނީ އަންނާންއުޅޭ ނުރައްކާ އަންދާޒާ ކުރެއްވިފައެވެ. خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة (رضى اللّـه عنــهما) ގެ ފުތޫހާތުގެ ސަބަބުން އޭނާއަށްވަނީ ބޭރުފުށުގެ ސަބަބުތައް ކިތަންމެ ފުރިހަމަ ކަމުގައިވިޔަސް އީރާނީންނަށް މުސްލިމުންނާ މުޤާބަލާ ނުކުރެވޭނެކަން ޔަގީންކުރެއްވިފައެވެ. އިސްލާމީ ލަޝްކަރުގެ މަންދޫބުންނާ އޭނާއާ ދެކެވުނު ވާހަކަތަކަށް ވިސްނައިލުމުން ރުސްތުމަށް ލިބިވަޑައިގެންފައިވާ ހިސާބެއް ނެތްހައި ގިނަ ވަސީލަތްތަކާއެކުވެސް އޭނާ ހުންނެވީ މުސްލިމުންދެކެ ޖެހިލުންވެވަޑައިގެންފައިކަން އެނގޭ އެތައް ހެކިތަކެއްވަނީ ލިބިފައެވެ.

ކޮންމެއަކަސް ރުސްތުމު ހިތްޕުޅާ ދެކޮޅަށް ސާބާޠުން ފުރައިވަޑައިގެންފިއެވެ. އޭނާ ދަތުރުކުރެއްވި މަގުގެ އެކި މަންޒިލުތަކުން އީރާނުގެ އެހެނިހެން ޖަނަރަލުން އޭނާއާ އިސްތިޤުބާލު ކުރެއްވިއެވެ. އީރާނީ ބިޔަ ލަޝްކަރުގެ1 މެދުތެރޭގެ ފަސްދޮޅަސްހާސް ސިފައިން ތިބީ ސީދާ ރުސްތުމުގެ ކޮމާންޑުގެ ދަށުގައެވެ. އޭނާގެ ބާރުގެ ދަށުގައި ހަނގުރާމަމަތީ އެތުގެ ސަތޭކަ އެތް އޮތެވެ. އިސްލަޝްކަރުގައި ސާޅީސްހާސް ސިފައިންނާއި ވިހި އެތް ހިމެނެއެވެ. އިސްލަޝްކަރުގެ ކޮމާންޑަރަކީ ޖާލީނޫސެވެ. ވާތްފަރާތުގެ އަރިމަތީގައި ތިރީސްހާސް ސިފައިންނާއި ހަތްދިހަފަސް އެތް ހިމެނެއެވެ. ކޮމާންޑަރަކީ މެހެރާން2 ބިން ބަހުރާމް ރާޒީއެވެ. ކަނާތްފަރާތުގެ އަރިމަތީގައިވެސް

1.އީރާނީ ލަޝްކަރުގެ ޖުމުލަ އަދަދާމެދު އައިސްފައިވަނީ މައިގަނޑު ތިން ރިވާޔަތެކެވެ. އެއީ އެއްލައްކަ ވިހިހާހާއި އެއްލައްކަ އައްޑިހަ ހާހެވެ. ބައެއް ރިވާޔަތްތަކުގައި ދެލައްކަ ކަމަށްވެސް އައިސްފައިވެއެވެ.

2.އީރާނުގެ ކޮމާންޑަރުންގެ ތެރޭގައި މެހެރާނެވެ ކިޔޭ ދެބޭފުޅަކު ތިއްބެވިއެވެ. އެއްބޭފުޅަކީ މެހެރާން ބިން މަހްރަވިއްޔާ އަލްޙަމްދާނީއެވެ. އޭނާ ވަނީ ބުވައިބު ހަނގުރާމައިގައި ޤަތުލުވެފައެވެ.

ތިރީސްހާސް ސިފައިންނާއި ހަތްދިހަފަސް އެތެވެ. ކޮމާންޑަރަކީ ހުރުމުޒާނެވެ. ސާޤާ (ފެނާއި، ކާބޯތަކެއްޗާއި އެހެނިހެން ޢަސްކަރީފޯރުމާލާ ހަވާލުވެފައިވާ ބައި) ގައި ވިހިހާސް ސިފައިންނާއި ތިރީސް އެތެވެ. އެބައިގެ ފަހަތުގައިވަނީ ޚަޒާނާތަކާއި މުދާ އަރުވައިފައިވާ ޖަމަލުތަކާއި ބަޣަލްތަކެވެ. (އެބައިގެ ކޮމާންޑަރަކީ ބަރުޒާނެވެ.) ގޮށްފުޅަނގި ބައިގަނޑެއްފަދަ އެބިޔަ ލަޝްކަރު ދަތުރުކުރަމުންއައީ ނޮޅައިލައިފައިވާ ދަނޑުފަގާއި ވީރާނާ ކޮށްފައިވާ އަވަށްތައް ފަހަތަށް ދޫކުރަމުންނެވެ. އެލަޝްކަރު ދިޖުލާކޯރު ހުރަސްކުރީ ބާބިލާ ކައިރީންނެވެ. އެއަށްފަހު ހީރަތު އެފުށްމިފުށަށް ޖަހައިލުމަށްފަހު ޢަޤީޤު އާރުގެ ކައިރީން ޤާދިސިއްޔާގައި މުޢަސްކަރު ހަދައިފިއެވެ.

