ވޮލީ ބޯލް

މިއަހަރު ބާއްވަން ނިންމާފައިވާ އޭވީސީގެ ބައެއް މުބާރާތްތައް ކެންސަލްކޮށް ބައެއް މުބާރާތްތައް ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

އޭޝިއަން ވޮލީބޯލް ފެޑަރޭޝަން (އޭވީސީ) އިން މިއަހަރު ބާއްވަން ރާވާފައިވާ އަންޑާއޭޖްގެ މުބާރާތްތައް ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކެންސަލްކޮށްފިއެވެ.

އަންޑާއޭޖް މުބާތާތްތައް ފަސްކޮށްފައިވަނީ އަންނަ އަހަރަށެވެ. އޭވީސީން މިކަން އަންގާފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބީ ރައީސް އަދި އޭވީސީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ލަތީފަށް އެޑްރެސްކޮށް ފޮނޮއްވި ސިޓީއެއްގައެވެ.

އޭވީސީން ބުނެފައިވަނީ މުބާރާތްތައް ކެންސަލްކުރަން ޖެހުނީ ކޮވިޑާ ގުޅިގެން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ފާހަގަކުރެވިފައިވާތީ އާއި ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައިވާތީ އެ ފެޑަރޭޝަނުގެ މެންބަރު ގައުމުތަކާ އެކަމާ މެދު މަޝްވަރާކޮށް އެމީހުންގެ ހިޔާލާ ވެސް އެކުގައި ކަމަށެވެ.

އޭވީސީން ބުނެފައިވަނީ އެކި ގައުމުތަކުގައި މުބާރާތް ބާއްވާއިރު ކޮވިޑާ ގުޅިގެން ބަލި ފެތުރުމުގެ ބިރާއި އަދި އެގައުމުތަކަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިއަހަރު މުބާރާތްތައް ނުބޭއްވޭނެކަން އެގައުމުތަކުންވެސް އެ ފެޑަރޭޝަނަށް އަންގާފައިވާ ކަމަށެވެ.

ހަތްވަނަ އޭވީސީ މެންސް އަދި ވުމަންސް ކަޕް ކެންސަލްކޮށްފައިވާ އިރު، ތިންވަނަ އޭޝިއަން 19 އަހަރުން ދަށުގެ ބީޗް ވޮލީ ބޯލް ޗެމްޕިއަންޝިޕް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އޭވީސީން ބުނެފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީގެ 28ގެ ކުރިން އަންޑާއޭޖް ކޮލިފިކޭޝަން މުބާރާތްތައް ނުބޭއްވިއްޖެނަމަ އޭޝިއާ ސަރަހައްދުން އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ މިދިޔަ އަހަރުގެ އަންޑާއޭޖް ކޮލިފިކޭޝަން ކުޅެ ކޮލިފައިވި ޓީމްތައް ކަމަށެވެ.

މީގެ އިތުރުން އޭވީސީން ބުނެފައިވަނީ އެ ފެޑަރޭޝަނުގެ ޖެނެރަލް އެސެމްބްލީ މިއަހަރުގެ އޮކްޓޯބަރު މަހު ބާއްވާނެ ކަމަށެވެ. ކޯވިޑް 19އާ ގުޅިގެން ފަސްކޮށްފައިވާ އޭވީސީގެ ޖެނެރަލް އެސެމްބްލީ ދެން ބޭއްވޭނެ ތާރީޚެއް އިއުލާން ކުރާނީ އެފްއައިވީބީގެ ވޯލްޑް ކޮންގްރެސް ބޭއްވޭނެ ތާރީޚެއް ކަނޑައެޅުމުންނެވެ. އޭވީސީން ބުނެފައިވަނީ ޖެނެރަލް އެސެމްބްލީ ބޭއްވުމުގެ ދެ މަސް ކުރިން ހުރިހާ ގައުމުތަކަށްވެސް އަންގާނެ ކަމަށެވެ. އެއީ ބަައިވެރިވުމާއި ވިސާ ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށްވެސް އެ ފެޑަރޭޝަނުން ބުނެފައިވެއެވެ.