ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 60 ދިވެހިން މިއަދު އިންޑިއާއަށް ފުރައިފިއެވެ.

އާސަންދައިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދިން ހުއްދައާއެކު، އާސަންދައިގެ ހަރަދުގައި ފަރުވާ ހޯދުމަށް މިއަދު މެންދުރުފަހު 3:45 ގައި ބަލިމީހުންނާއި އެހީތެރިންނާއެކު 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ފުރާފައިވާ ކަމަށެވެ. މިއީ މިގޮތަށް އިންޑިއާއަށް ފުރި ތިންވަނަ ބެޗެވެ.

އާސަންދައިން ބުނީ މި ބެޗްގައި ވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި، އެގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.

މިއަދު ފުރި ބަލި މީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކަމަށާއި ކަރަންޓީނުގައި ތިބޭނީވެސް އެ ހޮސްޕިޓަލުގައި ކަމަށެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށްގެންދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިން ބުނީ މިމަހުގެ 14 ވަނަ ދުވަހު ފުރި ބެޗްގައި ދިޔަ ތިން ދިވެހިން ކޮވިޑަށް ޕޮޒިޓިވްވުމުން، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން އިންޑިއާގެ ހެލްތު ޕްރޮޓޮކޯލާ އެއްގޮތަށް، އެހެން ފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. މިގޮތަށް އައިސޮލޭޓްކުރި ކަމުގައިވިޔަސް އެމީހުންގެ ހާލު ބަލައި އެސެސްކުރުމަށްފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަ ކަމަށްވެސް އާސަންދައިން ބުންޏެވެ.

އިންޑިއާގެ ހާއްސަ ހުއްދައާއެކު ބޭސްފަރުވާއަށް އެގައުމަށްދިޔަ ތިން ދިވެއްސަކު ވަނީ މަރުވެފައެވެ. އާސަންދައިން ބުނީ އެތިން މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން މީހުން ކަމަށެވެ.