އިސްލާމީ ލަޝްކަރުގެ ފަހަތުގައި އޮތީ ޝާހުޕޫރުގެ ޚަންދަގެވެ. އެތާނގެ އެއްކޮޅު ހުޅަނގުފަރާތުން ހީރަތަށްވުރެ ދުރަށްގޮސް ގުޅެނީ ފުރާތުކޯރާއެވެ. ޚަންދަގުގެ ފަހަތުގައި ވަނީ ދެކުނަށްގޮސް ލޮލުކޮޅަށް އޮބައިލައިފައިވާ ޢަރަބިކަރައިގެ ތަނަވަސް ބައްރާ ގުޅިފައިވާ ފަރުބަދަތަކާއި ސަހަރާތަކެވެ. ކަނާތްފަރާތުގައި ވަނީ ގިރާކޮށްނުލެވޭފަދަ ފެންގަނޑުގަނޑާއި ކިސަޑު ގަނޑެވެ. ކުރިމަތީގައިވަނީ ވަރަށް ފުން އަދި ފުޅާކޯރެވެ. އެއީ ފުރާތުކޯރުގެ ކަތްޕެކެވެ. ރުސްތުމު ފޭލިގެ ޖައްސަވައިގެން ހުންނެވީ އެކޯރުގެ އަނެއް ފަރާތުގައެވެ.

ދެފަރާތުގެ މުޢަސްކަރުވެސް ރައްކާތެރިކަމުގެ ގޮތުން ދާދި ހަމަހަމައެވެ. މުސްލިމުން އިސްވެ ކޯރު ހުރަސްކުރާކަށެއް ބޭނުމެއް ނޫނެވެ. ކޯރާއި ޚަންދަގާ ދެމެދުގައިއޮތް ސަރާސަރު މައިދާން ލަޝްކަރު ކޮޅުކޮޅަށް ހަރަކާތްކުރުމަށްޓަކައި ރައްކާތެރިކަމާއެކު ބާއްވަވަން މުސްލިމުން ބޭނުމެވެ. (سعـد بـن أبى وقّـاص رضـى اللّـه عنـــه ޢަސްކަރުގާހު ހައްދަވައިފައިވަނީ ކައުސާހިބާ صلّى اللّـه عليه وسلّم ބަދުރުގެ މައިދާނުގައި އިސްލާމީ ލަޝްކަރު އެތުރުއްވިގޮތުން މާދިރީ ނަންގަވައިގެންނެވެ. އެމޫސުމުގައި އިރު ހިނގާ ދަނޑީގެގޮތުން ދުވާލުގެ އެއްވެސް ވަގުތަކު މުސްލިމުންގެ ލޮލާއި އިރަކާ ދިމައެއް ނުވެއެވެ. މުސްލިމުން ތިބީ އެހިސާބުގަނޑުގެ ވައިމަތީގައެވެ. މައިދާނުން އުފުލޭ ހުރިހައި ހިރަފުހެއްދާނީ މުސްލިމުންނާ ދުރަށެވެ. ފާރިސީންނާ ދިމާޔަށެވެ. އިސްލާމީ ލަޝްކަރު ރުކުރުވާލައްވައިފައިވާގޮތުން އީރާނުގެ ލަޝްކަރަށް އެއުރެންގެ ބައިބޯކަމުގެ ފައިދާ ހޯދޭނެ ޖާގައެއް ނެތެވެ. ރުސްތުމު އެކަން ބަދަލުކުރެއްވޭތޯ ލައްކަ ހިންތާ ހެއްދެވިއެވެ. ނަމަވެސް سعـد ގެފާނު ރުސްތުމުގެ އެއްވެސް ރޭއްވެވުމެއް ކަމުފޮޅިޔަކަ ނުދެއްވިއެވެ.)

ރުސްތުމު ޙަމަލަ ދެއްވުން އަވަސްކުރައްވާކަށެއް އެއްގޮތަކަށްވެސް ބޭނުންފުޅެއް ނޫނެވެ. ކުރީންވެސް ދެންނެވި ފަދައިން އޭނާ ބޭނުންފުޅުވީ ހަނގުރާމަ ދިގުދަންމަވާށެވެ. ޢަސްކަރީފޯރުމާލަށް ޖެހިގެން ދުވަސްކޮޅެއްގެ ތެރޭގައި މުސްލިމުންނަށް ޤާދިސިއްޔާ ދޫކޮށްލަން މަޖުބޫރުވެދާނެކަމުގެ އުންމީދު އޭނާ އަދިވެސް ދޫކޮށެއް ނުލައްވައެވެ.

(ނުނިމޭ)