ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ދިވެހީންގެ ހާލު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ތިބި ދިވެހިންގެ ހާލު ނައިބު ރައީސް ބައްލަވައިލައްވާފައިވަނީ އެ ހޮސްޕިޓަލުގެ ޑިރެކްޓާ - އިންޓަނޭޝަނަލްޕޭޝަންޓް ރިލޭޝަންސް ބާބޫ މެނަންއާ ފޯނުން ގުޅުއްވައި ވާހަކަފުޅުދައްކަވައިގެންނެވެ.

ނައިބު ރައީސް މިއަދު ކުރެއްވި މި ފޯނު ކޯލުގައި، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ބަލި މީހުންނަށް އިންޑިއާއަށް ދަތުރުކޮށް، ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުމުގައި އިންޑިއާގެ ސަރުކާރުން އަދާކުރެއްވި ދައުރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ކޮވިޑް 19ގެ މި ހާލަތުގައިވެސް އަމްރިތާ ހޮސްޕިޓަލުން ދިވެހި ޕޭޝަންޓުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ނައިބު ރައީސް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ކޮވިޑާ ގުޅިގެން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ނައިބު ރައީސް ސުވާލުކުރައްވައި ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ނައިބު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހަމައެއާއެކު އަމްރިތާ ހޮސްޕިޓަލުގަިއ މިހާރު ފަރުވާ ހޯދަމުން އަންނަ ހުރިހާ ދިވެހިންގެ ހާލަތު ވަކިވަކިން އައްސަވައި، ހާއްސަކޮށް ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސްފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރު ކުރި ދިވެހިންގެ މައުލޫމާތު ނައިބު ރައީސް އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި މި ދިވެހީންގެ ކަންކަން ވަރަށް ގާތުން ބެއްލެވުމަށް ނައިބު ރައީސް ބާބޫ މެނަންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކުރިއަށް އޮތްތާނގައިވެސް ގިނަ އަދަދެއްގެ ދިވެހިން ސިއްހީ ފަރުވާ ހޯދުމަށް އަމްރިތާ ހޮސްޕިޓަލު ހިޔާރުކުރައްވާނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދާ ދިވެހިންނަށް ބޭނުންވާ ހިދުމަތާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބާބޫ މެނަންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އެގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކުގެ މީހުން އެގައުމަށް ބޭސްފަރުވާއަށް ފޮނުވުމުގެ މަސައްކަތް ދެގައުމުގެ ސަރުކާރުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 60 ދިވެހިން އިއްޔެ ވަނީ އިންޑިއާއަށް ފުރައިފައެވެ.