ޚަބަރު

ވާދަވެރި ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން މުހިންމު: ރައީސް ނަޝީދު

ވާދަވެރި ސިޔާސީ ލީޑަރު ހުންނަވާ ތަނަށްވުރެ މުހިންމީ ލީޑަރު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ޖަލުގަ އެވެ. އަދި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމުން ގެންދަނީ ތަކުރާރުކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ، ވާދަވެރިންގެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަކީ ކޮން ބައެއްކަން، ވާދަވެރިންނަށް އެނގެންޖެހޭ ކަމަށާއި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވުން ބޭނުންތެރި ކަމަށް ވެސް ވިދާޅުވި އެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ވާދަވެރި ސިޔާސީ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޮވާލައްވައިފަ އެވެ.